-Advertisement-

-Advertisement-

ވާހަކަ: ހިތް އެދޭތީ 05

ދީނާގެ މަންމަ ހުއްދަދިނުމުން، ވީއުފަލެއްގެ ބޮޑުކަމުން އެތާހުރެފައި ދީނާއަށް ނަށައި ނުގަނެވުނީ ހަމަކިރިޔާއެވެ. ލާނެތް ހިނިތުންވުމެއް ދީނާގެ ތުންފަތަށް ވެރިކުރުވިއެވެ. އެމީހުންގެ ރޭވުން ކާމިޔާބުވީމައެވެ. ގަޑީގެ ކަށި އެނބުރެމުން ގޮސް ނުވަގަޑި ބައިވާން ފަސްވަރަކަށް މިނެޓަށް ވީއިރު ދީނާއާއި ނަދުވާ ހިނގަމުންދިޔައީ ރަށުގެ ތުނޑިޔާއި ދިމާއަށެވެ.

“ކީކޭ ކިޔާފައި ތިއައީ ލަސްވީމަ ހޯދާކަށް ނޫޅޭނެތަ؟” ދެމީހުންގެ މެދަށް ވެރިވެފައިވާ ހަމޭންކަން ކަނޑުވާލުމަށްފަހު، ނަދުވާ އެހިއެވެ.

“ތިޔަ ގެއަށޭ ކިޔާފައި މިއައީ. ދިހައެއް ޖެހުމުގެކުރިއަކުން ނުހޯދާނެ،” ދީނާއަށް ލިބިފައިވަނީ ވަރަށްބޮޑު އިތުބާރެކެވެ.

“އެޔޯ…؟”

“މިހާރު އެންމެން ތިބޭނީ ޓީވީން އަންނަ ޑްރާމާއަށް ގެއްލިފައި…. އެންވީމަ،” ދެމީހުން އެއްފަހަރާ ހީނގަތްއަޑުން އެހަމަހިމޭން ޖައްވު ގުގުމައިގެން ދިޔައެވެ.

އޭރު އެމީހުންނަށް ތުނޑިޔާއި ހަމައަށް އާދެވިއްޖެއެވެ. އެހެންކަމުން ނަދުވާ އެތާ ހޭޅިފަށުގައި އިށީނެވެ. ދީނާ ކުރިއަށް ހިނގައިގަތެވެ. އާދައިގެ މަތިން ދެމީހުން ބައްދަލުކުރާ ގަސް ކައިރިއަށް ދިޔައިރު ސިމާމުވެސް އެދިމާއަށް އަންނަނީއެވެ. ދީނާ މެން ތިބީ ނަދުވާއަށްވެސް ފެންނަ ހިސާބުގައެވެ. ނަމަވެސް ދައްކާވާހަކަ މަޑުކަމުން ކިޔާ ނުކިޔާ އެއްޗެއް އޮޅުމެއް ނުފިލައެވެ. އޮޅުންފިލުވާކަށް ނަދުވާ ނުވެސް އުޅޭމެއެވެ.

“އަހަރެން މިފަދަ ވަގުތަކަށް އިންތިޒާރުކުރާތާ ހާދަ ދުވަހެއް ވެއްޖޭ،” ސިމާމު ހުރީ ސީދާ ދީނާގެ މޫނަށް ބަލަހައްޓައިގެންނެވެ. ދީނާ ލަދުން އިސްޖަހާލިއެވެ.

” ސިމާމު އަސްލުވެސް އަހަރެންދެކެ ވަރަށް ލޯބިވޭތަ؟” އިސްދަށަށް ޖަހައިގެން އެހުރިގޮތަށް ހުރެ ދީނާ އެހިއެވެ.

