އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) އިން ރާއްޖެއާއި މޮރިޝަސްގެ ޚާއްސަ އިގްތިސާދީ ސަރަޙައްދާއި ބެހޭ ގޮތުން ނިންމި ނިންމުން ދިވެހި ސަރުކާރުން އިސްތިއުނާފް ކުރުމަށް ނިންމައި އެކަމުގެ މަސައްކަތް ފަށައިފިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް އައުމަށް ކުރި އެންމެ ބޮޑު އެއް ވަޢުދު ކަމަށްވާ ރާއްޖެއިން ގެއްލުނު ކަނޑުގެ ސަރަޙައްދު އަނބުރާ ހޯއްދެވުމުގެ މަސައްކަތުގެ ތެރެއިން އިޓްލޮސް އިން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް ބޭރުގެ އެކްސްޕާޓުންނާއި އެކު މަޝްވަރާ ކުރެވެމުންދާކަމަށް ރައީސް އޮފީހުން ބުނެއެވެ.
މިގޮތުން ކަނޑުގެ މައްސަލަ އިސްތިއުނާފު ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިނގިރޭސިވިލާތުގެ ކިންގްސް ކައުންސިލާއި މޯލްޓާގެ ލޯ އޮފް ދަ ސީ ޕްރޮފެސަރަކާއި ކަމަށާއި ދެފަރާތުގެ ރިޕޯޓްވެސް ފެބްރުއަރީ މަހުގެ ނިޔަލަށް ލިބޭނެ ކަމުގައި ޕްރިންސިޕަލް ސެކެޓްރީ ޓު ދި ޕްރެޒިޑެންޑް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް ނޫސްވެރިންނާއި ވާހަކަދައްކަވަމުން ވިދާޅުވިއެވެ.
ކަނޑުން ގެއްލުނު ސަރަޙައްދު ހޯދުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދާއި އެއްގޮތަށް، މިދިޔަ ސަރުކާރުން މޮރިޝަސް އަށް ފޮނުވި ސިޓީ ވަނީ ހާމަކޮށްފައެވެ. ނަމަވެސް ހާމކުރެވުނު ސިޓީގައި ކަނޑުން ބައެއް ދޫކޮށްލުމާ ބެހޭ ވާހަކައެއް ނެތެވެ.
ޗާގޮސްގެ މައްސަލައިގައި އޭރުގެ ސަރުކާރުން ބުނަމުން ދިޔައީ، ކަނޑުގެ ބައެއް ގެއްލުނުކަމަށް ބުނެ ވާހަކަތައް ދައްކަވަނީ ސިޔާސީ ބޭނުމެއްގައިކަމަށާއި ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލޭފަދަ އެއްވެސް މަޝްވަރާއެއް ނުވަތަ ޑީލެއް ހިނގާފައި ނުވާނެ ކަމަށެވެ.
ރައީސް ޑރ. މުޢިއްޒު ވެރިކަމަށް އައުމުގެ ކުރިން ވިދާޅުވަމުން ގެންދެވީ ރައްޔިތުންގެ މަޖިލީހުގެ ބަހެއް ނެތި ރައީސް އިބްރާހިމް މުޙައްމަދު ސާލިހު މޮރިޝަސް އަށް ފޮނުވި ސިޓީއަކީ ޤާނޫނާ ޚިލާފު ސިޓީއެއް ކަމަށެވެ.