-Advertisement-

-Advertisement-

ވާހަކަ: ހިތް އެދޭތީ 06

” ދެންވެސް އަވަހަށް ހިނގާ ގެއަށް ދެވޭތޯ ބަލަމާ،” ނަދުވާ މިހެން ބުނީ އޭނާގެ ހިތަށްވެސް ބިރުވެރިކަން ވެރިވީމައެވެ. އެހެންކަމުން ދެމީހުން ހިނގުނު އެންމެ ބާރަކަށް ގެއާދިމާއަށް މިސްރާބު ޖެހިއެވެ.

ކުއްލިއަކަށް އެމީހުން އަރާހަމަވުމާއެކު ނިކަގަހަކުން ބައިވަރު ކޮވެލިތަކެއް އަޑުލައްވާލުމަށްފަހު އުދުހިގަތެވެ. ދެމީހުންނަށްވެސް އެކަކުގެ އަތުގައި އަނެކަކު ހިފައިގެން ދުވެވުނު އެންމެ ބާރަކަށް ދުއްވައިގަނެވެ.

މީހުން ދިރިއުޅޭ ސަރަހައްދަށް އާދެވުމުން ނަދުވާ ފުންނޭވާއެއް ޖައްވުގެ ތެރެއަށް ދޫކޮށްލިއެވެ. އަދި ހަމަޖެހެލުމަށް މަސައްކަތް ކުރިއެވެ.  އަދި ދީނާ މާބިރުން ހުންނަކަން ފާހަގަ ކުރެވިގެން ކަމުގެ ހަގީގަތް ހާމަ ކޮށްލިއެވެ. އެކުވެރިޔާ މާބޮޑަށް ބިރުގަނެފައި ހުރީމައެވެ.

“އަސްލު އަހަރެން ދީނާ އާއި ސަމާސަ ކޮށްލީ… ތިހާ ބިރުގަންނަންޏާ އަހަންނަށް ފެންނަނީ ދެން މިތަނަށް ނާންނަން،”

“ދޮގުނުހަދާ …ދެންކީއްވެ ނަދުވާ ބިރުން އުޅުނީ؟ … އަދިވެސް އަހަރެން އެބަ ވަރަށް ބިރުގަނޭ. އަޅެ ދޮގުނުހަދާ ބުނެބަލަ ނަދޫ،” ދީނާ ގެ އަޑުންވެސް އޭނާ ހުރީ ވަރަށް ބިރުގަނެފައިކަން އެގެއެވެ.

“އާނއެކޭ ދީނާ … އަހަރެން ބިނުނީ ހަމަތެދަށް. އަހަރެން ބިރުގަތީ ކާއްޓެއް ވެއްޓުން އަޑާއެކު އަހަރެމެން ކުރިމަތިން ބުޅަލެއް ހުރަސްކުރީމައޭ… އަދި ކޮވެލިތައް ކުއްލިއަކަށް ކޮވަމުން އުދުހި ގަތީމަ. ދެންވެސް ހަމަޖެހިބަލަ ދީނާ. ތިވަރު ވާކަށް ނުވާނޭ،” ދީނާގެ ކޮނޑުގައި ނަދުވާ ގެ އަތުން ޖަހާލިއެވެ.

” ލޯބީގެ މަންޒިލްތަކަށް ގޮސް އޭގެ ފޮނި މީރުކަން ލިބޭނީ ވަރަށް ހިތްވަރުގަދަ ޖެހިލުން ކުޑަ މީހުންނަށް. ތިހާ ފިޑިންނަށް ކިހިނެއް އެކަން ވާނީ؟” ނަދުވާ ވާހަކަ ދެއްކީ ދީނާއާއި ދިމާކޮށްލުމުގެ ގޮތުންނެވެ.

“ނަސީބެއްނު…. ކިރިޔާ އަހަރެން ބިރުން ހަލާކުނުވީ،” ދީނާ  ދެއަތުން އޭނާގެ މޭގައި އަތްޖައްސާލިއެވެ.

