ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލްކުރައްވާ 13 މެންބަރަކު އެޕާޓީ ދޫކޮށް، ވެރިކަންކުރާ ޕީއެންސީއާއި ގުޅުމުން އެމްޑީޕީއަށް މަޖިލީހުގައި ލިބިފައި އޮތް ސުޕަ މެޖޯރިޓީ ގެއްލިއްޖެއެވެ.
މިރޭ ޕީއެންސީއިން ބޭއްވި ޖަލްސާއެއްގައި އެޕާޓީއަށް ސޮއިކޮށް ފޯމް ހަވާލުކުރެއްވި މަޖިލިސް މެންބަރުންނަކީ:
- މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ)
- ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު
- މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް
- އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު
- ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް
- ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްއަނީ އަބްދުލްޙަކީމް
- މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު
- މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު
- ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުހުސިން ހަމީދު
- މާފަންދު ދެކުނު ދާއިރާގެ މެމްބަރު އާދަމް އަލީ
- ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު
- ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން
- ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝާޒު
ޕީއެންސީއާއި މެންބަރުން ގުޅުމާއިއެކު މަޖިލީހުގެ އެމްޑީޕީ ތަމްސީލު ކުރައްވާ މެންބަރުންގެ އަދަދު 41 އަށް މަދުވީއެވެ. އަދި ޕީއެންސީ ވެގެންދާނީ މަޖިލީހުގެ މައިނޯރިޓީ ޕާޓީއަށެވެ.
އެމްޑީޕީއިން ވަނީ މިދިޔަ ހަފްތާގައި މަޖިލީހުގެ ޤަވާއިދަށް އިސްލާޙު ހުށަހަޅައި، އެމްޑީޕީގެ ވޯޓުން އެކަނިވެސް ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރެވޭ ގޮތަށް މަޖިލީހުގެ ޤަވާއިދު އިސްލާޙުކޮށްފައެވެ.
މިމައްސަލައަށް އިޝާރާތްކުރައްވައި ރައީސް ޑރ. މުޢިއްޒު މިރޭގެ ޖަލްސާގައި ވިދާޅުވީ “އިނގިލި ބުރިކޮށްލިޔަސް އަޅުގަނޑުގެ އިތުބާރު ނެތްކަމަށް ވޯޓް ނުދޭނެ އެމްޑީޕީ މެންބަރުން އެބަތިބި” ކަމަށެވެ.