އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭނެތޯ އެ ގައުމުގެ ސުޕްރީމް ކޯޓުން ކަނޑައަޅަން ނިންމައިފި އެވެ.
އިންތިހާބަށް ނުފޫޒު ފޯރުވުމުގެ އެކި މައްސަލަތަކާއި ގާނޫނު ހަދާ މަޖިލީހަށް މީހުން ފޮނުވައި ހަމަނުޖެހުން ހިންގި މައްސަލަ އާއި ދައުލަތުގެ ސިއްރުތައް އަމިއްލަބޭނުމަށް ނެގުމާއި ޓްރަމްޕާ ގުޅުން ބޭއްވި ހަށިވިއްކާ އަންހެނަކަށް ފައިސާ ދީގެން އެ ވާހަކަ ދެއްކުން ހުއްޓުވުމަށް ކެމްޕެއިން ފައިސާ ބޭނުންކުރުން ފަދަމައްސަލަތައް ޓްރަމްޕާ ދެކޮޅަށް އެބަހުއްޓެވެ.
މީގެ ތެރެއިން، ގާނޫނު ހަދާ މަޖިލީހުގައި ހިންގި ހަމަނުޖެހުންތަކުގެ ޒިންމާ ޓްރަމްޕް ނަގަން ޖެހޭ ކަމަށް ނިންމައި ކޮލޮރާޑޯ ސްޓޭޓްގެ ސުޕްރީމް ކޯޓުން ވަނީޓްރަމްޕަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް ކަނޑައަޅައިފަ އެވެ.
ޓްރަމްޕްގެ ވަކީލުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ ކޮލޮރާޑޯ ސުޕްރީމް ކޯޓުގެ ނިންމުމުގެ ސަބަބުން ކޮލޮރާޑޯގެ އެތައް މިލިއަން ބައެއްގެ ވޯޓުގެހައްގު ގެއްލޭނެ ކަމަށެވެ.
އަދި ހ ނިންމުން އަސްލަކަށް ބަލައިގެން އެހެން ސްޓޭޓްތަކުން ވެސް ނިންމުންތައް ނިންމަފާނެ ކަމަށެވެ
އެހެންކަމުން މިއީ ގާނޫނުއަސާސީ ހިލާފް ނިންމުމެއް ކަމަށް ކަނޑަޅައިދޭން ވަނީ އެދިފަ އެވެ.
މި މައްސަލައިގެ އިތުރުން ޓްރަމްޕްގެ ފަރާތުން ވަނީ ޓްރަމްޕެ ނަން ވޯޓު ކަރުދާހުގައި ނުހިމެނޭނެ ކަމަށް މެއީން ސްޓޭޓްގެ އިލެކްޝަންސް އޮފިޝަލުންނިންމާފައި ވާތީ އެ ނިންމުން ވެސް އިސްތިއުނާފް ކުރައްވައިފަ އެވެ.
ޓްރަމްޕަށް އިންތިހާބުގައި ވާދަކުރެއްވޭނެތޯ ކަނޑައެޅުމުގެ މައްސަލަ ސުޕްރީމް ކޯޓުން އަވަސް މައްސަލައެއްގެ ގޮތުގައި ބަލަން ނިންމައި އަންނަ މަހު 8 ގައިއަޑުއެހުންތައް ފަށަން ވަނީ ނިންމައިފަ އެވެ.