 

އާދައިގެ ހިނގުމެއްގައި ދެމީހުން ގެއާދިމާއަށް މިސްރާބުޖަހައިފާ ހުއްޓާ، ނަދުވާއަށް ސުނޭ ފެނުނެވެ. ސުނޭ ހުރީ އޭނާގެ ބޭބޭއެއްގެ ގޯތި، މަގުމަތީ ފާރުމަތީގައި އިށީދެލައިގެންނެވެ. ވަރަށް ހަމަޖެހިލައިގެ ހުރި ސުނޭ ފެނުމުން ނަދުވާގެ ލާނެއް ހިނިތުންވުމެއް ވެރިވިއެވެ. ލިބުނު ފުރުސަތުގެ ބޭނުން ހިފައި އެކުވެރިޔާއާއި ދިމާކޮށްލުމަށް ނަދުވާ ބޭނުންވިއެވެ. އޭނާ ހުންނަނީ އެފަދަ ދަނޑިވަޅެއް ނުލިބިފައެވެ. ދީނާ ރުޅިއަރުވާލުމަކީ ލިބޭ އުފަލެއް ފަދައެވެ.

” އެހުރީ  ސުނޭ ހިނގާ ގާތްކޮށްލަމާ.އެއްޒަމާނެއްގަ ދީނާގެ އެކްސް އެއްނުދޯ؟ ” ނަދުވާގެ ހީނގަތެވެ.

” ސުނޭގެ ނަންވެސް އަހަރެން ކައިރީގައި ދައްކައިގެން ނުވާނެ،” ދީނާ ގެ ހިތުގައި ވަނީ ނަފްރަތެވެ.

” އައްދޭ..ދެކުދިން މިއޮއް ދަންވަރު ކޮންތާކުން؟ ” ދީނާމެން އަރާ ހަމަވުމުން ސުނޭ މަލާމާތުގެ ރާގެއްގައި އަހާލިއެވެ. ދެމީހުން ވަކިވިފަހުން ސުނޭ ގެ ކަމަކީ އެއީއެވެ. ޖެހޭ ކޮންމެ ތަނަކުން ކޮންމެވެސް ގޮތަކަށް ދީނާއާއި ދިމާކުރުމަކީ އޭނާގެ އާދައެކެވެ. އަބަދުމެ ދީނާ ރުޅިއަރުވާލުމަށް ބޭނުންވާ ކަހަލައެވެ. ޖެއްސުމަށް ކޮންމެވެސް އެއްޗެއް ބުނެލާނެއެވެ.

” ކޮންމެ ތަނަކުން އަޔަސް އެއީކީ ސުނޭ އާއި ބެހޭ ކަމެއް ނޫން،” ދީނާ ވަގުތުން ރުޅިއައެވެ. ހަޤީޤަތުގައިވެސް އެމީހުން ކޮންމެ ތަނަކުން އަޔަސް ސުނޭއާއި ކޮން ބެހޭކަމެއް ހެއްޔެވެ. އެއީކީ މިހާރު ސުނޭ އާއި އެއްވެސް ގުޅުމެއް ހުރި ބައެއް ނޫން ވީއްޔާއެވެ. ވާނީވެއް އެހެންނެވެ. ނުބެހޭ ކަމަކާ ބެހެއްޏާ ކޮންމެ މީހެއް ނަމަވެސް ރުޅި އަންނާނެއެވެ.

” އަމުދަކުން އަހަންނަށް ނޭންގޭތީއެއް ނޫން މިއެހީކީ… ދީނާ އަނގައިން ބުނުވަން ވެގެން މިއެހީ. އަހަންނަށް އެނގެއޭ ތިއައީ  އެއުޅޭ ސިމާމުގެ ކައިރިންކަން،”  ސުނޭ ޖެހިލުމެއް ނެތި އޭނާއަށް ދީނާގެ ކަންކަން އެނގޭކަން ދައްކާލިއެވެ.

