ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ސަރުކާރުން ފަށާފައިވާ ހާއްސަ އޮޕަރޭޝަންގެ ތެރެއިން މަސްތުވާތަކެތީގެ މައްސަލަތަކާ އެކި ގޮތްގޮތުން ގުޅުން ހުރި 30 އަށް ވުރެ ގިނަ ބިދޭސީން މިހާތަނަށް އިމިގްރޭޝަނާއި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އަނބުރާ ފޮނުވާލުމުގެ މަސައްކަތް ފަށާފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
ޖޮއިންޓް ޓާސްކް ފޯސް އިން ހިންގާ ހާއްސަ އޮޕަރޭޝަންގައި ޑްރަގާ ގުޅުން ހުރި ބިދޭސީންތަކެއް އަތުލައިގެންފައިވާ ކަމަށާއި އެ މީހުންގެ މައުލޫމާތާއި ތަފުސީލު ހާމަކުރައްވާނީ އެ ޓާސްކް ފޯހުގެ ހުރިހާ އިދާރާތައް ގުޅިގެން ބާއްވާ މީޑިއާ ބްރީފިންއެއްގައި ކަމަށް އިމިގްރޭޝަންގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ
މީގެ އިތުރުން، އިމިގްރޭޝަންގެ އޮފިޝަލް ވިދާޅުވެފައިވަނީ، ހާއްސަ އޮޕަރޭޝަންގައި އަތުލައިގެންފައިވާ ބިދޭސީންތަކެއް މިހާރު ވަނީ އެ މީހުންގެ ގައުމަށް ފޮނުވާލައިފާ ކަމަށާއި ޑިޕޮސިޓް ފައިސާ ދައްކާފައިވާ ބިދޭސީން ފޮނުވާލަނީ އެ ފައިސާ ބޭނުންކޮށްގެން ކަމަށެވެ. އަދި ޑިޕޮސިޓް ފައިސާގެ މައްސަލަ ޖެހިފައިވާ ބައެއް ނަމަ ފޮނުވާލަނީ ސަރުކާރުގެ ތެރެއިން އިންތިޒާމުތަކެއް ހަމަޖައްސައިގެން ކަމަށެވެ.