-Advertisement-

-Advertisement-

ސިއްހީ ދާއިރާގެ ކުރީގެ ހިދުމަތްތެރިން އަލުން ހިދުމަތަށް ނުކުމެވޭ ގޮތް ހެދުމަށް ނިންމައިފި

ފޮޓޯ: ރާއްޖެ އެމްވީ

ސިއްހީ ދާއިރާ އަށް މީގެ ކުރިން ހިދުމަތްކޮށް، އެކި ސަބަބުތަކާ ހުރެ ވަޒީފާ އިން ދުރުގައި ތިބި ސިއްހީ ހިދުމަތްތެރިން އަލުން މަސައްކަތަށް ނުކުމެވޭނެ ގޮތްހަމަޖައްސައިދިނުމަށް ކެބިނެޓުން ފާސްކޮށްފި އެވެ.

ބުރާސްފަތި ދުވަހު ބޭއްވުނު މިދިޔަ އަހަރުގެ އެންމެ ފަހުގެ ކެބިނެޓު ބައްދަލުވުމުގެ ނިންމުންތައް ހާމަކުރެއްވުމަށްޓަކައި މިއަދު ބޭއްވި ނޫސްވެރިންގެބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ހެލްތް މިނިސްޓްރީން ހުށަހެޅިކަރުދާހަށް ބިނާކޮށް ވަރަށް ފުޅާކޮށް މަޝްވަރާ ކުރެއްވުމަށް ފަހު ނިންމަވާފައިވަނީ މިހާރުން މިހާރަށް ވަޒީފާ އަށް ނުކުންނަން ބޭނުންވާ މީހުންނަށް އެފުރުސަތު ފަހިކޮށްދިނުމަށެވެ.

ހާއްސަ ސްކީމެއްގެ ދަށުން ސިއްހީ ދާއިރާ އަށް އަވަސް ރެކްރޫމަންޓް ޕްރޮސެސްއެއްގެ ތެރެއިން ވަޒީފާ ހަމަޖައްސައިދިނުމަށް ކެބިނެޓުން ނިންމާފައިވާކަމަށް އެބޭފުޅާ ވިދާޅުވި އެވެ.

މީގެ އިތުރުން، އުމުރުން 55 އަހަރުން މަތީގެ ނުވަތަ ރިޓަޔާ ކޮށްފައިވާ ސިއްހީ ހިދުމަތްތެރިންގެ ސިއްހީ ގޮތުންނާއި ތައުލީމާއި ތަޖުރިބާއަށް ބެލުމަށްފަހު،ވަޒީފާ އަށް ގާބިލު ބޭފުޅެއް ނަމަ ކޮންޓްރެކްޓު އުސޫލުން ވަޒީފާ ދިނުމަށް ވެސް ހަމަޖައްސައިފައިވާ ކަމަށެވެ.

އަދި ވަޒީފާ އަށް ނުކުންނަން ބޭނުންވާ ހިދުމަތްތެރިންގެ ތެރެއިން 8 ގަޑިއިރަށް ވުރެ މަދުން މަސައްކަތް ކުރެވޭނެ މީހުންނަށް ވެސް ފުރުސަތު ފަހިކޮށްދީ،މަސައްކަތް ކުރާ ވަގުތަށް ވަކި އުޖޫރައެއް ދިނުމަށް ކަނޑައަޅައި ސިވިލް ސާވިސް ގަވައިދުގައި ހިމެނުމަށް ވެސް ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-