بسم الله الرّحمن الرّحيم، الحمد لله والصّلاة والسّلام على رسول الله، وعلى آله وصحبه ومن والاه، وبعد:
މުއުމިން އަޅާ އޭނާގެ ވެރި ރައްބުގެ ޙަޟްރަތަށް ކުރާ ދަތުރުގައި ކަނޑައްތުކުރާ ރާސްތާގެ މިސާލަކީ ގަދަ ކަނޑެއްގެ މިސާލެވެ. އެ ކަނޑުގައި އޭނާ ސަވާރުވާ ނަވަކީ ތައުޙީދުގެ ނާކޮޅެވެ. އެ ނާކޮޅުގެ މިސްރާބު ރަނގަޅުކޮށްދޭ ހުންގާނަކީ ނަބިއްޔާ -صلّى الله عليه وسلّم- ގެ ސުންނަތެވެ. ބައެއް ފަހަރު އެ ނަވަށް ޝަހުވަތުގެ ބޮޑެތި ބިޔަ ރާޅުތައް ބިންދާލައެވެ. ބައެއް ފަހަރު ޝުބުހަތާއި ޝައްކުގެ ޠޫފާންތަކުގައި ޖެހެއެވެ. ނަމަވެސް، އެ ނާކޮޅު ދަނީ، ﷲ ގެ އިޛުނަފުޅާއެކު، މުއުމިން އަޅާއާއިގެން ކުރިޔަށެވެ. އަމާންކަމުގެ އައްސޭރި ސުވަރުގެއަށެވެ.
ތައުޙީދާ މެދު އުފައްދާފައިވާ ޝުބުހަތަކުގެ ތެރެއިން އެއް ޝުބުހައަކީ، ޝިރުކުކުރުމަކީ އިންސާނުންގެ އަސްލު ކަމުގައި ބުނެވޭ ބުނުމެވެ. އެބަހީ: އިންސާނާއަކީ ޙަޤީޤަތުގައި މުޝްރިކެއް ކަމުގައި ބުނުމެވެ. އަދި އެއްކައުވަންތަކުރުމަކީ އިންސާނުން ފަހުން ގެނެސްގެންފައިވާ ފަލްސަފާއެއް ކަމުގައި ބުނުމެވެ. މި ގޮތަށް ދަޢުވާކުރުމުގެ ބޭނުމަކީ، ނުބުއްވާތްތައް ބާޠިލުކޮށް، ތައުޙީދަށް ގޮވައިލެވޭ ގޮވައިލުމަކީ ބާޠިލެއް ކަމުގައި ހެދުމެވެ. ބުނާފަދައެވެ. އިންސާނާގެ އަސްލަކީ ޝިރުކު ކުރުން ކަމަށްވުމުން އޭނާއަށް އެންމެ ޙައްޤުވެގެންވަނީ އެ އަސްލުގެ މަތީގައި ދެމިހުރުމެވެ. އެއްކައުވަންތަކުރުމަށް މީހުން ލަންބުވަން މަސައްކަތްކޮއްގެން ނުވާނެއެވެ.
މިއީ ޙަޤީޤަތުގައި ބައެއްގެ ހިތަށް ޝައިޠާނާ ވައްދާފައިވީ ވަސްވާސްތަކެކެވެ. އޭގެ ފަހަތުގައި އެއްވެސް ޙަޤީޤީ ޙުއްޖަތެއް ނެތް ވަހުމްތަކެކެވެ. މި ލިޔުމުގައި އަލިއަޅުވައި މިލަނީ މި ޝުބުހައަށް ރައްދު ދެވޭ ބައެއް މޭރުންތަކާއި ދަލީލުތަކުގެ މައްޗަށެވެ.
