-Advertisement-

-Advertisement-

ވާހަކަ: ހިތް އެދޭތީ 08

“ސުނޭ އަށް އަދި ކަންތައް ވެފައިވާ ގޮތް ނޭނގެނީ ދޯ … އަހަންނަށް ލަނޑެއް ދެވޭނީ ދީނާ އަހަރެން ދެކެ ލޯބި ވިނަމަތާ؟” ސުނޭ އަށް ކަންތައްތަކެއް އޮޅިފައިވާ ހެން ހީވާތީ ވިމާލު ބޭނުންވީ އެކަންތައްތައް ސާފުކޮށްދޭށެވެ.

“އޭނ..! ލޯތްބެއް ނުވޭތަ؟ ދެން އޭރު ވިމާލު ދެއްކި ވާހަކަޔޯ؟ ” ވިމާލު ބުނި އެއްޗަކުން ސުނޭ ހައިރާން ކަން އެކުލެވިގެންވާ ނަޒަރަކުން ވިމާލާ ދިމާއަށް ބަލައިލިއެވެ. ކުޑަކޮށް ހިތްހަމަ ނުޖެހިފައި ހުރިންހެންވެސް ހީވާކަހަލައެވެ.

“އާނ… އަހަރެން ދީނާދެކެ ވަރަށް ލޯބިވޭ. އެހެންވެ އަހަންނަށް އެހެން ވާހަކަ ދެއްކުނީ.  އެއްގޮތަކަށްވެސް ދީނާ އެފަދަ އެއްވެސް ވާހަކައެއް ނުދައްކާ .  އޭރު  ދީނާއޭ ކިޔައިގެން އަހަރެން ހެދީ ހުސް ދޮގު،” ވިމާލު ކުއްވެރިއެއް ފަދައިން އިސްދަށަށް ޖަހައިލިއެވެ.

“ކީއްވެތަ ތިހާ ބޮޑު ދޮގެއް ހެދީ . އަހަރެން ދީނާ ދޫކޮށްލި ދުވަހު ހާދަވަރަކަށް އޭނާ ރުޔޭ …. ތިހެން ނުހެދުމަށް އެދި ހާދަ އާދޭހެއް ކުރިޔޭ…. މިހާރު އަހަރެން ފެނުނަސް އޭނާ ނަފްރަތު ކުރޭ،” ސުނޭ ގެ ވާހަކައިން އޭނާ ދެރަވެފައި ވާވަރު އެނގެއެވެ.

“އެކުން މިވާހަކަ ބުނަން މިއައީވެސް ސުނޭ އުޅޭ ހާލާމެދު ހަމްދަރުދީވެގެން..ސުނޭއަށް ހަގީގަތް އެނގުން މުހިންމުކަމަށް ދެކޭތީ އެވާހަކަ ބުނެލަން މިއައީ … އަހަންނަށް ކުރެވުނު ކަންތަކަށް މާފަށްއެދެން،”

“މިހާރު ތިވާހަކަ ބުނުމުން ފައިދާއެއް ކުރާނެތަ . ދީނާ މިހާރު އެއުޅެނީ އެހެން މީހަކާ ރައްޓެހިވެގެން . ވިމާލު ކަންތައްކުރި ގޮތުން އަހަރެންގެ މުޅި ދިރިއުޅުންވެސް…، ” ސުނޭގެ އަޑު ބެދުނެވެ.

“އެއްގޮތަކަށްވެސް ތިހެން ނުބުނޭ . ސުނޭތީ ދީނާގެ ފުރަތަމަ ލޯބި . މީހުން ބުނެއްނު ފުރަތަމަ ލޯބި ހަނދާން ނައްތައެއް ނުލެވޭނޭ . ހަގީގަތް އެނގުމުން ސުނޭގެ ކޮޅަށް ދީނާ ދީލާލާނެ … މާޔޫސްނުވެ ޓްރައި ކޮއްލަބަލަ،” ސުނޭގެ ކޮނޑުގައި އަތް ބާއްވާލަމުން ވިމާލު ބުންޏެވެ.

“ވިމާލު ވާނެ މިކަމުގައި އަހަންނާއި ބައިވެރިވާން…އަހަރެން އެކަނި މިކަމުގާ ކުރިމަތި ލުމުގެ ހިތްވަރެއް މިހާރަކު ނެތް،” ސުނޭ ވިމާލުގެ އެހީތެރިކަމަށް އެދުނެވެ. އޭނާގެ ހިތްވަރުވަނީ މުޅިން އެލިފައެވެ. ދީނާ އާއި ވަކިވީފަހުންނެވެ.

