ވ. އަތޮޅަށް ޒިޔާރަތްކުރާ ފަތުރުވެރިން އެކްސްކާޝަނަށް ބޭނުންކުރާ ބޮޑުފިނޮޅުގައި ރިސޯޓެއް ހެދުމަށް ކުއްޔަށް ދިނުމުން އެ އަތޮޅުގެ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އިއްޔެ ވ. އަތޮޅުގެ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި ޓޫރިޒަމް މިނިސްޓްރީން މިދިޔަ މޭ މަހު ކުރި އިއުލާނުގައި ބުނެފައިވާ ކޯޑިނޭޓްސްތަކާއި ބޮޑުފިނޮޅުގެ ކޯޑިނޭޓުތަކާ ދިމާ ނުވެއެވެ. އޭރު ޓޫރިޒަމް މިނިސްޓްރީން އިއުލާނު ކޮށްފައި ވަނީ އެ އަތޮޅުގެ (ކޯޑިނޭޓްސް 3،33،5.470/72،29،59.619) ފަޅެވެ. ނަމަވެސް އެ ފަޅުގެ ބަދަލުގައި އެ ތަނާ ޖެހިގެން އޮތް ބޮޑުފިނޮޅު ސަރުކާރުން ކުއްޔަށް ދޫކޮށްލާފައިވާކަމުގެ ކަންބޮޑުވުން ކައުންސިލުން ފާޅުކޮށްފައިވެއެވެ.
އެ ރަށުގެ އެކުއިޒިޝަން ކޮސްޓަކީ 729،000 ޑޮލަރެވެ. އެއީ ދިވެހި ރިފުޔާއިން ބަލާ ނަމަ 11.2 މިލިއަން ރުފިޔާއެވެ. ވ. އަތޮޅުގައި ހިންގާ ފަންސާހަށް ވުރެ ގިނަ ގެސްޓް ހައުސްގައި 600އާ ގާތްކުރާ އަދަދަކަށް އެނދު ހުރިކަމަށް މައުލޫމާތު ލިބެއެވެ. އަދި ރިސޯޓުތަކާ އެކު، އެ އަތޮޅުގެ ޖުމްލަ އެނދުގެ އަދަދު 1500އަށް އަރާނެކަމަށް ބެލެވެއެވެ.
ބޮޑުފިނޮޅު ކުއްޔަށް ދިނުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމި ނިންމުމާ ގުޅިގެން އެ އަތޮޅުގެ ކައުންސިލާއި އެ އަތޮޅުގެ ފަތުރުވެރިކަމުގެ ދާއިރާއިން ނަފާ ހޯދަމުން އަންނަ ފަރާތްތައް ގުޅިގެން އިހުތިޖާޖެއް ކުރުމަށް ތައްޔާރުވަމުން އަންނަކަމުގެ ވާހަކަތަކެއް ވެސް މިހާރު ވަނީ ފެތުރިފައެވެ.