މާލެ ސަރަހައްދަށް މިދިޔަ ހަފުތާގައި ކުރި ވިއްސާރައާއި ގުޅިގެން، ހުޅުމާލެ ސަހަރާގެ ބިމު އަޑިން ފެންގަނޑު ނުހިކި ހުރުމުގެ ސަބަބުން، އެ ތަނުގައި މީހުންވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލައި، މާލޭގެ އާ ސަރަހަރާ އަށް ވަގުތީ ގޮތުން ބަދަލުކޮށްފި އެވެ.
ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް އާމިނަތު ޝަތުފާ ވިދާޅުވީ މީހުން ވަޅުލުމަށްޓަކައި ތިން ފޫޓަށް ކޮންނަން ޖެހޭ ނަމަވެސް، ވިއްސާރަ އަށް ފަހު، އެތަނުގައި އެއް ފޫޓަށް ވަޅު ކޮންނައިރަށް ފެން އަރާ ކަމަށެވެ.
އެ މައްސަލަ ހައްލުވާން އަދި ހަފުތާއެއް ނަގާނެ ކަމަށް ލަފާކުރެވޭތީ، މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި މަރުވާ މީހުން މިދިޔަ ހޯމަ ދުވަހުން ފެށިގެން ވަޅުލަނީ އާސަރަހާގައި ކަމަށް ޝަތުފާ ވިދާޅުވި އެވެ. އެހެންނަމަވެސް، މައްޔިތާގެ މޫނު ދެއްކުން އޮންނާނީ ހުޅުމާލެ ސަހަރާގައި އެވެ.