ރާއްޖެ އިން މީހުން ހައްޖަށް ފޮނުވުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރުމަށް ސައުދީގެ ދައުވަތަކަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީސައީދު ސައުދީއަށް ފުރާވަޑައިގެންފި އެވެ.
މި ދަތުރަކީ ސައުދީގެ ހައްޖާ ގުޅޭ މިނިސްޓަރު ތައުފީގް ބިން ފައުޒާގެ ދައުވަތަކަށް ހައްޖު އެންޑް އުމްރާ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާރަސްމީ ދަތުރުފުޅެއް ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން މައުލޫމާތު ދެއްވާފައިވެއެވެ.
ހައްޖާ ގުޅޭ އެއްބަސްވުމެއްގައި ސައުދީގެ ހައްޖު މިނިސްޓްރީއާ އެކު ސޮއިކުރާނެ ކަމަށާއި ދިވެހި ހައްޖުވެރިންނާއި އުމްރާވެރިންނަށް ލިބޭ ހިދުމަތްތައްރަނގަޅުކުރުމަށް ވެސް މަސައްކަތް ކުރައްވައި މަޝްވަރާ ކުރައްވާނެ ކަމަށް މިނިސްޓާރ ޝަހީމް ވިދާޅުވިއެވެ.
ހައްޖު ކޮންފަރެންސްގެ ހަވާސާގައި އިސްލާމީ އެކި ޖަމާއަތްތަކާއި އިސްލާމީ ގައުމުތަކުގެ ވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މި ބައްދަލުވުންތަކުގައި އެކި ދާއިރާތަކުން ރާއްޖެއަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް މަޝްވަރާ ކުރައްވާނެ އެވެ.