އިޒުރޭލުގައި ހުންނަ އެމެރިކާ އެމްބަސީގައި، އެ އެމްބަސީގެ މުވައްޒަފަކު މަރުވި ސަބަބު ވަރަށް ބޮޑަށް ހޫނުވެއްޖެއެވެ. މިމީހާ މަރުވެފައިވާ ސަބަބެއް އަދި ނޭންގެ އެވެ.
މި މައްސަލައާ ބެހޭ ގޮތުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވާހަކަދައްކާކަށްވެސް ބޭނުމެއް ނުވި އެވެ. ހަމަނައެކަނި ބުނީ އެމެރިކާ އެމްބަސީގައި މީހަކު މަރުވި ވާހަކަ އަކީ ތެދެއް ކަމަށެވެ.
ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާން މެޓް މިލާ ވިދާޅުވީ މިމައްސަލަ އަކީ ގައުމީ ސަލާމަތާ ބެހޭ މައްސަލައެއް ކަމަށާއި، އިތުރު މައުލޫމާތު އާންމުކުރެވެން އޮތީ ތަރުޖަމާން ވިދާޅުވި ގޮތުން ކަން ހިނގައި ދިޔަ ގޮތް ރަނގަޅަށް ބެލުމަށްފަހު އެވެ.
އިޒުރޭލު އެމްބަސީ ބޭރުގައި އަމިއްލަ ގައިގައި ރޯކޮށްލި އޭރަން ބުޝްނެލް ނަމަކަށް ކިޔާ މީހާ އަކީ ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާގެ ވައިގެ ސިފައިންގެ ޕައިލެޓެކެވެ.
އޭނާ ގައިގައި ރޯކޮށްލުމުގެ ކުރިން އެކަން ކުރަން ޖެހުނު ސަބަބު ކިޔައިދިނެވެ. އެއީ ފަލަސްތީންގެ ޣައްޒާގައި އިޒުރޭލުން ހިންގަމުން ގެންދާ ޖަރީމާތަކަށް އެމެރިކާ ތާއީދުކުރާތީ އެވެ.
އޭނާ މިހާރު ވަނީ މަރުވެފަ އެވެ. މަރުވުމުގެ ކުރިން ލިޔެފައި އޮތް ލިޔުމެއްގައި ބުނެފައިވާ ގޮތުން އެމެރިކާއިން ހިންގާ ޖަރީމާތަކުގައި އޭނާގެ ބައިވެރިވުމެއް އަދި ހިއްސާއެއް ވެސް ނޯންނާނެ އެވެ.
އެމެރިކާގެ އިޒުރޭލު އެމްބަސީގައި މަރުވި މީހާއާ މެދުވެސް ހީކުރެވެނީ މިފަދަ ކޮންމެވެސް ހާލަތެއް މެދުވެރިވީ ކަމަށެވެ. ސްޓޭޓް ޑިޕާޓްމަންޓުން މައުލޫމާތު ހާމަކުރަން ދެކޮޅު ހެދުމުން ދޭހަވަނީ އެމެރިކާއަށް ލަދުވެތި ކޮންމެވެސް ކަމެއް މެދުވެރީ ކަމަށެވެ.