“މެރީޑް ހެން ހީވަނީތަ؟…މެރީޑްއޭ ބުނެފި..،”
“ވަގުތުން ފޯނު ކަނޑާލާނަން..ނަންބަރ ބުލޮކް ކޮއްލާނަން،” ނަވީންއަށް ރަގަނޅަށް ނުބުނެވި އުޅެނިކޮށް ތުގާ ވަގުތުން ޖަވާބު ދިނެވެ.
“ހަމަޖެބަލަ…އަހަރެން މެރީޑްއެއް ނޫނޭ،” ތުގާ ފޯނު ބާއްވަފާނެތީ ނަވީން ޖެހިލުން ވިއެވެ. ތުގާއާއި ގާތްކަށް އުފައްދަން ނަވީން ބޭނުންވަނީ ސީރިއަސްކޮށެވެ. ރަގަނޅު ދިރިއުޅުމެއް އުޅުމަށެވެ. ބަތޫލްގެ ހަނދާންތަކާއި ދުރުވުމަށެވެ.
“މާލޭގައި އުޅެނީ ފެމެލީއާއެއްކޮށްތަ؟…ކިތަށް މީހުން ތިބޭ ތި ފެމެލީގަ،” ތުގާ އޮޅުން ފިލުވަން ބޭނުންވިއެވެ. އެހާ ބޮޑު ފެމެލީއެއްގެ ތެރެއަށް ގޮސް އުޅެން އުނދަގޫ ވާނެ ކަމަށް ތުގާއަށް ގަބޫލުކުރެވޭތީއެވެ.
“އަހަރެމެން ފެމެލީ އެއްކޮށް އުޅެނީ މާލޭގައި…ކުއްޔަށް މިއުޅެނީ..މަންމައާއި ބައްޕަގެ އިތުރުން ދެން ހުންނާނީ އަންހެން ކޮއްކޮއެއް…ތުގާ ފެމެލީއޯ،” ތުގާގެ ސުވާލަށް ޖަވާބުދިނުމަށްފަހު ނަވީން ހަމަ އެސުވާލު ތުގާ އަށް ކޮށްލިއެވެ.
“އަހަރެންގެ ހުރީ މަންމަ އާއި ބައްޕަ ދެން އަހަރެން…މާލޭގަ މިއުޅެނީ،” ތުގާ ޖަވާބު ދިނެވެ.
“ސުވާލެއް ކޮށްލަންތަ؟” ކުޑަކޮށް ވިންސަން ހުރުމަށްފަހު ނަވީން އަހާލިއެވެ.
“އަހާފަތަ ސުވާލުވެސް ކުރެވޭނީ” ތުގާގެ ލާނެތް ހުނުމުގެ އަޑު އިވުނެވެ.
“އެހެނެއް ނޫން،”
“އަހާބަލަ އަހާބަލަ،” ތުގާ ހެމެން ހެމުން ވާޙަކަ ދެއްކިއެވެ.
“ކީއްވެ ތުގާ އެދުވަހު އެވަރަކަށް އެބެލީ….އަހަރެން ދަންނަންތަ ކުރިންވެސް،” ނަވީން އޮޅުން ފިލުވަން ބޭނުންވިއެވެ.
“ދެން ނަވީން..އެވާޙަކަ އަހަން” ތުގާ ލަދުގަތެވެ. އޭނާގެ އަޑުން އެކަން ނަވީންއަށް އެނގުނެވެ. އެހެން ކަމުން ނަވީން ބޭނުންވީ ތުގާ އިތުރަށް ލަދުގަންނަވާލާށެވެ.
“ރީތި ހޫރެއް އަހަންނާ ދިމާއަށް ޖާދުވީ ލޮލުގެ ނަޒަރު ހުއްޓާލައިގެން ހުރުމުން ހިތުގެ ހިމަ ނާރުތަކަށް ހީވީ ކަރަންޓް ޝޮކެއް ޖެހުނުހެން،” ނަވީން ހީލަމުން ބުނެލިއެވެ.
“އަޅެ ދެން މިނަވީންވެސް..” ތުގާ ލަދުން ބޮޑިވެގަތެވެ. އެމަންޒަރު ބަލަން ކައިރީގައި ނަވީން ނެތްކަން ނަސީބެކޭ އޭނާގެ ހިތަށް އެރިއެވެ.