” އެކަމާ ސުނޭ ދެރަވީތަ… އެހެންވާނެއެއްނު. މީނަ ހިތުން ދެން އަހަންނަކަށް އެކަކުވެސް ނުވާނެ،” ދީނާގެ އަޑު ބާރުވިއެވެ. އަސްލު ދީނާ އެތާ ހުންނާކަށް ބޭނުމެއް ނޫނެވެ. އެހެނަސް ސުނޭ އަށް ރައްދު ނުދީ ދިއުމަކަށް ވެސް މިހާރު ދިނާ ބޭނުމެއް ނުވެއެވެ. އަބަދު ބަހެއް ނުބުނެ ހަނުހިމޭނުން ހުރުމުން ލިބުނެ ފައިދާއެއް ނެތެވެ. ސުނޭ އެތަށްވަރަކަށް ޖެއްސުންކޮށް ވައްބަހުން އެއްޗިހި ބުނެ ރުޅިއަރުވާ ހަދަމުން ދިޔައިރުވެސް، ވަރަށް ގިނަ ދުވަސް ވަންދެން ރައްދެއް ނުދީ ދީނާ ކެތްކުރިއެވެ. އެއިން ލުބުނު ފައިދާއެއް ނެތުމުން ދީނާ ބޭނުންވީ މިރޭ ސުނޭ ކިޔާ ކޮންމެ އެއްޗަކަށް ރައްދު ދޭށެވެ. އޭނާ ހުރީ އެ އަޒުމުގައެވެ. އެ ހިތްވަރު ލިބިގަނެގެންނެވެ.

” އަހަރެން އެބައޮތް ދީނާގެ ކައިރީގައި ވާހަކައެއް ބުނަންވެފައި. އެވާހަކަ ބުނުމުން ތިލޯތްބަށް ވެގެން ދާނެ ގޮތެއްވެސް އެނގެދާނެތާ؟” ސުނޭ ވެސް ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ.

” ސުނޭ. އަހަރެންމެންވެސް ކަލެޔަކާ ނުބެހެމެއްނު؟ ކޮންމެހެން ދޭތެރެ ޖައްސަން މަސައްކަތް ކުރާނެ ކަމެއްނެތް. ތިޔަ އުޅެނީ ގޮތް ހުސްވެގެން. ބިޓެއް ނުވީ ދޯ؟” ދީނާ ހިތްމަނުޖެހުނެވެ. މަލާމާތުގެ ރާގަށް ހީލަމުން ދީނާ ވާހަކަ ދެއްކީ އެހެންވެގެންނެވެ.

” ފުރަތަމަ ދޭތެރެ ޖެއްސި މީހާގެ ވާހަކަ އަޑުއަހާބަލަ،” ސުނޭ ގެ މަޤުސަދަކީ ދީނާ އެތާ ގިނައިރު ބެހެއްޓުމެވެ.

ހަޤީޤަތަކީ އަދިވެސް އޭނާގެ ހިތުގައި ކޮންމެވެސް ވަރަކަށް  ދިނާގެ ހަދާންތައް ނުފިލާ ހުރިކަމެވެ. އެކަމުގެ ސަބަބުން ދިނާ ފެންނަ ކޮންމެފަހަރަކު އޭނާގެ ހިތުގެ ހިނގުން އަވަސް ވެއެވެ. ސުނޭ ގެ މަޤުސަދު ދީނާއަށް މޭރުންވީ ވެސް ތޯއްޗެކެވެ. ނަދުވާގެ އަތުގައި ހިފައިގެން ދީނާ ކުރިއަށް ހިނގައިގަތެވެ.

ގެއަށް ދިޔައިރު ދީނާގެ އިންތިޒާރުގައި އޭނާގެ މައިންބަފައިން ސިޓިންގ ރޫމްގައި ތިއްބެވެ. އެހެންކަމުން ދީނާ ވަރަށް ހާސްވެ ފިނިވާގޮތް ވެގެން ދިޔައެވެ. ކޮންމެ ގޮތެއްވިއަސް މަންމަމެން އެތިބީ އޭނާ ގެއަށް އައުން  ލަސްވުމުން ކަން ދީނާއަށް އެނގުނެވެ.

