-Advertisement-

-Advertisement-

ވާހަކަ: ހިތް އެދޭތީ 10

ހިތުގެ ހިނގުން އަވަސްވަމުން ދިޔަވަރަކަށް ސިމާމުގެ ގައިން އޮށްދާ ހިއްލަމުން ދިޔައެވެ. ދީނާއަށް އަނެއްކާ ކީއްވީ ބާއެވެ؟ އޭނާ އަހަރެން ދެކެ ވީ ކެހިވެރި ލޯތްބެއް ބާއެވެ؟ ސިމާމުގެ ހިތުގައި އެކި ކަހަލަ ސުވާލުތައް އުފެދެމުން ދިޔައެވެ. ސިމާމުގެ އަމިއްލަ ނަފްސު އޭނާގެ ކައިރީ ބުނާ ކަހަލައެވެ. ދީނާއަށް އިންތިޒާރު ނުކުރާށެވެ. އޭނާއެއް ދެނެއް ނާންނާނެއެވެ.

ކުއްލިއަކަށް މާދުރުން އަންނަ ކުއްޖެއް ސިމާމުގެ ނަޒަރުގައި އަޅައިގަތެވެ. އެކުއްޖާ އަންނަނީ ދުވަމުންނެވެ. ސިމާމަށް ބޭއިޚްތިޔާރުގައި އެކުއްޖާއާއި ދިމާއަށް ދުއްވައި ގަނެވުނެވެ. މޫނު މައްޗަށް ހިނިތުންވުން ވެރިވާ ހާލުގައެވެ. އެހެން ނުވާންވީ ކީއްވެ ހެއްޔެވެ. އޭނާގެ ދީނާ އަންނަނީއެވެ.

“ދީނާ … ދީނާ … އަހަރެން ހިތައްއެރީ،”

“އަހަރެން ނާންނާނެ ކަމަށްދޯ؟ ވަރަށް ބޮޑަށް ސޮރީ… މިއަދު ހޭލެވުނުލެއް މާބޮޑަށްވެސް ލަސްވީ … ރޭ ނުވެސް ނިދުނު ވީއްޔަ،” ސިމާމުގެ ޖުމްލަ މެދުކަނޑާލުމަށްފަހު ދީނާ ވާހަކަ ދެއްކިއެވެ.

“ބައިވަރު ވާހަކަ ދަށްކަން އެބަހުރި… އެކަމަކު ވަގުތު ކުޑަތަންވަނީ . . . އަހަރެން ބުނަން އޮތީ .. ޕްލީޒް ދީނާ އަހަންނަށް ތެދުވެރިވާތި. ވަފާތެރިވާތި. އަހަރެން އެނބުރި އަންނަންދެން އިންތިޒާރު ކޮށްދޭތި،” ސިމާމުގެ އަޑުގައިވަނީ  ދީނާއާއި ވަކިވެގެން ދާންޖެހޭތީ އުފެދިފައިވާ ރިހުމުގެ އަސަރެވެ.

“ސިމާމް…އަހަރެން ހުންނާނީ އަބަދުވެސް ލޯބީގެ އިންތިޒާރުގައި …..އަހަންނަށް އިތުބާރުކުރޭ،”  ދީނާގެ ލޮލަށް ޖަމާވެފައިވާ ކަރުނަތައް އެއްވެސް ހިފެހެއްޓުމެއް ނެތި ކޯތާފަތުގައި ބީހެމުން ތިރިއަށް ފައިބަމުން ދިޔައެވެ.

“އަހަރެން މިހުރިހަ ވާހަކެއް މިދައްކަނީ ދީނާއަށް އިތުބާރު ނުކުރާތީއެއް ނޫން…އަހަންނަށް އެނގޭ ދީނާ އަހަރެން ދެކެ ލޯބި ވާވަރު … ދެން ނުރޮއި ހުއްޓާލާ … މިދަނޑިވަޅު ދީނާ ރޮންޏާއި އަހަންނަށް ދަތުރު ކެންސަލްވެސް ކުރެވިދާނެ،” ދީނާގެ ލޮލުން އައިސްފައިވާ ކަރުނަތައް ސިމާމު ފުހެލަދިނެވެ. އަދި ފުރަން ބޯޓާއި ދިމާއަށް ހިނގައި ގަތުމުގެ ކުރިން އެންމެ ފަހު ފަހަރަށް ދީނާގެ ކޮޑުގައިހިފައި އޭނާއާއި ކައިރި ކޮށްލިއެވެ. ދެމީހުންގެ ނޭވާގެ ހޫނުކަން އިހުސާސް ވާހައި ކައިރިއަށެވެ. މަސްތުވީ ނަޒަރަކުން ސިމާމު އާއި ދިމާއަށް ދީނާ ބަލައި ލިއެވެ.