ފުރަތަމަ ދަލީލު:
އާދަމް -عليه السّلام- އާއި އެކަލޭގެފާނުގެ ދަރިފަސްކޮޅު ހައްދަވައި ޚަލްޤު ކުރެއްވުމުގެ މަޤްޞަދަކީ، އެކަލާނގެ އެއްކައުވަންތަކުރުމާއެކު ﷲ -سبحانه وتعالى- އަށް އަޅުކަން ކުރުމެވެ. އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ. ((وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِﱠ)) الذاريات: ٥٦ “ތިމަންއިލާހަށް އަޅުކަންކުރުމަށް މެނުވީ، ތިމަންއިލާހު ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ.” އެހެންކަމުން، މި މަޤްޞަދަށްޓަކައި ހެއްދެވުނު އިންސާނާގެ އަޞްލަކަށްވާނީ މި މަޤްޞަދު ޙާޞިލްކުުރުމެވެ.
ދެވަނަ ދަލީލު:
އިންސާނުންގެ ބައްޕަ އާދަމް -عليه السّلام- އާއި އެމީހުންގެ މަންމަ ޙައްވާ ތިއްބެވީ ތައުޙީދުގެ މަތީގައެވެ. ﷲ އެއްކައުންވަންތަ ކުރުމުގެ މަތީގައެވެ. ސުވަރުގޭގައި އެދެކަނބަލުންނަށް ނަހީކުރެވުނު ގަހުން ފަރީއްކުޅުއްވި ހިނދު، އަޅުތަކުންނަށް ފާފަފުއްސަވައި ތައުބާ ޤަބޫލުކުރައްވާ ކަލަކު އެދެބޭކަލުންނަށް ވާކަން ދެނެވަޑައިގެން، އެކަލާނގެ ޙަޟްރަތަށް ކުއްތަންވެ، ކުށަށް އިޢުތިރާފުވެވަޑައިގެން ތައުބާވެވަޑައިގަންނަވަމުން ވިދާޅުވިއެވެ. ((قَالا رَبَّنَا ظَلَمْنَا أَنْفُسَنَا وَإِنْ لَمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَﱠ)) الأعراف: ٢٣ “އެދެކަނބަލުން ދެންނެވިއެވެ. އަޅަމެންގެ ވެރި ރައްބެވެ! އަޅަމެންގެ އަމިއްލަ ނަފްސުތަކަށް އަޅަމެން އަނިޔާވެރިވެއްޖައީމުއެވެ. އަދި އަޅަމެންނަށް އިބައިލާހު ފާފަނުފުއްސަވައިފިނަމަ، އަދި ރަޙުމަތް ނުލައްވައިފިނަމަ، އަޅަމެން ވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ.” މިއީ އިންސާނުންގެ ބައްޕައާއި މަންމައެވެ. ކުށަށް މާފުކޮށްދެއްވުން އެދިވަޑައިގަތީ ހަމައެކަނި ﷲ -سبحانه وتعالى- ގެ ޙަޟްރަތުންނެވެ. ގިނަ އިލާހުންތަކެއްގެ ކިބަޔަކުން ނޫނެވެ.
