-Advertisement-

-Advertisement-

ފަތުރުވެރިން ގިނަވާވަރަކަށް، ޑޮލަރު ވަނީ މަދު. މިވަނީ ކިހިނެއް؟

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް – ފޮޓޯ: ދައުރު (2023)

ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. ރާއްޖެއަށް އެއާ ލައިންތައް ދަނީ އިތުރުކުރަމުންނެވެ. އެއާ ޕޯޓުތައް އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށެވެ. ހުރިހާވެސް ބޭނުމަކީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމެވެ. ނަމަވެސް އުފެދޭ ސުވާލަކީ މި ހުރިހާ ކަމެއް ކުރާއިރުވެސް ރާއްޖޭގެ ބޭންކުތަކުގައި ބޭރު ފައިސާ ނުވަތަ ޑޮލަރު ނުހުންނަނީ ކީއްވެތޯއެވެ. ޑޮލަރުގެ ތާށިކަން އަބަދުމެ ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް ކުރިމަތިވަނީ ކީއްވެތޯއެވެ. ވީއިރު، ރާއްޖެ އެތެރެވާންޖެހޭ ހުރިހާ ބޭރު ފައިސާއެއް ކޮބައި ހެއްޔެވެ؟

ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު ރާއްޖެ ގެނައުމަށް ސަރުކާރުން ކަނޑައެޅި ޓޫރިޒަމް ޓާގެޓަށް ވުރެ އިތުރަށް 75,662  ފަތުރުވެރިން އައިސްފައިވެއެވެ. އެގޮތުން ސަރުކާރުން ކަނޑައަޅާފައިވާ ޓާގެޓަކީ 1.6 މިލިއަން ޓޫރިސްޓުން ނަމަވެސް 1.67 މިލިއަން ޓޫރިސްޓުން ވަނީ އައިސްފައެވެ.

މީގެ އިތުރަށް މިދިޔަ އަހަރު ރާއްޖެއަށް އައި ޓޫރިސްޓުންނަކީ 2021 ވަނަ އަހަރާ އަޅާބަލާއިރު 368،159 ޓޫރިސްޓުން އިތުރު އަދަދެއް ކަމަށް އެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި އެއީ 2020 ވަނަ އަހަރާ އަޅާބަލާއިރު 1.1 މިލިއަން ޓޫރިސްޓުން އިތުރު އަދަދެކެވެ. އެހެންކަމުން ތަފާސްހިސާބުތަކުން ދައްކުވައިދޭ ހަގީގަތަކީ އަހަރަކަށްވުރެ އަހަރެއް ރާއްޖެ އަންނަ ފަތުރުވެރިން އިތުރު ކަމެވެ.

ނަމަވެސް ޑޮލަރުގެ ދަތިކަމަކަށް ހައްލެއް ނުލިބެއެވެ. މިގޮތުން ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ ތާށިކަން އިންތިހާއަށް އެބައޮތް ކަމަށާއި އެކަން ހައްލުކުރަން ކަމާ ގުޅޭ މުއައްސަސާތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް، ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުނި، ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުވަނީ ވިދާޅުވެފައެވެ.

“ޑޮލަރުގެ ދަތިކަން ހައްލުކުރަން މަސައްކަތްކުރަމުން އަންނަކަން އެނގޭތީ އަޅުގަނޑު މި ދަންނަވާލަނީ. ބޭންކްތަކުން ޑޮލަރު ލިބެން ހުރި މިންވަރަކުން، ޑޮލަރު ދެވެން އޮތް މިންވަރަކުން އަދި އެ ބޭފުޅުންގެ އެކައުންޓުގައި ލިމިޓް ކަނޑައަޅާ މިންވަރަކުން ޑޮލަރުގެ ހިދުމަތް ދިނުމަކީ މުހިންމު ކަމެއް،”- ފަޒީލް