” ޝައްކުވަނީތަ… އަހަރެންގެ ފުރާނައަށް ވުރެއްވެސް ބޮޑަށް،” ދީނާ އާއި ހަތަރުކަޅި ހަމަކޮއްގެން ހުރެ އޭނާގެ ހޫނު ނޭވާތަށް ދީނާގެ މޫނުގައި ބީހޭވަރަށް މޫނު ކައިރި ކޮއްލަމުން ސިމާމު ބުންޏެވެ. ދެމީހުންގެ ނޭވާގެ ހޫނުކަން އެކަކު އެނަކަނަށް އިޙްސާސް ވަމުންދިޔައެވެ. ބީހެމުންދިޔަ ހޫނު ނޭވާތަކާއެކު،  ސިމާމުގެ ހިތުގައި އުފެދިގެންދިޔަ ޖަޒުބާތު އޮއިވަރު ކޮންޓްރޯލުން ނައްޓައިގެން ގޮސް މަޑުމަޑުން ދީނާ ގެނެސް އޭނާގެ މޭގައި ޖައްސާ ގަޔާ ބޮޑިކޮށްލިއެވެ.  ސިމާމުގެ މިހަރަކާތުގެ ސަބަބުން ގަތްލަދުން ދީނާއަށް ތެޅިގަނެފައި ދުރަށް ޖެހިލެވުނެވެ.

“ސޮރީ ދެން އެހެންނެއް ނުވާނެ،” ދީނާ ލަދުގަތްކަން އެނގުމުން  ސިމާމު ވަރަށް ދެރަވިއެވެ.

“އިޓްސް އޯކޭ،”  މިގޮތުގައި ދެމީހުން އެތައް އިރަކު ވާހަކަ ދައްކަން ތިއްބެވެ.

ދީނާގެ އުނގުގައި ބޯއަޅާލައިގެން އޭނާގެ ގެ މޫނަށް ބަލަން ސިމާމު އޮތް އިރު ދީނާ އިރުކޮޅަކާ ސިމާމުގެ ފަން އިސްތަށިތަކާއި ކުޅެލައެވެ. ދެމީހުންވެސް ދިޔައީ ލޯބީގެ އަހުދުތަކާއި ވައުދުތައް ވަމުންނެވެ. އެކަކަށްޓަކައި އަނެކަކު ގުރުބާން ވުމަށް ތައްޔާރަށް ހުރިކަމަށް ބުނަމުންނެވެ. ލޯބީގެ  ލޯބީގެ ފޮނި ބަސްތަކުންނާއި ދޭތެރެއަކުން ސިމާމު ކިޔާލާ ލޯބީގެ އަސަރުގަދަ ލަވައިގެ ބައިތަކުން ދީނާ އަބަދުމެ ހުންނަނީ ހިނިތުންވެލައިގެންނެވެ. ސިމާމު އޭނާގެ ހަޔާތައް އައުމަކީ އޭނާގެ ނަސީބޭ ވެސް ދީނާ ހިތަށްއެރިއެވެ.

“މިހާރު ގަޑިން ކިހާއިރެއްތަ؟” ކުއްލިއަކަށް ކަމެއް ހަދާންވި ކަހަލަ ގޮތަކަށް ދީނާ އަހާލިއެވެ.

“އަދިކިރިޔާ ދިހަގަޑި ބައިވީ…ތާކަށް ދާންއޮތީތަ؟”

“ދެން ސިމާމު ދައްކާ ވާހަކަ… މިހާ ލަސްވީމަ ދެން ދާން އޮންނާނީ ކޮންތަނެއް؟”

“އަންހެންކުދިންގެ ގޮތެއް ނޭންގޭނެދޯ؟ އެކަކާ ރައްޓެހިވެގެން އުޅޭގޮތް ދެއްކިއަސް ތިންހަތަރު ކުދިންގާތަށް ދާނެ،” ގަސްތުގައި ދީނާ ރުޅިއަރުވާލުމަށް ސިމާމު ބުނެލިއެވެ.

“އަހަރެންވެސްތަ؟…ހާދަ އިތުބާރެއްވެސް ނޯވެޔޭދޯ؟” ދީނާ ހިތްހަމަ ނުޖެހުނެވެ.

