އެންމެ ކުޑަ އިރުށް ސުރެ ދެކެމުން އައި ހުވަފެނަނީ ބޮޑުވެގެން ވަޒީފާއަކަށް ގޮސް މައިންބަފައިން ވި ގުރުބާނީގެ ބަދަލު ދިނުމެވެ.
ބޭނުންވީ މޮޅަށް ކިޔަވައިގެން ރަނގަޅު ވަޒީފާއެއް ހޯދާށެވެ. މައިންބަފައިންގެ ތަނަވަސްކަން ނެތުމުން ރާއްޖެއިން ބޭރަށް ކިޔަވަން ދިޔައީ ލޯނުނަގައިގެންނެވެ. ކުޑައިރުއްސުރެ ދެކެމުން އަދި ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި ދަތުރު ފެށީ ނިކަން ގަދަ އަޒުމަކާއި ހިތްވަރަކާއި އެކު އެވެ.
ކިޔަވައިގެން އައީ ފޮނި އުންމީދުގައި އެވެ. ރަނގަޅު ވަޒީފާއެއް ލިބި ދިރިއުޅުން އުޖާލާ ވާނެ ކަމުގެ އުންމީދުގައި އެވެ
ކިޔަވައިގެން މާލެ އައިސް އެތައް އަހަރެއް ވަޒީފާއަށް ނުގޮސް ހުންނަން ޖެހުމުގެ ސަބަބުން އެތަށް ކަމަކާއި ކުރިމަތިލާން ޖެހެއެވެ. ކަންކަމާއި މެދު ވިސްނިސްޓްރެސް ވުމަށް މަގުފަހިވިއެވެ. ވަޒީފާއެއް ނެތި އުޅެން ޖެހުމުގެ ސަބަބުން ދެން އިހުތިޔާރު ކުރެވެނީ ގޯސް ރައްޓެހިންނެވެ.
ރާއްޖޭގައި އިއުލާން ކުރާ ގިނަ ވަޒީފާ ތަކަށް ކިޔަވައިގެން ހުރުމުން އެކަނި ނުފުދެއެވެ. ތަޖުރިބާގެ ގޮތުގައި ހައެއްކަ އަހަރު ބޭނުންވެއެވެ. ވަޒީފާއެއް ނުދޭ ކަމުގައި ވަނީ ނަމަ ކިޔަވައިގެން އަންނަ ކުދިންނަށް ތަޖުރިބާ ލިބޭނީ ކިހިނަކުން ތޯއެވެ؟ ތައުލީމާއި ތަޖުރިބާ ބޭނުންވަނީ ބައެއްވަޒީފާތަކަށެވެ. ސިޔާސީ ބޭފުޅުންނަށް ވަޒީފާ ދޭއިރު މިއީ ބަލާ ކަންކަމެއް ނޫނެވެ.
ހަގީގަތަކީ ގިނަ ވަޒީފާތަކަށް އިއުލާން ކުރަނީވެސް ނަގަންވީ ކޮން ކޮން މުވައްޒަފެއްތޯ ނިންމާފައިއެވެ. މޮޅު މީހާގެ ނުވަތަ ބޮޑު މީހާގެ ދަރިއަކަށް އެވަޒީފާދެނީއެވެ. ތައުލީމެއް ނުވަތަ ތަޖުރިބާއެއް އޮތްތޯ ބަލާލުމެއްވެސް ނެތިއެވެ. ނޫނީ ކޮންމެސް ޕޮލިޓިކަލް އެކްޓިވިސްޓަކަށް ވަޒީފާތައް ބަހާލަނީ އެވެ. ސިޔާސީމަގާމޭކިޔައި ވަޒީފާ ބެހުމަކީ ވެސް މިރާއްޖޭގައި މިހާރު އާންމު ވެފައިވާ ކަމެކެވެ. އެއްވެސް ތައުލީމެއް އަދި ތަޖުރިބާއެއް ނެތް އެތައް ބަޔަކު ބޮޑު މުސާރައިގައިސިޔާސީ މަގާމުތަކުގައި މިހާރުވެސް އެބަ ތިއްބެވެ.
ދެރަ ނިކަމެތި ކުއްޖާ ކިޔެވުމަށް ހޭދަ ކުރި ލާރީގެ ބަދަލު ކޮބާ ހެއްޔެވެ؟ ލޯނު ދައްކަން ވީއިރު ވެސް ގިނަ ކުދިންނަށް ވަޒީފާ ގަނޑެއް ލިބެނީ ކީ ނޫނެވެ
ވަޒީފާއެއް ހޯދަންޔާ މިޖެހެނީ ކޮންމެސް ސިޔާސީ މީހެއް ނުވަތަ މަޖިލީސް މެންބަރެއްގެ ކައިރިއަށް ގޮސް ސަލާން ޖަހާށެވެ. ކިޔަވައިގެން ހުއްޓަސް ވެސްމެއެވެ.
ބުނާތީ އަހަމެވެ. “ ކާމިޔާބު މީހަކަށް ވާން ބޭނުންވަނީ ނަމަ އުންގެނޭށެވެ “ މިއަދު މިއީ ކިހާ ވަރެއްގެ ހަގީގަތެއް އޮތް ވާހަކަ އެއްތޯ ސުވާލު އުފެދެއެވެ.
ނިކަމެތި މީހާގެ ދަރި ނުވަތަ ނިކަމެތި މީހާ ނިކަމެތި ގޮތުގައި އަބަދަށް ހެއްޔެވެ؟ ކިތަންމެ މޮޅަށް ކިޔެވިޔަސް ކިޔެވި އެއްޗެއްގެ ބޭނުން ހިފަން ލިބެނީ ކިތައްމީހުނަށް ހެއްޔެވެ؟
ކުރިއަރައިގެން ދާން ބޭނުމިއްޔާ ހިޔާރު ކުރަންވީ ދާއިރާއަކަށް މިހާރު ވެފައި އޮތީ ސިޔާސީ ދާއިރާއެވެ. އެހެންޔާ ފަހެ ކިޔަވާނެ ކަމެއް ނެތެވެ. ސޯޝަލްމީޑިޔާގައި އެކި ކަހަލަ ސިޔާސީ ވާހަކަ ދައްކައި އެކަހަލަ އެކި ހަރާތް ތަކުގައި ބައިވެރި ވެލުމުން ބޮޑު މުސާރަ ލިބޭ ވަޒީފާ ޔަގީން ވީއެވެ.