ތިންވަނަ ދަލީލު:
އާދަމުގެ ދަރިން އެމީހުންގެ ބައްޕަގެ ބުރަކަށީގައި ވަނިކޮށް ﷲ ވަނީ އެމީހުންގެ ކިބައިން، އެކަލާނގެއީ އެމީހުންގެ ވެރި ރައްބު ކަމުގެ މައްޗަށް އަޙުދު ހިއްޕަވައި، އެމީހުންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ހެކިބަސް ނަންގަވާފައެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. ((وَإِذْ أَخَذَ رَبُّكَ مِن بَنِي آدَمَ مِن ظُهُورِهِمْ ذُرِّيَّتَهُمْ وَأَشْهَدَهُمْ عَلَىٰ أَنفُسِهِمْ أَلَسْتُ بِرَبِّكُمْ ۖ قَالُوا بَلَىٰ ۛ شَهِدْنَا ۛ أَن تَقُولُوا يَوْمَ الْقِيَامَةِ إِنَّا كُنَّا عَنْ هَٰذَا غَافِلِينَﱠ)) الأعراف: ١٧٢ “އަދި ކަލޭގެފާނުގެ ވެރިރައްބު އާދަމުގެ ދަރިންގެ ކިބައިން އެއުރެންގެ ބުރަކަށިތަކުން އެއުރެންގެ ދަރިފަސްކޮޅު ނެރުއްވައި އެއުރެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް އެއުރެން ހެކިކުރެއްވި ހިނދު ހަނދުމަކުރައްވާށެވެ! (އެކަލާނގެ ވަޙީ ކުރެެއްވިއެވެ.) ތިޔަބައިމީހުންގެ ވެރި ރައްބަކީ ތިމަން އިލާހު ނޫން ހެއްޔެވެ؟ އެއުރެން ދެންނެވޫއެވެ. ނޫނެކެވެ. (އިބައިލާހުއީ، އަޅަމެންގެ ވެރި ރައްބެވެ.) އެކަމަށް އަޅަމެން ހެކިވެއްޖައީމުއެވެ. (އެކަން އެހެންވީ) މިކަމާމެދު ޣާފިލްވެގެންވާ ބަޔަކު ކަމުގައި ހަމަކަށަަވަރުން، ތިމަންމެން ވީމުއޭ، ޤިޔާމަތްދުވަހުން ތިޔަބައިމީހުން ބުނާނެކަމަށްޓަކައެވެ.”
ހަތަރުވަނަ ދަލީލު:
އާދަމުގެ ދަރިން ވަނީ އާދަމް -عليه السّلام- އަށްފަހު ދިހަ ޤަރުނު ވަންދެން ﷲ އެއްކައުވަންތަކުރުމުގެ މަތީގައި ދެމި ތިބެފައެވެ. އެގޮތުގައި ގޮސް ނޫޙު -عليه السّلام- ގެ ޤައުމުގެ މީހުންގެ ތެރޭގައި ޝިރުކު ފާޅުވެއްޖައުމަށް ދާންދެނެވެ. އިންސާނުންގެ މެދަށް ޝިރުކު ގެނައުމަށް ޝައިޠާނާ ކުރި މަސައްކަތް ކާމިޔާބުވި ހިސާބަކީ އެއީއެވެ. އޭގެ ކުރިން މީސްތަކުންވީ ތައުޙީދުގެ މަތީގައެވެ. ((كَانَ النَّاسُ أُمَّةً وَاحِدَةً…)) البقرة: ٢١٣ “އެންމެހައި މީސްތަކުން އެއް އުއްމަތެއްގެ ބަޔަކު ކަމުގައި ވިއެވެ.” މި އާޔަތުގެ ތަފްސީރުގައި އިބްނު ޢައްބާސް -رضي الله عنهما- ވިދާޅުވެފައި ވެއެވެ. “އާދަމްގެފާނާއި ނޫޙުގެފާނުގެ ދެމެދުގައި ދިހަ ޤަރުނު ފާއިތުވިއެވެ. އެ އެންމެ ތިބީ އިސްލާމްދީނުގެ މަތީގައެވެ.”[1] ދިހަ ޤަރުނަކީ 1000 (އެއްހާސް) އަހަރެވެ. އެ ހުރިހާ ދުވަހަކު އިންސާނުން ތިބީ ﷲ އެއްކައުވަންތަ ކުރުމުގެ މަތީގައެވެ. ދެން، ނޫޙު -عليه السّلام- ގެ ޤައުމުގައި ޝިރުކު ފާޅުވިއެވެ.
