އެއްގަމު އުޅަނދުފަހަރުގެ ޑޮމެއިން ޚިދުމަތްތައް ހުއްޓިފައި އޮތުމަށްފަހު އަލުން ޑޮމެއިން ވިއްކަން ފެށުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ނިންމައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީ އިން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ މިދިޔަ ސަރުކާރުން ހުއްޓުވާފައި އޮތް އޮތުން ނިމުމަކަށް ގެނެސް އަލުން ޑޮމެއިން ވިއްކައި، ޑޮމެއިންގެ އިތުރު ޚިދުމަތްތައް ދޭން ފަށަން ނިންމާފައިވާ ކަމަށެވެ.
ޒަމާނަށް ފެތޭ، ތަފާތު ކޮންސެޕްޓަކާ އެކު ބިޑިން ސިސްޓަމެއްގެ ތެރެއިން ޑޮމެއިން ވިއްކުމުގެ ކަންކަން ކުރިއަށް އޮތް ދެތިން މަސް ތެރޭ ޑޮމެއިން ވިއްކަން އަލުން ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޑޮމެއިން ވިއްކުމުގައި ޤަވާއިދާއި ޚިލާފް ކަންކަން ހުރިކަމަށް ބުނެ ކުރީ ސަރުކާރުން ވަނީ ޑޮމެއިންގެ ހުރިހާ ޚިދުމަތެއް ހުއްޓާލަން މިނސްޓްރީއަށް އަންގާފައެވެ.