މާލޭގެ ރަސްމީ ފާލަމުގެ މަސައްކަތް އަންނަ މަހު ނިމި، އާންމުންނަށް ހުޅުވާލެވޭނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.
ފާލަމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެއްލެވުމަށް މިނިސްޓަރު އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ވިދާޅުވީ، މިހާރު ފާލަމުގެ އޯވަހެޑް ސްޓްރަކްޗަރ ނިމި، ފުރާޅުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
11.7 މިލިއަން ރުފިޔާގެ މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްދަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ. މަސައްކަތް ލަސްވެފައިވަނީ ބޭނުންވާ ތަކެތި ލިބުން ލަސްވުމުގެ ސަބަބުން ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ކުރީގެ ފާލަން ރޫޅާލަން ޖެހުނީ އެތަން ބާވެ، ހަލާކުވެ، މީހުންނަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާތީއެވެ. އަދި މިފަހަރު ފާލަން ހަދަމުންދަނީ 1950 ގައި އެތަން ހުރި ގޮތް އަސްލަކަށް ބަލައިގެންނެވެ.
ފާހަގަކޮށްލެވޭ ކަމަކީ، މި ފާލަން އެންމެ ފަހުން އާ ޑިޒައިނަކަށް މަރާމާތުކޮށް ހުޅުވާފައިވަނީ 2015 ވަނަ އަހަރުގެ ޖުލައި މަހުގައި ކަމާއި، އޭގެ ފަހުން 2017 ގައި އެއްފަހަރު މަރާމާތުކޮށްފައިވާ ކަމެވެ.