އެމީހުންގެ ތެރެއަށް ޝިރުކު ފާޅުވެ، ދީން ދޫކޮށް ކާފަރުވާން މެދުވެރި ސަބަބަކީ ޞާލިޙު ބަޔަކަށް ލޯބިކުރުމުގައި ހައްދުފަހަނައަޅައި ދިޔުމެވެ. އެ ފަރާތްތައް ނިޔާވެދިޔުމުން، އެފަރާތްތަކުގެ ސޫރައިން ސޫރަހަދައި، ބުދުތައް ހެދިއެވެ. އެފަރާތްތަކަށް އިޙްތިރާމް ކުރުމާއި، އެފަރާތްތައް ހަނދާންކޮށްގެން އަޅުކަންކުރުމުގައި ކުރިއަރައި ދިޔުމުގެ ނިޔަތުގައި ފެށުނު ކަންތައްތައް ނިމިގެން ދިޔައީ އެފަރާތްތަކަށް އަޅުކަންކުރުމާ ހިސާބުންނެވެ. ދެން، އެމީހުންގެ ގާތަށް ﷲ -سبحانه وتعالى- ނޫޙު -عليه السّلام- ރަސޫލުކަމާއިގެން ފޮނުއްވިއެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. ((لَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِ فَقَالَ يَا قَوْمِ اعْبُدُوا اللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُ إِنِّي أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍﱠ)) الأعراف: ٥٩ “ހަމަކަށަވަރުން، ތިމަންއިލާހު ނޫޙުގެފާނު، އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ގާތަށް ރަސޫލުކަމާއިގެން ފޮނުއްވީމެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހަރެންގެ ޤައުމުގެ މީހުންނޭވެ! ތިޔަބައިމީހުން ﷲ އަށް އަޅުކަން ކުރާށެވެ! އެކަލާނގެ މެނުވީ އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. ހަމަކަށަވަރުން، ބޮޑުވެގެންވާ ދުވަހެއްގެ ޢަޛާބު ތިޔަބައިމީހުންނަށް ލިބިދާނެކަމަށް އަހުރެން ބިރުގަނެއެވެ.” އެމީހުން އެކަލޭގެފާނަށް ރައްދު ދެމުން ބުނި ބަސް ކީރިތި ޤުރުއާނުގައި ﷲ ޛިކުރު ކުރެއްވިއެވެ. ((وَقَالُوا لَا تَذَرُنَّ آلِهَتَكُمْ وَلَا تَذَرُنَّ وَدًّا وَلَا سُوَاعًا وَلَا يَغُوثَ وَيَعُوقَ وَنَسْرًا)) نوح: ٢٣ “އަދި އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ އިލާހުންތައް ތިޔަބައިމީހުން ދޫނުކުރާހުށިކަމެވެ! އަދި ހަމަކަށަވަރުން، ތިޔަބައިމީހުން ވައްދުއާއި، ސުވާޢުއާއި، ޔަޣޫޘުއާއި، ޔަޢޫޤުއާއި، ނަސްރުއާއި (މިހުރިހާ ބުދުތައް) ދޫނުކޮށްލާހުށިކަމެވެ!” އިބްނު ޢައްބާސް ވިދާޅުވެފައިވެއެވެ. “އެއީ ނޫޙުގެފާނުގެ ޤައުމުގައި އުޅުނު ހެޔޮލަފާ ބައެއްގެ ނަންތަކެވެ. އެމީހުން މަރުވެދިޔުމުން، އެމީހުންގެ ސޫރާގައި ބުދު ހަދައި، ޤައުމުުގެ މީހުން އެއްވާ ތަންތަނުގައި ކޮޅަށް ނެގުމަށް ޝައިޠާނާ އެމީހުންގެ ޤައުމުގެ މީހުންނަށް ވަސްވާސް ދިނެވެ. ފަހެ، އެޤައުމުގެ މީހުން އެގޮތަށް ކަންކުރިއެވެ. ނަމަވެސް އެބުދުތަކަކަށް އަޅުމަކެއް ނުކުރެއެވެ. އެހެނަސް، އެ ޖީލުގެ މީހުން މަރުވެގޮސް (އެކަމުގެ) ޢިލްމު ނެތިވެ ދިޔުމަށްފަހު، (ދެން އައި ޖީލުތަކުގެ މީހުންގެ ފަރާތުން) އެތަކެއްޗަށް އަޅުކަން ކުރެވުނެވެ.”[2]
މިއިން ބަޔާންވެގެންދަނީ ޝިރުކު ފާޅުވީ އާދަމް -عليه السّلام- ގެ އެއްހާސް އަހަރު ފަހުންކަމެވެ. އޭގެ ކުރިން އިންސާނުންތިބީ ﷲ އެއްކައުވަންތަކުރުމުގައި، އިސްލާމްދީނުގެ މަތީގައި ކަމެވެ.