“ނޫނޭ…އެއީ ސަމާސާ. ކީއްވެތަ އެހާއަވަހަށް ދާން ތިޔައުޅެނީ… މިކަހަލަ ފުރުސަތެއް އަބަދަކު ލިބޭނީކީ ނޫން،”

“މިހާރުވެސް މާލަސްވެއްޖެ…ޑްރާމާ ނިމޭއިރަށް މަންމަ ހޯދަނެޔޭ. މިރޭ ވަރަށް ގޯސްވާނެ ކަންނޭންގެ،” ދީނާ ހުރީ ހާސްވެފައެވެ.

“ހަމަޖެހިބަލަ ދީނާ…ކޮންމެވެސް އެއްޗެކޭ ކިޔައިގެން ތިކަން ހަމަޖެއްސިދާނެއެއްނު،”

“މިއައީ ނަދުވާމެންގެއަށޭ ކިޔާފައި… އެކަމަކު މިހާ ލަސްވެއްޖެއްޔާ، އެގެއަށް ގޮސް މަންމަ ބަލާވެސްފާނެ… ސިމާމަކަށް ނޭނގޭނެ މަންމަގެ ގޮތެއް، ” ދީނާގެ މޫނުމަތިން އޭނާ ހާސްވެފައި ހުރިވަރު ސިމާމަށް އެނގުނެވެ.

“އޯކޭ…އެހެންވީއިރު އަހަރެންމިދަނީ ދީނާ ދޭ ނަދުވާއާއެކު،”

“ރުޅި އައީތަ؟” ސިމާމު އެހެން ބުނުމުން ދެރަވެލާފައި ދީނާ އެހިއެވެ.

“ނޫނޭ ލޯބީ… އެއްކޮށް ދަނިކޮށް ބަޔަކަށް ފެނިއްޖެނަމަ ރަގަނޅެއް ނުވާނެދޯ؟” ސިމާމު ހިނގައިގަތެވެ.

“ވާތެރެން… ބިރެއްވެސް ނުގަނޭތަ؟” ސިމާމު ވާލަށް ވަލުތެރެއިން ގޮސް ރަށުގެ އަވަށުތެރެއަށް ދާން އޮންނަ މަގުން ހިނގައިގަތުމުން ދީނާއަށް އަހައިލެވުނެވެ.

“ކޮން ބިރެއްތަ؟ އަހަންނަކީ ޖިންނިއެކޭ،” މިހެން ބުނުމާއެކު ސިމާމު ވަރަށް ބާރަށް ހީނގަތެވެ.

“ދެން ސިމާމު،” ދީނާ އަށް ބިރުން ތެޅިގަނެވުނެވެ.

“ހޫނ…ދެންނަނީއްޔޭ ލޯބީ،” ދީނާގެ ތުންފަތުގައި ލޯބި ކޮށްލަމުން ސިމާމު ކުރިއަށް ހިނގައި ގަތެވެ. ސިމާމު ލޯމަތިން ގެއްލެންދެން ދީނާއަށް ހުރެވުނީ، ސިމާމު ދިޔަ ދިމާއަށް ބަލަހައްޓައިގެންނެވެ. ސިމާމު ގޮސް އޮބާލުމުން ނަދުވާ ކައިރިއަށް ދިއުމަށް  ދީނާ ހިނގައިގަތެވެ.

“ހިނގާގެއަށް ދަމާ. ސިމާމު ހިގައްޖެއޭ،” ދީނާ އައިސް ނަދުވާގެ ކައިރީގައި މަޑުކޮށްލިއެވެ.

“އޭނ.. ސިމާމު އައިތަ؟ އެކަމަކު އަހަންނެއް ނުދެކެން،” ނަދުވާ ދެލޯ ފުހެލުމަށް ފަހު އާނފުރެލިއެވެ.

“އަސްލުވެސް… ނުދެކެންތަ؟ އެކަމަކު ދެންމެ ދިޔައީވެސް،” ދީނާގެ ހިތުގައި ނޭންގޭ ބިރުވެރިކަމެއް އުފެދުނެވެ.

