އެއާ އެމްބިއުލާންސްގެ ހިދުމަތް އަންނަ އަހަރު މާޗު ރާއްޖޭގައި ފެށުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާކަން ރައީސް އޮފީހުން ހާމަކުރައްވައިފިއެވެ.
ވަޒީރުންގެ މަޖިލީހަށް ހެލްތު މިނިސްޓްރީން ހުށަހަޅައިގެން މަޝްވަރާކުރެވި، ނިންމާފައިވާކަމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް ވަނީ ވިދާޅުވެފައެވެ.
މިގޮތުން ޤައުމީ އެއާލައިން މޯލްޑިވިއަން އާއި ގުޅިގެން ދެ އެއާ އެމްބިއުލާންސެއް މާޗްމަހުން ފެށިގެން ފަށާނެ ކަމަށާއި ހިދުމަތް ދޭނީ މިހާރުވެސް އެމަޖެންސީ ހިދުމަތް ދިނުމަށް މިނިސްޓްރީ އޮފް ހެލްތުގެ އެއާ އެމްބިއުލަންސް ޑިޕާޓްމެންޓުގެ ދަށުން ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
އަމިއްލަ ފަރާތްތަކުން ފަންޑު ހޯދައިގެ ކުރަން ރާވާފައިވާ މި މަސައްކަތް، އެހެން ގޮތެއް ނުވެއްޖެ ނަމަ ސަރުކާރުން ހަރަދުކޮށްގެން ވިޔަސް ކުރާނެކަމަށް ނޫސްވެރިޔަކު ކުރި ސުވާލަކާއި ގުޅިގެން ނާޒިމް ވިދާޅުވިއެވެ.
2 ފްލައިޓްގެ ފްލީޓަށް ފަހުން އަދި ފްލައިޓްތައް އިތުރު ކުރެވޭނެ ކަމަށާއި ފްލައިޓްތައް ހުންނާނީ ބަލި މީހުން އުފުލަން ސްޓްރެޗާ އަދި ކުއްލިފަރުވާ ދެވޭ ވަސީލަތްތައް ޤާއިމް ކުރެވިފައި ކަމުގައިވެސް ނާޒިމް ވިދާޅުވިއެވެ.
އަތޮޅުތެރޭގައި ދިމާވާ ސިއްޚީ އެމަޖެންސީތަކުގައި ބަލިމީހުން މާލެ ގެނައުމަށް ބޭނުން ކުރަމުން އައީ އިންޑިއާ ސަރުކާރުން އެމްއެންޑީއެފްއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރާއި، ޑޯނިއާ މަތިންދާބޯޓުތަކެވެ. ނަމަވެސް އައްޑޫއިން ކުއްޖަކު ގެއްލިގެން އެމްއެންޑީއެފް އިން ހިންގާ އޮޕަރޭޝަންގައި ބޭނުން ކުރަމުންދަނީ ޕައިލެޓުން ތަމްރީންކުރާ ސްކޫލް ގެ އުޅަނދެކެވެ.