“ވަރަށް އުފާވި ތުގާއާއި ދިމާވީމަ…ނަންބަރ ދޭނެކޭ ހިތަކަށްވެސް ނާރަ…އެޕްބީ އައިޑީވެސް ފޮނުވާލައްޗޭ،”
“ހޫނ…އަހަރެންވެސް..” ތުގާ ހުރީ ހަގީގަތުގައިވެސް ވަރަށް އުފަލުންނެވެ. އޭނާއަށް ހިތްހަމަ ޖެހޭކަހަލަ މީހަކާ ދިމާވެއްޖެ ކަމުގެ އިޙްސާސް ކުރެވެން ފެށީ ނަވީން އާއި ދިމާވެ ވާހަކަ ދައްކަން ފެށުމުންނެވެ. ކުރިން ދިމާވާ އެހެން މީހުންނާ ނަވީން ހާސްބައި ތަފާތެވެ. އޭނާގެ މިޒާޖާއި ބުނުލާ ބަސްތައް ތުގާ ހިތަށްވެސް ހިތްހަމެޖުން ގެނުވައެވެ. ރޭގަނޑު އެތަށް އިރެއްވަންދެން ނުނިދާ ނަވީންގެ ޚިޔާލުގައި ތުގާއަށް އޮވެ ވެއެވެ.
“އަދިވެސް ނުނިދަންތަ…ކިތައްދުވަހު ބުނެފިން އަހަރެންނަށް ފާރަލާން ތިޔަހެން ހޭލާ ނޯންނާށޭ….ތިޔަ ކަމުނޏް ވާނެ ފައިދާއެއް ނޯންނާނެ…އަހަރެން އަންނާނެ ގަޑިއަކު ގެއަށް އަންނާނީ،” ބަތޫލްގެ އިސްތަށިގަނޑުގައި ހިފައި ލަތްކެއް ޖަހާލަމުން ޖިނާން ހަޅޭލަވައިގަތެވެ. އެއަޑުގައި ވަނީ ރުޅިވެރިކަމެވެ. ފޯނާއި ކުޅެން އޮތް ބަތޫލް ގެ އަނގައިން ވޭނީ “އާޙް” އެއްގެ އަޑު ބޭރުވިއެވެ. ވީތަދުންނެވެ. ތަދުވީވަރުން ބަތޫލްއަށް އޭނާޣެ ބޮލުގެ އިސްތަށިގަނޑުގައި އަތް ކާއްތާލެވުނެވެ. ދެލޮލުން ކަރުނަ ނިރާލިއެވެ.
“ޖިނާން ތަދުވެޔޭ،” ބަތޫލަށް ބުނެލެވުނެވެ. ޖިނާނާއި ދިމާއަށް ބަލާލަމުންނެވެ.
“ތަދުކުރާށޭ މިހިފީ…އަހަރެން ބުނާ އެއްޗެއް ގަބޫލު ނުކުރެވެންޏާއި ތަދުވެސް ވާނެ…އަނިޔާވެސް ވާނެ،” ނުރުހުމާއެކު ޖިނާން ވާހަކަ ދެއްކިއެވެ.
“ކީއްވެ ޖިނާން ތިޔަހެން ކަންތައް ތިކުރަނީ…އަހަރެމެންނަށް ލިބިފައިއެވާ ދެކުދިންގެ ހައްގުގައިވެސް ތިޔަ އުޅުން ދޫކޮށްލަބަލަ…ޕްލީޒް އަހަންނަށް ރަހުމްކޮށްބަލަ…،” ބަތޫލް އާދޭސް ކުރިއެވެ. އެހާދޭހުގެ ސަބަބުން ޖިނާންގެ ހިތަށް ހަމްދަރުދީ ވަނުމުގެ ބަދަލުގައި އެ ހިތުގައި ހީވީ ނަފްރަތުގެ އަލިފާން ހިފި ހެންނެވެ.
“ތިޔަ ލެކްޗަރުތަށް އަހަންނަށް އިއްވާނެކަމެއް ނެތް….ބޮޑު އުނދަގުލަކަށް ވެއްޖޭމިހާރު…ގެއަށް ވަދެވޭއިރަށް ތިޔަ ބަނދިވަރެއް ކިޔަންވޭތަ؟” ބަތޫލް ގެ ކޯތާފަތަށް ޖިނާންގެ އަތުގެ ހޫނު ހަމަލާއެއް އެރިއެވެ.