“ކިތަންމެ ދުރުގައި ހުއްޓަސް އަހަރެންގެ މަތިން ހަނދާންނައްތައި ނުލައްޗޭ؟” ވަރަށް މަސައްކަތުން ދީނާ ހިނިތުންވެލިއެވެ. ސިމާމު ޔަގީންކަން ދިނެވެ. އޭނާ އަކީ އަބަދުވެސް ދީނާގެ މީހެއް ކަމެވެ.

ސިމާމު ބޯޓާއި ދިމާއަށް ހިނގައި ގަތެވެ. ދީނާއަށް ހިރިލާންވެސް ނޭނގިފައި އެހުރިތާ ހުރެވުނީއެވެ. ބޯޓަށް އެރުމަށްފަހު ސިމާމު އަތް ހޫރާލިއެވެ. ޖަވާބުގައި ދީނާވެސް ހަތް ހޫރާލިއެވެ.

ބޯޓް މާލެއަށް ބަނދަރު ކުރި އިރު ސިމާމުގެ އިންތިޒާރުގައި އޭނާގެ އެކުވެރިޔާ ޒައިން ހުއްޓެވެ. އޭނާއެކު ސިމާމު ދިޔައީ ކުއްޔަށް ހިފާފައި ހުރި ކޮޓަރިއަށެވެ.

“ކިހިނެއް މި ކޮޓަރި؟” ކޮޓަރިއަށް ވަދެވުމާއެކު ޒައިން އެހިއެވެ.

“ދެމީހުންނަށް އުޅެން ހަމަ ބެސްޓް،”

“އިތުރު މީހެއް ގެންނަން ވީތަ؟ … އަނެއްކާ ދީނާ،” ޒައިން ހީނގަތެވެ.

“ނޫނޭ …. އަދި މާއަވަހެއްނު. އެކަމަކުވެސް އަހަރެން … މެރީ ކޮށްގެން ދިރިއުޅުން މާލެއަށް ބަދަލު ކުރާނީ،” ވެފައި ހުރި ވަރުބަލިކަމާއެކު ސިމާމު އެނދުގައި އޮށޯވެލިއެވެ.

“ފެންވަރާލައިގެން ހިނގާ ކާންދަމާ؟”

“ހޮޓަލުންތަ ކަނީ؟ …ހާދަ ޚަރަދު ބޮޑުވާނެޔޭ؟” ސިމާމު ފާޚާނައަށް ދިއުމަށް ހިނގައިގަތެވެ.

“މިއަދު ދެން ހޮޓަލުން ކައިލާނީ؟ …އަހަރެން ކައްކަނީ މިތާގައި. ރަނގަޅުވާނެ އެއްނު؟ ދެންދޭ އަވަސް ކޮށްލައިގެން އަންނަން؟” ޒައިން އެނދުގައި އިށީދެލިއެވެ.

“ރަގަނޅުވާނީ ތިހެންނޯވެ. ހިނގާލަން ގޮސް މީހުންގެ ތެރެއަށް ނުކުމެ އުޅުނީއްޔާ؟ … ސިމާމު ދިޔަފަހުން އަބަދުހެން ތިޔަ އިންނަނީ ކޮޓަރީގައި. ނަދުވާ ވެސް އުޅޭނެ އެއްނު. އެގެއަށް ވެސް ނުދަންތަ؟” ދީނާގެ މަންމަ ވާހަކަ ދެއްކީ ދީނާއާއެވެ.

