މާލެސިޓީ އަމީނީ މަގުގެ ނުނިމި އޮތް އެންމެ ފަހު 2 ސެގްމެންޓްގައި ތާރައަޅަން މިރޭ ފަށައިފިއެވެ.
13 ސެގްމެންޓަކަށް ބަހާލައިގެން އަމީނީމަގު ތަރައްޤީ ކުރަމުންދާއިރު، މިހާރު ކުރަމުންދަނީ މަގުގެ 12 އަދި 13 ވަނަ ސެގްމެންޓްގައި ތާރައެޅުމުގެ މަސައްކަތެވެ.
84.4 މިލިއަން ރުފިޔާއަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާއި ހަވާލުކުރެވުނީ އަމީނީ މަގުގެ މަސައްކަތް 210 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. ނަމަވެސް ދިމާވި އެކި ކަންކަމާހުރެ ދީފައިވާ މުއްދަތަށް މަސައްކަތް ނުނިމުމުން މިނިސްޓްރީން ވަނީ މުއްދަތު އިތުރުކޮށްދީފައެވެ.
އަމީނީމަގުގެ ފަހު ސެގްމެންޓްތަކުގެ މަސައްކަތް ފެށީ މިދިޔަ ޑިސެމްބަރ މަހުގެ 9 ވަނަ ދުވަހުއެވެ. ދާދީ ފަހުން ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަނުން ބުނެފައިވަނީ 50 ދުވަހުގެ ތެރޭގައި މަސައްކަތް މުޅިން ނިންމާލެވޭނެކަމަށެވެ.