” ދީނާ … މަޑުކޮއްލަބަލަ،” މަޑުމަޑުން ގެއަށް ވަތް ދީނާ ހުއްޓުނީ އޭނާގެ މަންމަގެ އަޑު އިވުމުންނެވެ. އޭނާ އިސްއުފުލާ ލުމަށްފަހު ، އެއްފަހަރު މަންމަގެ މޫނަށް އަނެއްފަހަރު ބައްޕަގެ މޫނަށް ބަލައިލިއެވެ. އެމީހުން މޫނު މަތިން ހިތްހަމަ ނުޖެހުމުގެ ކުލަވަރު  ފާޅުވާން ހުއްޓެވެ.

” ދީނާއަށް އެނގޭތަ ގަޑިން ވީއިރެއް؟ ކޮންތާކު ތެޅިތެޅި ފައެއްތަ ތިޔަ އައީ؟ ” ދިޔާނާ ހުރީ ރުޅިއައިސް ރަތްވެފައެވެ. އެހެންކަމުން އޭނާގެ އަޑުވެސް އެހާ ބާރެވެ. މަންމަ އެގޮތަށް މިއިން ޒަމާނަކުވެސް ދީނާ އަކާއި މުޚާތަބު ކޮއްފައެއް ނުވެއެވެ. އެހެން ކަމުން ދީނާ އަށް ވާހަކަ ދެއްކުނީ އަޅައި ގަންނަމުންނެވެ.

” އަ…އަ…އަހަރެން ދިޔައީ މަންމަ ކައިރީގައި ބުނެފަ ނަދޫމެން ގެއަށޭ،”

“ހުއްޓާލާ…ރީއްޗެއްނު ވާހަކަ. އަހަރެމެން ނަދުވާމެން ގެވެސް ބެލީމޭ. ނަދުވާ މަންމަވެސް އިނީ ތިދެމީހުން ދިޔަ ތަނަކުން ނައިސްގެން ހާސްވެ ކަންބޮޑުވެފާ . މިއަދު ލާހިކެއްނޫން ތިއައި ތަނެއް ނުބުނެ ނިދާކަށް، ” ދިޔާނާގެ އަޑު އިތުރަށް ބާރުވިއެވެ. ދިޔާނާގެ އެސިފައަކީ ހަސަނަށް އެއް ގޮތަކަށްވެސް ކަމުދާ ސިފައެއް ނޫނެވެ. އެހެންކަމުން އޭނާއަކަށް އެއްޗެއް ނުބުނެ މަޑަކުން ނުހުރެވުނެވެ.

” ދިޔާނާ. ތިޔަ ރުޅިގަނޑު މައިތިރި ކޮށްބަލަ. ދަރިފުޅުދޭ ނިދަން.  ދެން ދުވަހަކުންވެސް ހަދާންކުރާތި އަވަހަށް ގެއަށް ވަންނަން؟ ” ހަސަން ދީނާގެ ބޮލުގައި ލޯބިން ފިރުމާލިއެވެ. އެވަގުތުގެ ބޭނުން ހިފާ ދީނާ އަވަހަށް ގޮސް ކޮޓަރިއަށް ވަނެވެ.

” ހަސަން ތިހެން ހެދީމާ ކިހިނެއް ވާނީ. ހައްތަހާ އޭނާ ގޯސްވާނީއެއްނު؟” ނިދަން ކޮޓަރިއަށް ވަނުމަށްފަހު ދިޔާނާ ހިތްހަމަ ނުޖެހިގެން ވާހަކަ ދެއްކިއެވެ.

” މިވަގުތު ދިޔާނާ އަކަށް އެކައްޗެއްވެސް ނުވިސްނޭނެ. ނިކަން ހަމަޖެހި ބަލަ. ދީބަލަ އަހަންނަށް ފެންތައްޓެއް ” ދިޔާނާ ކޮޓަރީގައި ހުރި ފެން ފުޅިން ތައްޓަކަށް ފެން އެޅުމަށްފަހު ހަސަން އަތަށް ދިނެވެ. ފެންފޮދެއް ބޯލުމަށްފަހު ހަސަން ވާހަކަ ދެއްކިއެވެ. އޭނާގެ ބޭނުމަކީ ދިޔާނާ ހަމަޔަކަށް އެޅުވުމެވެ.