“އަހަރެން މިކިޔަނީ ބަނދިވަރެއްތަ…އަހަރެމެން ދެމީހުން މީ ކިހާ ލޯބިން އުޅުނު ދެމީހުންތަ؟…މިއަދު އެކަން ކޮބާ؟…އެލޯބި މިއަދުވެސް އަހަރެން ބޭނުންވާނެ ކަން ޖިނާނަށް ނޭންގޭތަ؟ އެއަޅާލުން އިންތިހާއަށް ބޭނުންވާނެކަން ޖިނާން ހަނދާން ނެތުނީތަ؟” ވީތަދުން ކޮލުގައި ފިރުމާލަމުން ބަތޫލް ވާހަކަ ދެއްކީ މަޑުމައިތިރިކަމާއެކުގައެވެ. ޖިނާންއަށް ވިސްނޭނީ ކޮންދުވަހަކުންބާއޭ ބަތޫލް ހިތަށް އަރައެވެ. ޖިނާން މަޑުމަޑުން ބަތޫލްދެކެ ފޫހިވަމުން ދަނީ ކީއްވެބާއޭ ބަތޫލް ހިތާހިތުން ކިޔާލިއެވެ. އެހާ އުފަލުގައި އުޅެމުން އައި ފެމެލީއަށް މިޖެހުނީ ކޮންފަދަ ގިލަން ވެރިކަމެއް ބޭއެވެ. ވިސްނާ ވިސްނާ ބަތޫލްގެ ސިކުނޑި ސުމަކަށް ދާން ކައިރިވެއްޖެއެވެ. މީހާ މާޔޫސްވެ ގޮތް ހުސްވެއްޖެއެވެ.
“ބަލާބަލަ މީހާގެ ސިފަ…ދެކުދިން ލިބުނުފަހުން ތިމީހަކު ހުރި ގޮތް…އަހަރެން ގެޔަށް އަންނައިރު ތިހުން ގޮތް..ފިރިމީހާ ފޫހިވާނެކަން ނޭންގޭތަ….ދެން މިހާރު ވަގުތު ފާއިތުވީމަ ކޮންވާހަކައެއް ތިޔަ ދައްކަނީ…އެހެން ނޫނަސް އަހަރެން ބަތޫލްއާއި އިނީ ބަތޫލްގެ ސިފަ ރީތިވީމަ…އަޅައިގަންނަ ގޮތެއް ހުރީމަ…މިހާރު އެއިންކަމެއް ނެތެއްނު…ޝުކުރު ކޮށްބަލަ އަހަރެން ބަތޫލްއާއި އެކު އުޅޭކަމަށްޓަކައި…ވަރިނުކޮށް ގެންގުޅޭ ކަމަށްޓަކައި،” މަލާމާތުގެ ރާގުގައި ޖިނާން ވާހަކަ ދެއްކިއެވެ. ޖިނާން އެހެން ބުންޏަސް ބަތޫލްގެ ސިފައަކަށް މާބޮޑު ބަދަލެއް އައީއެއް ނޫނެވެ. ކުރިއެކޭވެސް އެއްފަދައިން ބަތޫލްއަކީ ރީތި ހަށިގަނޑުވެސް އެއްމިނެއްގައި ހިފަހައްޓަމުން އައި ޒުވާނެކެވެ. ހީވެއެވެ. ބަހަނާތައް ދައްކައިގެންވެސް ބަތޫލާ ދުރުވާން ޖިނާން އިންތިހާއަށް ބޭނުންވެއެވެ. ނޭންގެނީ އެހެން އެކަން ދިމާވާންވީ ސަބަބެވެ. ބަތޫލްދެކެ ފޫހިވެގެން ޖިނާން އުޅެނީ ކީއްވެކެމެވެ. އެންމެ ފަހުން ޖިނާން ބުންޏެވެ. ދަރިންނަށްޓަކައި ނޫންނަމަ ބަތޫލް މިހާރު ހުރީހީ ވަރިކޮށްފައެވެ. އެ އަޑު އެހުމަށް ބަތޫލް އަކަށް ކެތެއް ނުކުރެވުނެވެ. ޖިނާންނެ އެ ޖުމްލަތައް ބަތޫލްއަށް ވީ ވިހަގަދަ ޒަހަރަކަށެވެ. އެހެންކަމުން ބަތޫލްއަށް ހިންދިރުވާ ލެވުނީ ލޮލުން ކަރުނަ ފާއްދާލާ ހާލުގައެވެ.