“މަންމާ …. އަހަރެން ނޫޅެމޭ އަބަދު ކޮޓަރީގައި އޮންނާކަށެއް. މިހާރުވެސް މިއުޅެނީ ނަދުވާމެން ގެއަށް ދާންވެގެން،” ޑްރެސިންގ ޓޭބަލް ގައި ހުރި ލޯގަނޑުން އަމިއްލަ ސޫރައަށް ބަލަމުން ދީނާ ވާހަކަ ދެއްކިއެވެ.

“އެހެންތަ؟ ދަރިފުޅު އަވަހަށްދޭ ނަދުވާމެން ގެއަށް ގޮސްފައި އަންނަން. މަންމަވެސް މިދަނީ މިތާ ކައިރީ ހުރި ގެއަކަށް،” ދިޔާނާ ބޭރއަށް ނުކުތެވެ.

 

މާގިނަ އިރުތަކެއް ނުވެ ދީނާވެސް ރީތިވެ ނަލަ ހެދިލައިގެން ނަދުވާމެން ގެއާއި ދިމާށް ދިއުމަށް ހިނގައި ގަތެވެ. މާޔޫސީކަމާއެކުއެވެ. ދިރުމެއް ނެތްހެންނެވެ. ވާނީވެސް އެހެންތާއެވެ. ސިމާމު ނެތުމުގެ އުނިކަން ދީނާއަށް ކުރެވެމުން ދަނީ އިންތިހާއަށެވެ. ފޫހިކަމުގައި، އެއްވެސް ޚިޔާލެއް ފިކުރެއްނެތި ހިނގަމުން ދިޔަ ދީނާއަށް ކުއްލިއަކަށް ހުއްޓެވެއްޖެއެވެ. ސުނޭ ފެނުމުންނެވެ. ސުނޭ ހުރީ ގެއެއްގެ މަގުމަތީ ފާރުގައި އިށީދެލައިގެންނެވެ. ސުނޭ ފެނުމުން ދިނާ ބޭނުންވީ އަނބުރައިލާފައި އައިކޮޅަށް ދާށެވެ. ނަމަވެސް، ސުނޭ އާއި މާކައިރިއަށް އާދެވިފައި ހުރުމުގެ ސަބަބުން ދީނާއަކަށް އެހެން އެދުމުގެ  ފުރުސަތެއް ސުނޭ ނުދިނެވެ. އައިކޮޅަށް އަނބުރާލުމާއެކު ފަހަތުން އައިސް ސުނޭ ހިފީ ދީނާގެ އަތުގައެވެ.

“ސުނޭ. ކީއްވެގެންތަ ތިއުޅެނީ؟ މަގޭ އަތުން ދޫކުރޭ!” ދީނާ ރުޅިވެރިކަމާއެކު ސުނޭއާއި ދުރަށް މޫނު އަނބުރާލަމުން ސުނޭގެ އަތް ފޮޅުވާލަން މަސައްކަތް ކުރި ނަމަވެސް އެކަންވީ ބޭކާރު ކަމަކަށެވެ.

“ނިކަން ގަދަ ނުހަދާ އަހަރެން މިދައްކާ ވާހަކަ އަޑުއަހާ ބަލަ؟އޭރުން ދޫކޮށްލަފާނަން،”

“ސުނޭ ދައްކާނެ ވާހަކައެއް ނޯންނާނެ. މަގުމަތީގައި ތިގޮތައް އަހަރެން އަތުގައި ހިފައިގެން ހުންނާކަށް ލަދެއްވެސް ނުގަނޭތަ؟ ދޫކުރޭ،” ދީނާ މަސައްކަތް ކުރަމުން ދިޔައީ ސުނޭގެ ކިބައިން ސަލާމަތް ވުމަށެވެ.

“ދީނާ. އަހަންނަށް މާފުކުރޭ؟ ހެޔޮނުވާނެ. މީހަކު ދެއްކި ދޮގު ވާހަކަ ތަކަކަށް ހެއްލިވިގެން އަހަންނަށް ދީނާ ދޫކޮށްލެވުނީ. އެކަން ހިނގައި ދިޔަ ގޮތް އެނގުމުން އަހަރެން ހިތުގައި ދީނާގެ ލޯބި އިތުރަށް އާލާވެއްޖެ،” ސުނޭ ރަގަނޅަށް ފެންކަޅިވިއެވެ.