މިކަމުންވެސް އެނގިގެންދަނީ ރާއްޖޭގައި ބޭރު ފައިސާއަށް ހުރި ތާށި ކަމުގެ ބޮޑުކަމެވެ. މީގެއިތުރުން މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓުން ނިންމައިފައިވަނީ، މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑޮލަރު ނެގެން އޮންނަ ލިމިޓު 750 ޑޮލަރުން 1200 ޑޮލަރަށް އިތުރުކުރާށެވެ. ނަމަވެސް ޑޮލަރު ތާށިކަމާ ހުރެ އެކަން އަދި ތަންފީޒުނުކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ. ފިނޭންސުން ބުނީ، އެ ސިޔާސަތު ތަންފީޒުކުރެވޭނެ ނިޒާމެއް އެކުލަވާލަން ބޭންކާއި އެމްއެމްއޭ އާއި ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރާއްޖެއަކީ ވަރަށް ބޮޑަށް އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށް ވާއިރު، ބޭސްފަރުވާއަށާއި ތައުލީމަށާއި އެހެނިހެން ބޭނުންތަކަށްވެސް ދާން ޖެހިފައިވަނީ ރާއްޖެއިން ބޭރަށެވެ. އެހެންނަމަވެސް ރާއްޖޭގެ ބޭންކުތަކުން ބޭނުންވާ ވަރަށް ޑޮލަރު ލިބެން ނެތުމުން ދެން ޖެހެނީ ބްލެކް މާކެޓުން ބޮޑު އަގު ދީފައި ޑޮލަރު ގަންނާށެވެ. މިއީ އާންމުންނަށް ކުރިމަތިވާ ބޮޑު ތަކުލީފަކަށް ވީ ނަމަވެސް އިތުރު ގޮތެއް ނެތެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވާ ގޮތުގައި ޑޮލަރުގެ ރޭޓު ތިރިކުރުމަށްޓަކައި ސަރުކާރުން ކުރަން ޖެހޭ މަސައްކަތްތައް އެބަހުރި ކަމަށާއި އެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ. ނަމަވެސް މިކަމުގެ އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.

ސައީދު އިތުރަށް ވިދާޅުވީ މިދިޔަ އަހަރުގެ ބަޖެޓަށް އިތުރުކުރި ސަޕްލިމެންޓްރީ ބަޖެޓު ހިމެނޭހެން ސަރުކާރުން އެކި ވިޔަފާރިތަކަށް ދޭން ޖެހޭ ހަތް ބިލިއަން ރުފިޔާ އެބަހުރި ކަމާއި، ނަމަވެސް އެ ފައިސާ ވިޔަފާރިތަކަށް ދައްކާފައިނުވާ ކަމަށެވެ. އަދި ދައުލަތުގެ ދަރަނީގެ ގޮތުގައި 122 ބިލިއަން ރުފިޔާ އެބައޮތް ކަމަށާއި، ފިސްކަލް ހާލަތު އޮތީ ވަރަށް ނާޒުކުކޮށް ކަމަށް ވެސް ސައީދު ވަނީ ވިދާޅުވެފައެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދާކުރެއްވި އަހުމަދު ފާރިސް މައުމޫން ވަނީ ރާއްޖޭގެ ބޭންކުތަކުގައި ޑޮލަރު ނުހުންނަނީ ރާއްޖޭގެ ރިސޯޓްތަކުން ހިދުމަތް ހޯދާ ޓޫރިސްޓުން ދައްކާ ފައިސާ ޖަމާވަނީ ބޭރުގައި ހުންނަ އެ ރިސޯޓެއްގެ ވެރިޔާ ނުވަތަ އެ ރިސޯޓް ހިންގާ ކުންފުނީގެ ބޭންކް އެކައުންޓަށްކަމުން ކަން ފާހަގަކޮށްފައެވެ.

ފާރިސް ވިދާޅުވި ގޮތުގައި ރާއްޖެއަށް ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކްތަކަށް ވައްދަން ލާޒިމް ކުރާ ގޮތަށް ގާނޫނު ބަދަލު ކުރަން ޖެހެއެވެ. އެގޮތުން ރިސޯޓް ކޮޓަރި ވިއްކައިގެން ލިބޭ ފައިސާ ޖަމާކުރަން ޖެހޭނީ ދިވެހި ބޭންކަކަށް ކަމަށާއި އެ ފައިސާ ރާއްޖޭން ބޭރަށް ގެންދެވޭނީ ވަކި މުއްދަތަކަށް ރާއްޖޭގެ ބޭންކްތަކުގައި ބެހެއްޓުމަށް ފަހުގައި ކަމަށްވާނަމަ މި މައްސަލަ ހައްލު ވާނެ ކަމަށް ފާރިސް ވަނީ ވިދާޅުވިއެވެ.

އެހެންކަމުން ޑޮލަރުގެ ދަތިކަން ހައްލު ކުރުމަށް އަވަސް ފިޔަވަޅުތަކެއް މިވަނީ އަޅަން ޖެހިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-