“ހެޔޮނުވާނެ ޖިނާން އަހަރެން ވަރި ނުކުރާތި؟…އަހަރެން ބިކަވާނެ…ދެކުދިން އެކަނިވެރިވާނެ،” ޖިނާންގެ ފައިގާ އޮޅުލައިގަންނަމުން ބަތޫލް ރޮމުން ވާހަކަ ދެއްކިއެވެ.
“ތިކަން ވިސްނެންޔާ ދެންވެސް އަހަރެން ކުރާ ކަންތަކާއި ނުބެހި ހުރޭ….ހިތަށް އަރުވާލާ މީ ފަހުގެ އިންޒާރޭ،” ބަތޫލްގެ ކޮނޑުގައި ދެއަތުން ހިފައި ފިތާލުމަށް ފަހު އިގިލި ދިއްކޮށްލަމުން ޖިނާން އަމުރު ކުރިއެވެ. އަދި ބާރުބާރަށް ކޮޓަރީގެ ދޮރުފަތް ލެއްޕުމަށްފަހު ކޮޓަރިން ބޭރަށް ނުކުމެގެން ދިޔައެވެ.
ބަތޫލް އޮތީއެވެ. އޭނާގެ ލޮލުން ހޮސްލާފައި ކަރުނަތައް ފައިބަމުން ދެއެވެ. މަޑުމަޑު ގިސްލެވުމަކާއެކު ބަތޫލް ރޮމުން ދިޔައެވެ. އެނާއަށް މިއަދު އެއީ އާދައިގެ ކަމެކެވެ. އުފަލާއި ހިތްހަމަޖެހުމެއް މިއަދަކު އޭނާއަކަށް ނެތެވެ. އޭނާގެ ހުރިހާވެސް އުންމީދަކީ ކުޑަކުޑަ ދެކުދިންނެވެ. އޭނާ ދިރިހުރީ އެދެކުދިންގެ ހައްގުގައޭ ވެސް ބުނެވިދާނެއެވެ. ޖިނާންއަކީ ކުރިން ވެސް ރުންކުރު މީހެކެވެ. ރުޅިގަދަ މީހެކެވެ. ޒުވާބުކުރާ މީހެކެވެ. އެހެނަސް އޭނާ ދުވަހަކުވެސް ބަތޫލްގެ ގަޔަކު ނުޖަހައެވެ. ބަތޫލަކަށް އަނިޔާއެއް ނުކުރެއެވެ. މައިންބަފައިން އޭނާ އެންމެ ލޯބިވީ ނަވީނާއި އިންނަން ގަބޫލް ނުވުމުން ބަތޫލަށް މަޖުބޫރީ ހާލަތުގައި ޖިނާނާއި އިންނަން ޖެހުނަސް އޭނާއަށް މަޑުމަޑުން ޖިނާނުގެ މައްޗަށް ހިތްޖެހެން ފެށީ ޖިނާން ރީތިކަމުންނެވެ. ހެދިހުރި ކަސްތަރީ ހަށިގަނޑެއްގެ ވެރިއެކެވެ. މޭމަތީގައި އިސްތަށިގިނަ ބައިމަތި ފުޅާ މުލައްދަނޑީގައި ވަރުހުރި ޒުވާނެކެވެ. އެހެނަސް މިއަދު……. އާހް އެވެ. އެހުރިހާ މަންޒަރެއް ފަރުދާ ވެއްޖެއެވެ. އެ ޖިނާން މަންޒަރުން ގެއްލިއްޖެއެވެ. ދެމީހުންގެ ދެމެދަށް މިއައީ ކާކުގެ ގިލަން ވެރިކަމެއް ބާއޭ ބަތޫލް ހިތަށްއަރައެވެ. ކާކުގެ އެސްފީނާއެއްގެ އަސަރު ބާއޭ ހިތާ ކިތަންމެ ދުވަހަކު ބަތޫލަށް ވިސްނަން އޮވެވެއެވެ.
-ނުނިމޭ-