” އެއުމުރުގެ ކުދިން ކުރާ ކަންތަކާ މާބޮޑަށް ރުޅިއައިސްގެން ޢަމަލު ކުރުން ރަގަނޅެއް ނުވާނެ . ވިސްނުންތެރިކަމާއެކު ނޫނީ އެކަހަލަ ކަންތައްތަކެއް ހައްލެއް ނުކުރެވޭނެ”

” ދެން ތިބުނީ އޭނާ ކުރާކަމެއް ކުރަންދެން އަހަރެމެން ބަލަން ތިބެންވީއްޔޭތަ؟ އެއީތަ މައިންބަފައިންގެ މަސްއޫލިއްޔަތަކީ.؟” ހަސަން ދެއްކި ވާހަކައަކީ  ދިޔާނާއަށް މާކަ ކަމުދާ ވާހަކައަކަށް ނުވިއެވެ.

” ނޫނޭ. އެކަމަކު އަހަރެން ބުނަން މިއުޅެނީ އޭނާވެސް ހަމަޖެހިފައި ހުއްޓާ ވަރަށް ކެތްތެރިކަމާއި އޯގާރެތިކަމާއިއެކު، ވާހަކަ ދައްކައިގެން ނޫނީ އެކަހަލަ ކަންތަކަށް ހައްލެއް ނުހޯދޭނޭ. ކަންތައް ވީގޮތް އޮޅުން ފިލުވާފައި ގޯސްކަމެއްނަމަ އެކަމަށް ފިޔަވަޅުވެސް އެޅިދާނެތާ،”

އެނދުގައި ގައި ދެފަރާތަށް ފުރޮޅިލަ ފުރޮޅިލާ ދީނާ އޮތީ އެއްގޮތަކަށްވެސް ނިދޭގޮތް ނުވެގެންނެވެ. މާދަމާވެސް މަންމައާއި ކުރިމަތިލާން ޖެހޭނެކަން ދީނާއަށް ހަމަ ރަގަނޅަށްވެސް އެނގެއެވެ. އެހެންކަމުން އޭނާ ހާސްވަނީއެވެ. މަންމަމެންމަށް ދީނާގެ ކަންތައް ފަޅާއަރައިފިނަމަ ދެންވާނީ ކިހިނެތް ކަންވެސް ނޭންގޭތީ ދީނާ ގެހިތް ދެޅެމުންދެއެވެ. ހާސްވަމުންދެއެވެ. މިހުރިހާ ޚިޔާލުތައް ދީނާ ނިދިން މަހުރޫމް ކުރުވަމުން ދިޔައެވެ.

އެހެން ދުވަސްތަކާއި ޚިލާފަށް އެދުވަހު ދީނާއަކަށް މަންމަ ނުގޮވައެވެ. އެހެންކަމުންނާއި ރޭގައި ނިދުނުލެއް ލަސްކަމުން، ހޭލެވުނީ އިރުއަރައި ދިޔަ ފަހުންނެވެ. ރޭގައި ދިމާވި ކަންތަކުގެ ސަބަބުން ހާސްވެފައި ހުރެ ދީނާ ބަދިގެއަށް ދިޔައެވެ. ދީނާ ހީކުރިގޮތާއި ޚިލާފަށް ރޭގެ އެއްވެސް ވާހަކައެއް އޭނާގެ މަންމަ ނުދައްކައެވެ. މޫނުމަތިން ރޭގައި ފެންނަން ހުރި ރުޅިވެރިކަމެއްވެސް ނެތެވެ. މަންމަ ހިނިތުންވެފައި ހުރިތަން ފެނުމުން، ދީނާ ވަރަށް ހިތްހަމަޖެހުނެވެ. ވެފައިހުރި ހާސްކަން ފިލައިގެންދިޔައެވެ. އެހެންކަމުން ހަމަޖެހުމުގެ ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އެހެންނަމެވެސް ދީނާ ހީކުރިގޮތާއި ޚިލާފަށް، އޭނާއަށް ލިބިފައިވާ ހިތްހަމަޖެހުން ކުޑަ ހިދުކޮޅެއްގެ ތެރޭގައި ބަދަލުވެއްޖެއެވެ.

(ނުނިމޭ)

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-