“މައްސަލައެއް ނޯންނާނެ….މިއަދުން ފެށިގެން ސުނޭތީ އަހަރެންގެ ރަހުމަތްތެރިއެއް،” ދާން ހިނގައިގަންނަމުން ވިމާލު މިހެން ބުނި އިރު އޭނާގެ ތުންފަތް މައްޗަށް ވެރިވެފައިވަނީ ވިހަ ހިނިތުން ވުމެކެވެ. އަދި އެއްފަހަރު ރަގަނޅު ބޮނޑިއެއް ދޭނަމޭ ވިމާލު ހިތާހިތުން ކިޔާލިއެވެ.

ހަވީރުގެ ހިތްގައިމު ވަގުތެވެ. ސިމާމު ހުރީ އެމީހުންގެ ކާގޭގައި ސައިބޯށެވެ. އޭނާގެ މަންމަ މަރީނާބަދިގޭގައި ކޮންމެވެސް މަސައްކަތެއް ކުރަން އުޅެފައި ކާކޮޓަރިއަށް ވަނެވެ.

“ދަރިފުޅު މިހާރު އަބަދުހެން އުފާވެފައި ތިހުންނަނީ ކީއްވީތަ؟ ”

“މަންމަމެން އަހަންނަށް އެހާ ރަގަނޅު . ދެން ކީއްވެ އަހަރެން އުފާ ނުވާންވީ،” ސިމާމު މަންމައާއި ދިމާއަށް ބަލާލިއެވެ.

“މަންމައަށް މިހެން މިބުނެވުނީ ކުރިއާއި މިހާރު ތަފާތުވީމަ. ކޮންމެވެސް ކަމެއް ދަރިފުޅު މަންމައަށް ސިއްރުކުރާހެން މަންމައަށް ހާދަ ހީވެއޭ،” މަރީނާ އައިސް ސިމާމުގެ ބޮލުގައި ފިރުމާލިއެވެ.

“ކޮންކަމެއް…އަހަރެން މަންމައަށް ސިއްރުކުރަންވީ؟” ސިމާމު އިސްޖަހާލިއެވެ.

“ދަރިންގެ އިހުސާސްތައް ދެނިގަންނާކަށް މައިންނަކަށް އުނދަގުލެއް ނުވާނެ . . . އަޅެ މަންމަ ކައިރީ ބުނެބަލަ ؟ ކޮންކުއްޖެއްތަ އެއީ؟” ސިމާމުގެ ދަތްދޮޅީގައި ހިފައި އުފުލާލަމުން މަރީނާ އެހިއެވެ.

“ދެން މަންމަ ދައްކާ ވާހަކަ؟ .. ކޮންކުއްޖެއްތަ؟ . .ކޮންތާކު ހުރި ކުއްޖެއްގެ ވާހަކަ ތަ ތިދައްކަނީ؟” ބޭރު ބަލާލަމުން މަންމަ ކިޔާއެއްޗެއް ގަސްތުގައި ނޭންގޭކަމަށް ސިމާމު ހެދިއެވެ.

“ދަރިފުޅުގެ އެއް ގުނަވަން އޭނައަށް ހަދިޔާކުރި އިރުވެސް ދަރިފުޅަކަށް ނޭންގޭ ހަމަ؟ … މަންމައަށް އެނގޭ އެވަރު … ނޭންގެނީ ކޮން ކުއްޖެއްކަން. މަންމަ ކައިރީ ނުބުނަންތަ…؟ ” ސިމާމަށް އެނގުނެވެ. މަންމަ ދެން ކުރެއް ނުކުރާނެއެވެ.

“އެއީ … ދީ…ދީނާ ” ސިމާމު އޭނާގެ މަންމައާއި ދިމާއަށް ބަލައިލިއެވެ. އެމަންމަ ގެ މޫނުން ހިނިތުންވުން ފެނުމުން ސިމާމަށް ހިތްހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.

” ލޯބި ވުމަކީ ކައިވެންޏާ ހަމައަށް ދިއުން. . ކިޔަވައި ނިމިގެން އަމިއްލަ ފައި މައްޗަށް ތެދުވެވޭތޯ ބަލާ؟ …އެއައްފަހު އަވަހަށް ކައިވެނިކުރަންވީ؟ … ތިޔައީ ވަރަށް ރަގަނޅު ކުއްޖެއް . . މަންމަ ވަރަށް ގަބޫލު،” މަންމަ ގަބޫލުކަމަށް ބުނުމުން ސިމާމު މަންމަ ގައިގާ ލޯބިން ބައްދާލިއެވެ. އުފަލުންނެވެ.

