މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މޫދަށް ގޮސް އުޅެނިކޮށް ގެއްލުނު 18 އަހަރުގެ މުހަންމަދު ނައީޝް ހޯދަން ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވީ ނަމަވެސް، އޭނާގެ ހަބަރެއް ނުވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދީފިއެވެ.
އައްޑޫ ސިޓީގައި މޫދަށް ފޭބިފަހުން ގެއްލިގެން ހޯދަމުންދާ ނައީޝް ހޯދުމަށް ކުރިއަށް ގެންދާ ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަންގައި ވައިގެ މަގުން 279 ސްކޮޔާ ނޯޓިކަލް މޭލު، ކަނޑު މަގުން 300 ސްކޮޔާ ނޯޓިކަލް މޭލު އަދި ޑައިވްކޮށްގެން 600 މީޓަރުގެ ސަރަހައްދެއް އިއްޔެ ބަލާފައިވާ ކަމަށްވެސް އެފަރާތުން މައުލޫމާތު ދީފައިވެއެވެ.
ނާއިޝް ގެއްލުނީ ސ. ގަމުގެ ފުއްޓަރު ފަރާތަށް މޫދަށް ތިން ރައްޓެހިންނާ އެކު ގޮސްގެން އުޅެނިކޮށެވެ. އެ ސަރަހައްދަކީ ކަކޫތާ ފެނުގައި އޮންނަ އެކަމަކު، ވަޅުގަނޑުގަނޑު ގިނަ ސަރަހައްދެއް ކަމާއި އެހެންވެ، އެއިން ވަޅުގަނޑަކަށް ގެނބުނަސް، ސަލާމަތްވާން ދެން ވަރަށް އުނދަގޫވާނެ ކަމަށް އެ ރަށު މީހުން ބުނެ އެވެ. ނާއިޝް އަކީ އެރަށު ހައި ސްކޫލްގައި ގްރޭޑް 12 ގައި ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރެކެވެ.
ނާއިޝް ގެއްލުނު ސަރަހައްދަކީ މީގެކުރިން ވެސް މިފަދަ ހާދިސާތައް ހިނގާފައިވާ ތަނެކެވެ.