“ދީނާ ހުރިތަން އަހަންނަށްވެސް ފެނެޔޭ…އަހަރެން ހިތައްއެރި ކީއްވެބާޔޭ ދީނާ އެކަނި ހުރެގެން ވައްތަރުތަކެއް ޖައްސަނީ،”

” ޕްލީޒް ސަމާސާ ނުކޮށް ބުނެބަލަ؟ ހަމަ އަސްލުވެސް ނުދެކެންތަ؟ މިހެންމިބުނީ މިރޭ ސިމާމުވެސް ބުނި އޭނައަކީ ޖިންނިއެކޯ؟ އަޅެ ނަދުވާ އަހަރެން ވަރަށް ބިރުގަނޭ،”

“އާނއެކޭ… ކޮބާ؟ ހަމަ އަހަންނަށް ހީވިގޮތަށް ތާ މިވީ…އަދިވެސް މިކަހަލަ ނާންމާން ތަންތަނަށް އަންނާތި މާފޮޅުވަން … ރީތި ވެއްޖެއެއްނު،” ނަދުވާ ކުރިއަށް ހިނގައިގަތެވެ.

ދީނާ އިރުއިރުކޮޅާ ފަހަތް ބަލާލައެވެ. އޭނާ އެހުރީ ބިރުގަނެފައެވެ. ލޯބިވެރިޔާ ކަމަށް ހިތާ ޖިންނިއަކާ ވާހަކަ ދެއްކުނީމައެވެ. ކުއްލިއަކަށް ކާއްޓެއް ވެއްޓުމާއެކު، ދެބުޅަލެއް ކޯޅިގަތް އަޑު އިވުނެވެ. އިރުކޮޅަކުން ކަޅު ބުޅަލެއް ކުއްލިއަކަށް އެމީހުންގެ ކުރިމަތިން ހުރަސްކޮށްލިއެވެ.  އެއާއެކު، ގަތް ބިރުން ދީނާއަށް ރޮއިގަނެފައި ނަދުވާގެ ގައިގާ އޮޅުލައި ނަނެވުނެވެ. ނަދުވާ އުޅެ އުޅެ ދީނާ އޭނާގެ ގައިން ދޫކުރާގޮތެއް ނުވިއެވެ. އެހެންކަމުން އޭނާ އަކަށް ކުރިއަކަށް ހިނގައިވެސް ނުގަނެވުނެވެ. ދެމީހުންގެ ހިތަށްވެސް ބިރުވެރިކަން ވެރިވެފައި ވަނީ އިންތިހާ ދަރަޖައަށެވެ. މި ހަމަހިމޭން ވަގުތު ރަށުގެ އެކަހަރި ހިސާބެއްގައި، ޚާއްސަކޮށްމީހުން ނޫޅޭ ސަރަހައްދުގައި ހުރެވުމުން އެކިކަހަލަ އަޑުތައްވެސް ދެމީހުންނަށް ސިފަވަމުންދަނީ ބިރުވެރި ކޮށެވެ.

” ދެންވެސް އަވަހަށް ހިނގާ ގެއަށް ދެވޭތޯ؟” ނަދުވާ މިހެން ބުނީ އޭނާގެ ހިތަށްވެސް ބިރުވެރިކަން ވެރިވީމައެވެ. އެހެންކަމުން ދެމީހުން ހިނގުނު އެންމެ ބާރަކަށް ގެއާދިމާއަށް މިސްރާބު ޖެހިއެވެ.

ކުއްލިއަކަށް އެމީހުން އަރާހަމަވުމާއެކު ނިކަގަހަކުން ބައިވަރު ކޮވެލިތަކެއް އަޑުލައްވާލުމަށްފަހު އުދުހިގަތެވެ. ދެމީހުންނަށްވެސް އެކަކުގެ އަތުގައި އަނެކަކު ހިފައިގެން ދުވެވުނު އެންމެ ބާރަކަށް ދުއްވައިގަތެވެ.

(ނުނިމޭ)

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-