ފަސްވަނަ ދަލީލު:
އިންސާނުން މަގުފުރެދޭ ކޮންމެ ފަހަރަކު، އެމީހުންގެ އަސްލު ކަމުގައިވާ ތައުޙީދަށް އެމީހުން ރުޖޫޢަކުރެއްވުމަށްޓަކައި، އަދި އެމީހުންގެ އަޞްލުގެ މަތިން އެމީހުންނަށް ހަނދާންކޮށްދެއްވައި، ހިދާޔަތް ދެއްކެވުމަށްޓަކައި އެމީހުންގެ ގާތަށް ރަސޫލުބޭކަލުން ﷲ -سبحانه وتعالى- ފޮނުއްވިއެވެ. އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ. ((وَمَا أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَٰهَ إِلَّا أَنَا فَاعْبُدُونِﱠ)) الأنبياء:٢٥ “ހަމަކަށަވަރުން، ތިމަންއިލާހު މެނުވީ ޙައްޤުވެގެން އަޅުކަންކުރެވޭ އިލާހަކު ނުވާކަމަށާއި، ފަހެ، ތިޔަބައިމީހުން (ހަމައެކަނި) ތިމަންއިލާހަށް އަޅުކަން ކުރާށޭ، އެބޭކަލަކަށް ވަޙީ ނުކުރައްވާ އެއްވެސް ރަސޫލަކު، ކަލޭގެފާނުގެ ކުރިންވެސް ތިމަންއިލާހު ނުފޮނުއްވަމެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ)) النحل: ٣٦ “ހަމަކަށަވަރުން، ތިމަންއިލާހު ކޮންމެ އުއްމަތަކަށްމެ ރަސޫލަކު ފޮނުއްވީމެވެ. އެއީ، ﷲ އަށް އަޅުކަންކުރުމަށާއި، ޠާޣޫތާއި ދުރުހެލިވުމަށް އެންގެވުމަށެވެ.”
މި ލިޔުމުގައި ގެނެސްދެވުނު ފަސް ދަލީލަކީ އިސްވެ ނަންގަނެވުނު ޝުބުހައަށް ރައްދު ދިނުމުގައި ގެނެސްދެވިދާނެ ގިނަ ދަލީލުތަކެއްގެ ތެރެއިން ބައެއް ދަލީލުތަކެވެ.[3]
އިބްސް އަދި އޭނާގެ އަޢުވާނުން ތާއަބަދުމެ، ތަޢުޙީދާއި ދެކޮޅަށް ޝުބުހަތަކާއި ވަސްވާސްތައް ގެނައުމުގައި އަވަދި ނެތި މަސައްކަތްކުރާނެއެވެ. ނަމަވެސް، މުއުމިން އަޅާގެ ހިތަކީ އިންސާނީ ފިޠުރަތުގެ ސާފުކަމާއި، ބުއްދީގެ ތަނަވަސްކަމާއި، ނުބުއްވަތްތަކާއި ވަޙީއިން ޔަޤީންކަން ލިބިފައިވާ ހިތަކަށްވާނަމަ، އެ ހިތުގައިވާ ތައުޙީދުގެ އަލިގަދަ ދަންމަރު ނިއްވައިލެވޭނެ، ނުވަތަ އޭގެ އަލިކަން ވަށައިލެވޭނެ ފަދަ އަނދިރިކަމެއް ނުވެއެވެ. ދުވާލުގެ އިރަށް ހިނދުކޮޅަކަށް ހުރަސް އަޅައިލާ ވިލާކޮޅެއް ކަމުގައި ނޫނީ އެ ވަސްވާހެއް ނުވާނެއެވެ. އެހެނިދު، ޔަޤީންކަމާއި ޢިލްމުގެ ގަދަ ވައިރޯޅިތައް އައިސް އެ ވިލާ އެއްފަރާތްކޮށް ދުރަށް ގެންދާނެއެވެ.
