މަޖިލީހުގައި އޮތް ސުޕަމެޖޯރިޓީގެ ފޮނިމީރުކަން އެމްޑީޕީއަށް ގެއްލިއްޖެއެވެ. ޕާޓީގެ 13 މެންބަރަކު ވެރިކަންކުރާ ޕީއެންސީއަށް ސޮއިކުރި މަންޒަރު އެމްޑީޕީ ޢާއްމު މެންބަރުން ބެލީ ނުތަނަވަސްކަމާއި ހިތާމައާއި ރުޅިވެރިކަމާއި އެކުއެވެ. މަޖިލީހަށް އަލުން މެންބަރުން އިންތިޚާބުކުރުން ރޯދަމަހަށްފަހު އޮންނައިރު، އެމްޑީޕީއަށް ޙަޤީޤަތުގައި މިވީ ގެއްލުމެއް ހެއްޔެވެ؟
މަޖިލީހުގެ ސުޕަމެޖޯރިޓީގެ ބޭނުންކޮށްގެން ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމުގެ މަސައްކަތް ފަށައި އެކަމުގެ ބިރުވެރިކަން އެމްޑީޕީއިން އުފެއްދިއެވެ. ވެރިކަންކުރާ ޕީއެންސީ ހޫނުފެނަށް ވެއްޓި، ސަރުކާރު ސަލާމަތްކުރުމަށްޓަކައި ނުކުންނަން މަޖުބޫރުވިއެވެ. މަޖިލީހުގައި އޮތް އެމްޑީޕީގެ ސުޕަމެޖޯރިޓީ ގެއްލުވާލުން ސަރުކާރު ހިންގުމަށްވުރެ މުހިއްމުކަމަކަށް ހަދަން މަޖުބޫރުވިއެވެ. ބުނި އަދަދަކަށް ފައިސާ ދީގެންވެސް މެންބަރުންތަކެއް އެމްޑީޕީއިން ވަކިކުރަން އަތުކުރި އޮޅާލިއެވެ.
އެމްޑީޕީއިން ސުޕަމެޖޯރިޓީގެ ބޭނުންކޮށްގެން ސަރުކާރަށް އެކި ޖެއްސުންކުރުން އިތުރުކުރިއެވެ. އެންމެ ބޮޑު ޕްރޮޖެކްޓް ބަޖެޓުންވެސް “ފޮހެލިއެވެ”. ވަޒީރުންނަށް ރުހުންނުދީ ދައުރު ނިންމާލިއެވެ. ނަމަވެސް އެމްޑީޕީއިން ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރަން “ސީރިއަސް” މަސައްކަތެއް ކުރިތަނެއް ނުފެނުނެވެ.
މަޖިލީސް މެންބަރުންނަށް ސަރުކާރުގެ ވުޒާރާތަކުގެ އިސްމަޤާމްތައް ދީގެން މަޖިލީހުގައި ތިބި ޕީޕީއެމް-ޕީއެންސީ މެންބަރުންގެ އަދަދު 1 އަށް މަދުކޮށްފައިވަނިކޮށް އަނެއްކާވެސް ޕީއެންސީއަށް މަޖިލީސް މެންބަރުންގެ މުހިއްމުކަން އިންތިހާއަށް ބޮޑުކޮށްލީ އެމްޑީޕީއިންނެވެ.
މަޖިލީހުގެ 5 އަހަރުގެ ދައުރު ނިމުމަކަށް އަންނަން 3 މަހަށް ވެފައިވަނިކޮށް މިލިއަނުން ފައިސާދީގެން މެންބަރުން ޕާޓީއަށް ވައްދާނީ ޕީއެންސީއަށް އެހެންގޮތެއް ނެތުނީމައެވެ. މެންބަރުން ގެނެސްގެން މާބޮޑު ފައިދާތަކެއް ޕީއެންސީއަށް ލިބެނީއެއް ނޫނެވެ. ހަމައެކަނި ލިބުނު ފައިދާއަކީ ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމުގެ ބިރުވެރިކަން ފިލައިދިޔުމެވެ.
ރައްޔިތުންގެ މަޖިލީހުގެ ދައުރެއްގެތެރޭގައި އެއްޕާޓީއަކުން އެންމެ ގިނަ މަޖިލިސް މެންބަރުން ވަކިވީ، މިދައުރުގައި އެމްޑީޕީއިން ކަމަށްވިޔަސް އެމްޑީޕީއަށް ޙަޤީޤަތުގައި މިފަހަރު މިލިބުނީ ފައިދާއެވެ. މަޖިލިސް ކެންޕޭނަށް ބޭނުންކުރަން “ފަންޑު” ލިބުނީއެވެ. މައްސަލަތަކެއް ނުޖެހި އެންމެން ބޭނުންވާގޮތް ވީއެވެ. އާޢިލާ މީހުންގެ ވަޒީފާގެ ސެކިއުރިޓީ ލިބުނީއެވެ.
ޕީއެންސީއަށް ސޮއިކުރި ޖަލްސާގެ 4 ގަޑިއިރުކުރިން މެންބަރުން އެމްޑީޕީ އޮފީހަށް “ވަދާޢީ ސަލާމް” ކުރުމަށް ދިޔަކަމަށް ‘ނިއުސްލެބް’ އަށް ވަނީ އިތުބާރު ހުރި މަސްދަރަކުން ޔަގީންވެފަ އެވެ. ސަލާންގަލާންކޮށް ހިތްހެޔޮކުރަން ބުނެ “ސިއްރު” މަޝްވަރާތަކެއްވެސް ކުރިއެވެ. މިއީ ޕާޓީ ދޫކޮށްދާ މެންބަރުން ޢާއްމުގޮތެއްގައި ކަންކުރާ ގޮތެއްނޫނެވެ. ޢާއްމުގޮތެއްގައި ޕާޓީ ބަދަލުކުރަނީ މައްސަލަ ބޮޑުވެ ބަހުގެ ހަމަލާތަކެއް ބަދަލުކުރުމަށް ފަހުއެވެ.
ރާއްޖޭގައި ޑިމޮކްރެޓިކް ހަމަތަކުން ޕާޓީހިންގާކަމަށް ދަޢުވާކުރާ އެމްޑީޕީއިން މިކޮށްލީ ސިޔާސީ ވިޔަފާރިއެއްބާއެވެ؟ މެންބަރުންގެ އަގު އަރުވައި، ވެރިކަން ކުރާ ޕީއެންސީ ބޮލުގައި އެޅުވި މަޅިއެއް ނޫންބާވައެވެ؟