ދިވެހި ކުޅިވަރަށް ބައި ގަރުނަށްވުރެ ގިނަ ދުވަސްވަންދެން ޚިދުމަތްކުރެއްވި މައްލާ ޅަތުއްތު އަވަހާރަވެއްޖެއެވެ.
ދިވެހި ފުޓުބޯޅައިގެ ރެފްރީކަން އެންމެ މަތީ ފަންތީގައި ދިގު މުއްދަތެއް ވަންދެން ކުރެއްވީ މައްލާ ޅަތުއްތު އަވަހާރަވީ، ބޮޑު ބައްޔަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދުގެ ވަގުތެއްގައި އިންޑިޔާގެ ޓްރިވެންޑްރަމްގައެވެ.
ދިވެހި ދައުލަތަށް 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށް ފަހު، 2010 ވަނަ އަހަރުގެ އޭޕްރީލް 20 ވަނަ ދުވަހު ރިޓަޔަރކުރެއްވި މައްލާ ޅަތުއްތުއަށްވަނީ، ކުޅިވަރުގެ ރޮނގުން 1990 ވަނަ އަހަރު އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އަދި 2021 ވަނަ އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ޙާސިލްކުރައްވައިފައެވެ.
އަދި، 2022 ވަނަ އަހަރު އޭނާއަށް ވަނީ ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންފައެވެ.