ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން، ގޯތި ނުލިބޭ ބަޔަކަށް ވަގު ލިޔުންތަކެއް ބޭނުންކޮށްގެން ގޯތި ދީފައިވާ މައްސަލައިގައި ހިންގަމުން އަންނަ ތަޙުޤީގަށް އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދުގެ ގެ ބަލައި ފާސްކޮށް ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮއްސިއެވެ.
ފުލުހުން މިއަދު ހާމަކުރި ގޮތުގައ ކޯޓު އަމުރަކާއި އެކު ރޭގެ ވަގުތެއްގައި ފަޒުލް ދިރިއުޅޭ ގެ ބަލައި ފާސްކޮށް ފުލުހުންގެ ތަޙުޤީގަށް ބޭނުންވެގެން ގެންދިޔަ ބައެއް ތަކެތީގެ ތެރޭގައި ބައެއް އިލެކްޓްރޯނިކް ސާމާނު ހިމެނެއެވެ.
ބިންވެރިޔާ ސްކީމުން ދޫކުރި ގޯތިތައް ލިސްޓުގައި ނެތް ބަޔަކަށް ދީފައިވާ މައްސަލަ އެންމެ ފުރަތަމަ އާންމުންގެ ސަމާލުކަމަށް އައިސްފައި ވަނީ މީސް މީޑިޔާގައި ފަޒުލްގެ ބޭބެ، އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދަށް ޝަރުތު ހަމަނުވާ ހާލަތުގައި ގޯތީގެ ރަޖިސްޓްރީއެއް ހަދައިދީފައިވާކަމަށް ބުނެ ދައުރުވި ޕޯސްޓަކާއި ގުޅިގެންނެވެ.
މި މައްސަލައިގެ ތަޙުޤީއަށް އެއްބާރުލުހުން ދިނުމުގެ ގޮތުން ޕީބީސީން ފަޒުލް ހިމެނޭހެން އެޗްޑީސީގެ ބޯޑު މެމްބަރުން ސަސްޕެންޑްކޮށްފައި ވަނިކޮށް ފަޒުލްގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އިންކާރުކޮށް ތަޙުޤީގަށޤ އެއްބާރުލުހުން ދިނުމުގެ ގޮތުން ކަމަށްބުނެ ފަޒުލް ވަނީ އެ މަޤާމުން އިސްތިއުފާ ދެއްވައިފައެވެ.