ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއެރުން ހޯދަމުން އަންނަ ބ. ފުޅަދޫއަށް ދިވެހި ޤައުމީ އެއާލައިނުގެ ސީޕްލޭން ދަތުރުތައް ފަށައިފިއެވެ.
މޯލްޑިވިއަންގެ ސީޕްލޭންތައް ކޮންމެ އާދީއްތަ އަދި ބުރާސްފަތި މިދެދުވަހު ފުޅަދޫއާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ދެމެދު ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއަދު ފެށުނު މި ދަތުރުތަކުގެ ސަބަބުން ކުރިއަރަމުން އަންނަ ބ. އަތޮޅުގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.
މޯލްޑިވިއަން އިން ބުނެފައިވަނީ ދަތުރުތަކަށް ޑިމާންޑް ބޮޑުވާނަމަ ސީޕްލޭން ދަތުރުތައް ގިނަ ކުރާނެކަމަށެވެ. ބ. އަތޮޅުގެ ފެހެންދޫ އަދި ގޮއިދޫ އަކީ ފުޅަދޫއާއި އެއް ފަޅެއްގައި އޮންނަ، ރަށުފަތުރުވެރިކަން ފުޅާވަމުންދާ ދެ ރަށެވެ. ސީޕްލޭން ދަތުރުގެ ސަބަބުން ފަސޭހަކަމާއިއެކު މިތިން ރަށަށް ފަތުރުވެރިންނަށް ޒިޔާރަތްކުރުމުގެ މަގު ހުޅުވިގެން ދިޔައީއެވެ.