-Advertisement-

-Advertisement-

ވަޒީރުންނަށް ރުހުންދޭ ކޮމިޓީގެ ބައްދަލުވުމެއް ތާވަލުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިދާރާ. ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ރުހުން ދިނުމާމެދު ގޮތެއް ނުނިމި، މަޖިލީހުގެ މިއަހަރުގެ ފަހު ދައުރު ނިންމާލާފައި ވަނިކޮށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމެއް މާދަމާ (ހޮނިހިރު ދުވަހު) 11:00 އަށް ތާވަލުކޮށްފިއެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި ކޮމިޓީއިން ނިންމިގޮތް ކަމުނުދާކަމަށް ނިންމައި މަޖިލިސް ތަޅުމުންވަނީ އަނބުރާ ކޮމިޓީއަށް ފޮނުވާލާފައެވެ. މަޖިލިސް ތަޅުމުން ނިންމީ ސަރުކާރުން އަލަށް އުފެއްދި ވުޒާރާތައް ފާސްނުކޮށް ވަޒީރުންނަށް ރުހުންދޭން ޤާނޫނު ތަންނުދޭކަމަށެވެ. އެފަހުން ކޮމިޓީގެ ބައްދަލުވުމެއް ނުބޭއްވި އުޅެނިކޮށް މަޖިލީހުގެ މިއަހަރުގެ ފަހު ދައުރު ނިމިގެން މަޖިލިސް ވަނީ ޗުއްޓީއަށް ގޮސްފައެވެ.

މަޖިލީހުގެ އެންމެ ފަހު ޖަލްސާގައި ރިޔާސަތުން ވަނީ، ކޮމިޓީއިން އެދިއްޖެ ހާލަތެއްގައި ވަޒީރުންނަށް ރުހުން ދިނުމަށް ޚާއްސަ ޖަލްސާއެއް ބޭއްވިދާނެކަމަށް ބުނެފައެވެ.

މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ މެންބަރުންތަކެއް އެޕާޓީ ދޫކޮށް ވެރިކަންކުރާ ޕީއެންސީއަށް ބަދަލުވުމުން ކޮމިޓީގެ ސާފު މެޖޯރިޓީ އެމްޑީޕީއަށް ވަނީ ގެއްލިފައެވެ. މިހާރު ކޮމިޓީގައި ތިއްބެވަނީ އެމްޑީޕީގެ 5 މެންބަރުންނާއި އެހެން ޕާޓީތަކަށް ނިސްބަތްވާ 6 މެންބަރުންގެ އިތުރުން ކޮމިޓީގެ މުޤައްރިރެވެ.

ވަޒީރުންނަށް ރުހުން ނުދީ ލަސްވެގެން އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުކިތުން ކުރިމަތިވެފައި އޮއްވާ އެމްޑީޕީގެ 13 މެންބަރަކު ޕީއެންސީއާއި ގުޅުމުން ޕީއެންސީ މިހާރު ވަނީ 15 މެންބަރުންނާއިއެކު މަޖިލީހުގެ މައިނޯރިޓީ ޕާޓީއަށް ވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-