“އޯލެވެލް ވެސް މިއޮށް ނިމެނީއެއްނު؟ …ޒައިން ބުނި ވަޒީފާއެއް އެބަ ބަލަމޭ ޒައިން ގުނާނެ ހަމަޖެހުނީމަ،” މަންމަ ގަބޫލުކަން އެނގުމުން ސިމާމު ވަރަށް އުފާވިއެވެ. އޭނާއަށް ހިތްހަމަ ޖެހުމުގެ ނޭވާއެއް ލެވުނެވެ.

“އެހެންތަ؟. ޒައިން މާލެ ދިޔައީ ކޮންއިރަކުތަ؟ ”

“މިހާރު މަހެއް ވެދާނެ .. . އޭނަ އެ އުޅޭ އޮފީހުން ވަޒީފާއެއް ލިބޭތޯ މި ބަލަނީ .. ފަސޭހަ ވާނެ ވާނެއެއްނު،” ސިމާމު އޭނާ ވިސްނާގޮތް މަންމައާއި ހިއްސާކުރިއެވެ.

ދުވާލުގެ ހަލަބޮލި ވަގުތަށް ފަހު، ރޭގަނޑުގެ ހިތްގައިމު ހަމަހިމޭންކަން ދުނިޔެ މައްޗަށް ވެރިކުރުވައިފިއެވެ. ރެއަކީ އާދައިގެ މަތިން ކަޅުފޮއި އަދިރި ރޭތަކުގެ ތެރެއިން ރެއެކެވެ. ވިއްސާރަ ވިލާ ބޯ ދުވަސްކޮޅެއް ކަމުން އަދިރިކަން އިތުރަށް ގަދަ ކަމަށް ދައްކައެވެ. އާދައިގެ މަތިން ދިހައެއް ޖަހާލިއިރު ރަށުގެ މަގުތަކުގެ މަތިން މީހެއްގެ ހިލަމެއްވެސް ނެތެވެ. ރަށް ހީވަނީ ހަމަހިމޭން ކަމުގެ ނިންޖަކުން ނިދާލައިފައިވާ ހެންނެވެ. މަގުމަތީގައި މަގު ބައްތިތަކުގެ އަލި ގަސްތަކުގެ ތެރެއިން ފުރޭނިގެން ބިމަށް އެޅިފައި ހުއްޓެވެ. ސިމާމުގެ މިސްރާބު ހުރީ މަޑު ހިނގުމެއްގައި އޭނާގެ މަންޒިލާއި ދިމާއަށެވެ. ދީނާމެންގެ ދިއުމަށެވެ. އެގެއަށް ވަތްއިރު ދީނާ ވާހަކަ ފޮތެއް ހިފައިގެން ސިޓިންގ ރޫމްގައި އޮތެވެ. އެފޮތުގެ ތެރެއަށް ގެއްލިފައެވެ. ސިމާމު މަޑުމަޑުން އައިސް ދީނާގެ މޫނުގައި އަތް އެޅިއެވެ. އެއާއެކު ކުޑަކޮށް ސިހިފައި ދީނާ މަސައްކަތްކުރީ އަތް ނައްޓުވާލުމަށެވެ.

“ކީއްކުރަނީ؟… އަހަރެންގެ އިންތިޒާރުގަދޯ ؟” ދީނާގެ މޫނުން އަތް ނަގަމުން ސިމާމު ބުނެލިއެވެ.

“ނުފެނޭތަ؟ …ވާހަކ ފޮތެއް ކިޔަނީނު؟  ސިމާމު ހާދަ މޫޑް ގޯސްވެފައި … ކިހިނެއްވީ ” މިލާ މޯޅިވެފައިވާ ސިމާމުގެ މޫނު ފެނުމުން ދީނާއަށް ތެޅިގަނެވުނެވެ. އެގޮތަށް ސިމާމު މިލާ މޯޅިވެފައި ހުރިތަނެއް ދުވަހަކުވެސް ދީނާ ނުދެކެއެވެ.

“އަހަރެން މިއުޅެނީ ދެން އެންމެ އަވަހަށް ފުރާ ދޯންޏަކުން މާލެ ދާން ….. ވަޒީފާއެއް ހަމަޖެހިގެން ޒައިން ގުޅައިފި،” މޮޅިވެރި އަޑަކުން ސިމާމު ވާހަކަ ދެއްކިއެވެ.

-ނުނިމޭ-

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-