-Advertisement-

-Advertisement-

ކޯރަމް ހަމަނުވެގެން މަޖިލިސް ޖަލްސާ ނުބޭއްވުނު

ފޮޓޯ؛ރައްޔިތުންގެ މަޖިލިސް

ޖަލްސާ ބާއްވަން ބޭނުންވާ އަދަދަށް މެންބަރުން ހަމަނުވެގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނުބޭއްވުނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށްޓަކައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ 9:00 ގައި ރިޔާސަތަށް ވަޑައިގެންނެވުމަށްފަހު ކޯރަމް ހަމަވޭތޯ ވަގުތުކޮޅެއް ބެއްލެވުމަށްފަހު ވިދާޅުވީ، ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވީ އެންމެ 11 މެންބަރުން ކަމުން ޖަލްސާ ބާއްވަން ބޭނުންވާ ގާނޫނީ އަދަދު ހަމަނުވާތީ 9:30 ގައި ޖަލްސާ ބާއްވަން ނިންމަވާ ކަމަށެވެ.

ނަމަވެސް 9:30 އަށްފަހު ޖަލްސާގެ ރިޔާސަތަށް ވަޑައިގެން ވަގުތު ކޮޅެއް ދެއްވުމަށްފަހުވެސް ކޯރަމް ހަމަނުވާތީ ގަފޫރު ވިދާޅުވީ، ކޯރަމް ހަމަނުވާތީ މިއަދުގެ ޖަލްސާ ކުރިއަށް ގެންދެވެން ނެތް ކަމަށާއި ދެން މަޖިލިސް ޖަލްސާ އޮންނާނެ ދުވަހެއް ފަހުން އިއުލާން ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ ކަންކަން:

  • ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ހުށަހަޅުއްވާ ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދިނުމާބެހޭ ބިލާއި ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ހުށަހަޅުއްވާ ރިޔަލް ސްޓޭޓް ވިޔަފާރީގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން.
  • ގާނޫނުއަސާސީގެ ދަށުން ހުށަހަޅުއްވާފައިވާ “އެގްރީމަންޓް އަންޑަ ދަ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ އޮން ދަ ކޮންޒަވޭޝަން އެންޑް ސަސް ޓެއިނަބަލް ޔޫޒް އޮފް މެރިން ބައޮލޮޖިކަލް ޑައިވާސިޓީ އޮފް އޭރިއާޒް ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން” ގައި ރާއްޖެއިން ބައިވެރިވުމާމެދު ރައްޔިތުންގެ މަޖިލީހުން ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުން
  • އިބްތިދާއީ ބަހުސްގެ ގޮތުގައި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ހަރުދަނާކޮށް، އެއީ ދެމެހެއްޓެނިވި ސިޔާސަތެއްގެ ގޮތުގައި ހިފެހެއްޓުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުالله ޖާބިރު ހުށަހަޅުއްވާފައިވާ ރާއްޖޭގެ ބިމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށް ގެންދިއުން.
  • ރައީސް މުއިއްޒުގެ ކެބިނެޓް މެންބަރުންގެ ތެރެއިން މަޖިލީހުން ރުހުން ނުދިން ތިން މެންބަރުން އަލުން މަގާމުތަކަށް އައްޔަން ކުރި މައްސަލައާ ގުޅިގެން އީވާ ހުށަހެޅުއްވި ގަރާރުގެ ބަހުސް ކުރިއަށް ގެންދިއުން.

ކޮމިޓީތަކުން ހުށަހަޅާ ކަންތައްތަކުގެ ތެރެއިން މިއަދު ކުރިއަށް ގެންދަން އެޖެންޑާ ކޮށްފައި ވަނީ، ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ދިރާސާކޮށް މަޖިލިސް ތަޅުމަށް ފޮނުވާފައިވާ ރިޕޯޓާމެދު ގޮތެއް ނިންމުމެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-