وصلّى الله وسلّم على نبيّنا محمّد وعلى آله وأصحابه أجمعين، والحمد لله ربّ العالمين.
[1] تفسير الطّبري (2/334)، مستدرك الحاكم (2/442) وقال: هذا حديث صحيح على شرط البخاري، ولم يخرّجاه، ووافقه الذّهب
[2] صحيح البخاري، كتاب التّفسير، باب (وَلَا سُوَاعًا وَلَا يَغُوثَ وَيَعُوقَ)
[3] މި ލިޔުމުގައި އިޝާރަތްކުރެވުނު ޝުބުހައިގެ ދިފާޢުގައި ބުނެވޭ އެއް ބަހަކީ، އެއީ މިހިސާބަށް ހޯދިފައިވާ އާސާރީ ތަކެތިން ދޭހަވާ ގޮތްކަމަށެވެ. ނުވަތަ އާކިއޮލޮޖިކަލް އެވިޑެންސް ކަމަށެވެ. ނަމަވެސް، އެފަދައިން ފެންނަ އާސާރީ ތަކެއްޗަކީ މުޅި އިންސާނިއްޔަތުގެ ތާރީޚަށް ބަސްބުނުމަށް ފުދޭނެ އެއްޗެއް ނޫނެވެ. އެހެނީ، އޭގެ ކުރީގެ ބައެއް އާސާރުތައް ނުފެނިވެސް ހުރެދާނެތީއެވެ. މި އިޙްތިމާލު އޮއްވައި، ޖަޒްމުކޮށް އެގޮތަށް ބަސްބުނުން ވާނީ ނާއިންސާފަކަށެވެ. މި ޝުބުހާގައި ޙަޤީޤަތުގައި ޖެހިގެންދަނީ މަޢުރިފާކުުރުމުގައި ބޭނުންކުރެވޭ މަޞްދަރުތަކަކީ ކޮބައިކަން ޙަޤީޤަތުގައި ފަހުމް ނުވާތީއެވެ. މަޢުލޫމާތެއް ލިބުމުގެ ހަމައެކަނި މަޞްދަރަކީ ލެބޯޓަރީއެއްގައި ހޯދާ ހޯދުންތަކެއް، ނުވަތަ ސައިންޓިފިކް ރިސާރޗެއް ނޫނެވެ. ތެދުވެރި ޚަބަރަކީވެސް މަޢުލޫމާތު ހޯދުމުގައި މަޞްދަރެކެވެ. އަދި ﷲ -سبحانه وتعالى- ގެ ވަޙީ ބަސްފުޅަށްވުރެ ތެދުވެރި އެހެން ބަހަކީ ކޮބައި ހެއްޔެވެ؟ ކޮންމެއަކަސް، މަޢުރިފާ ހޯދުމުގައި އެނގެންޖެހޭ މުޤައްދިމާތަކެއް ވެއެވެ. ނަމަވެސް، މި ލިޔުމަކީ އެކަންކަން ތަފްސީލުކޮށް ބަޔާންކުރެވޭނެ ލިޔުމެއް ކަމުގައިނުވާތީ، މި ހިސާބުން ކުރުކޮށްލީއެވެ.