މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި 36 ދާއިރާއަކަށް އެމްޑީޕީގެ ޓިކެޓްގައި ވާދާކުރައްވާ ބޭފުޅުން ޔަޤީން ވެއްޖެއެވެ.
އެމްޑީޕީއިން ޕްރައިމަރީއަކަށް ހުޅުވާލި ނަމަވެސް 36 ދާއިރާއަށް ކުރިމަތިލާފައިވަނީ އެންމެ ފަރާތަކުން ކަމަށް ވާތީވެ، އެފަރާތްތަކަށް ޓިކެޓް ކަށަވަރުވެފައިވާކަން އެމްޑީޕީއިން ވަނީ އިޢުލާން ކޮށްފައެވެ.
މިދިޔަ ސަރުކާރުގެ އިސް މަޤާމްތަކެއް ފުރުއްވާފައިވާ ބޭފުޅުންނާއި މިހާރުވެސް މަޖިލިސް މެންބަރުކަމުގައި ތިއްބެވި ބައެއް ބޭފުޅުން ވަނީ ޓިކެޓް ކަށަވަރު ކުރައްވާފައެވެ.
މިގޮތުން ކުރީ ސަރުކާރުގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އަށް ތުލުސްދޫ ދާއިރާގެ ޓިކެޓް ކަށަވަރު ވެފައިވާއިރު ގައްދޫ ދާއިރާގެ ޓިކެޓް، ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ ކަމުގައި ހުންނެވި އަހުމަދު ސަޢީދު މުޙައްމަދު (މައިފޫނާ) ވަނީ ކަށަވަރުކޮށްފައެވެ.
ކުރީ ސަރުކާރުގެ ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި އަކްރަމް ކަމާލުއްދީން އަށް ވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު މެންބަރުކަން ކުރައްވަމުން ގެންދަވާ މައްޗަންގޮޅި މެދު ދާއިރާގެ ޓިކެޓް ކަށަވަރު ވެފައެވެ.
ހިންނަވަރު ދާއިރާގެ މެންބަރުކަން ކުރައްވަމުން ގެންދަވާ ޖީހާން މަހްމޫދު އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އާއި ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަހުމަދު އަސްލަމް ވެސް ވަނީ ޓިކެޓް ކަށަވަރު ކުރައްވާފައެވެ.
އަދި މީގެ އިތުރުން ދާންދޫ ދާއިރާގެ މެންބަރުކަން ކުރައްވަމުން ގެންދަވާ ޔައުޤޫބް އަބްދުﷲ އާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރުކަން ކުރައްވަމުން ގެންދަވާ އިބްރާހިމް ނާޒިލް އަށް ވެސް ވަނީ އެދާއިރާގެ ޓިކެޓް ކަށަވަރު ވެފައެވެ.