-Advertisement-

-Advertisement-

ވެޓެރަންސް ލީގުގައި ޓީމްގެ ކެޕްޓަނަށް ނައިބް ރައީސް

ވެޓެރަނސްސް ލީގުގައި މިއަދު ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ވަގުތު

ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންނަށް އަމާޒު ކޮށްގެން ކޮންމެ އަހަރަކު ރަމަޟާން މަހު ބާއްވަމުން ގެންދާ ވެޓެރަންސް ފުޓްބޯޅަ ލީގުގައި، ރާއްޖޭގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ޓީމުގެ ކެޕްޓަންގެ ގޮތުގައި ކުޅުއްވައި، އެ ޓީމުގެ ފުރަތަމަ މެޗުން މޮޅު ކޮށްދެއްވައިފި އެވެ.

މުއިވެޔޮ ފްރެންޑްސް ކުޅުނީ ލެގޫންސް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މެޗު ފެށިގޮތަށް ލެގޫންސް އިން ލަނޑެއް ޖަހައި ކުރި ހޯދާފައިވީ ނަމަވެސް މުއިވެޔޮ ފްރެންޑްސް ވަނީ ފަހަތުން އަރައި 3-1 އިން މެޗު ކާމިޔާބު ކޮށްފަ އެވެ.

މުއިވެޔޮ ފްރެންޑްސްގެ ފުރަތަމަ ދެ ލަނޑު ޖަހާފައިވަނީ ކުރީގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ އަހުމަދު ސައީދު (އަންމަޓީ) އެވެ. ނައިބު ރައީސް ލަނޑު ޖެއްސެވީ މުއިވެޔޮ ފްރެންޑްސް އަށް މެޗުގެ އެންމެ ފަހު ވަގުތު ލިބުނު ޕެނަލްޓީއަކުންނެވެ.

ކުރިން ކްލަބް އީގަލްސްގެ ޗެއާމަންކަން ވެސް ކުރެއްވި ހުސެއިން އަކީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން ވެސް ކުޅިވަރު މުބާރާތްތަކުގައި ކުޅުއްވި ބޭފުޅެކެވެ.

މީގެ އިތުރު އެމަނިކުފާނު ވަނީ އެފްއޭއެމްގެ ސީނިއާ ވައިސް ޕްރެޒިޑެންޓްގެ މަގާމް ވެސް އަދާ ކުރައްވާފައިއެވެ.

މިއަހަރުގެ ވެޓެރަންސް މުބާރާތް ކުރިއަށް ދަނީ 35 އަހަރުން މަތީގެ ކުޅުންތެރިން ހިމެނޭ 10 ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ.

މުއިވެޔޮ ފްރެންޑްސް އާއި ލެގޫންސްގެ އިތުރުން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް، އެމްއެސް މޭޓްސް، އަދި ކްލަބް ސްޓެލްކޯ ހިމެނެނީ ގުރޫޕް ބީގަ އެވެ. ގުރޫޕް އޭގައި ހިމެނެނީ ހުޅުމާލެ ވެޓެރަންސް، ވިިލިމާލެ ޔުނައިޓެޑް، ޕޮލިސް ކްލަބް، ހުއްރިއްޔާ (ހުރާ) އަދި ދިވެހި ސިފައިންގެ ކްލަބް އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-