“ކޮންހާ ދޮގެއް ހަދާކަށް؟ އަހަރެން އެހެން ކުއްޖެއްދެކެ ލޯބިވެގެން އުޅުނަ ނުދޭންދޯ ތިޔަ މަސައްކަތް ކުރަނީ؟” ދީނާގެ އަޑުގައި ވަނީ ނަފްރަތެވެ. ރުޅިވެރިކަމެވެ. އޭނާގެ އަޑުވެސް ބާރެވެ. ދީނާގެ ބަސްތަކުން ސުނޭގެ ހިތް ޒަޚަމް ކުރަމުން ދިޔައެވެ.

“އެއްވެސް މީހަކަށް އޭނާގެ ފުރަތަމަ ލޯބި ހަދާން ނައްތައެއް ނުލެވޭނެ…ހަޤީޤަތް ނުބަލާ ދުރުވުން އެއީ އަހަރެންގެ ކުށްކަން ޤަބޫލުކުރަން. އެކަމަކު…. ހަޤީޤަތް އެނގުނީ އިހަށް ދުވަހު ވަރަށް ދެރަވި… އެއްވެސް ކުށެއް ނެތި ދީނާ އަށް އެވަރުގެ ބޮޑު ދެރައެއް ދެވުނީތީ. އަސްލުވެސް ވަރަށް ދެރަވި،”

“މަކަރު ހެދުމާއި އޮޅުވާލުމުގެ ވެސް ހައްދެއް އޮންނަން ވާނެ …ސުނޭ ދައްކާ ވާހަކައަކަށް މިހާރު އަހަރެން އިތުބާރެއް ނުކުރަން،”

“ސުނޭ އެދައްކަނީ ހަމަ ތެދު ވާހަކަ،” ރުކެއްގެ ނިވަލުން ނިކުންނަމުން ވިމާލު ވާހަކަ ދެއްކިއެވެ.

“ވިމާލު …ކީކޭ ތިކިޔަނީ؟ ދެމީހުން ރާވައިގެން ދޯ ތިއުޅެނީ؟”

“ނޫނޭ ހުރިހާ ކުށެއްވެސް ކުރެވުނީ އަހަންނަށް…މަޖަލަކަށް ދެއްކި ވާހަކައިގެ ހިތިކަން އަހަންނަށް އެނގުނީ ދުވަސްކޮޅެއް ފަހުން …މިފަހަރު ރަށަށް އައީމަ … ދީނާ ވެސް ހަނދާން ހުންނާނެ ކަންނޭންގެ އަހަރެމެން ދެމީހުން ވާހަކަ ދައްކަން ހުއްޓާ ސުނޭ ދިޔަކަން. އެވާހަކަ އަހަރެން ސުނޭ ކައިރީގައި ބުނީ އޮޅުވާލައިގެން. އެކަމުގެ ސަބަބުން މިއަދު ސުނޭ އެކުރާ ހިތާމަ ފެނިފައި ކެތް ނުވެގެން ސުނޭއަށް އެވާހަކަތައް ކިޔައިދިނީ …ދީނާ. ޕްލީޒް ސުނޭއާއި ދުރަށް ނުދޭ؟ އޭނާ އަބަދުވެސް ލޯބި ވަނީ ދީނާ ދެކެ،” ވިމާލުގެ ވާހަކަ އެހިސާބަށް ދިޔަ އިރު ދީނާ އަށް ވެސް ވަނީ ރަގަނޅަށް ރޮވިފައެވެ. ސުނޭ އާއި އޭނާ ލޯބިން އުޅުނު ދުވަސްތަކާއި އެންމެ ފަހުން ދެމީހުން ވަކިވާން ދިމާވި ހާދިސާތައް ދެންމެ ވީކަމެއްހެން ދީނާގެ ކުރިމަތީގައި ސިފަވަމުން ދިޔައެވެ. ދީނާގެ ހަފަރާތުން މީހެއް އޭނާ ފިއްތާލިކަހަލައެވެ. މިދިމާވިކަމަކުން އޭނާ ފިކުރު ބޮޑުވެ ހަދާނެ ގޮތް ހުސްވެއްޖެއެވެ.

-ނުނިމޭ-

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-