އެމެރިކާގެ ރައީސް އަދި ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޖޯ ބައިޑެން އެގައުމުގެ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރުމަށް ނިންމާ، ކެންޑިޑެންސީ އަނބުރާ ގެންގޮސްފިއެވެ.
ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބައިޑެން ވިދާޅުވީ ރިޔާސީ ދައުރު އަލުން ހޯދުމަށް ކުރިމަތިލުން ހުއްޓާލާނެ ކަމަށާއި ކެންޑިޑެންސީ އަނބުރާ ގެނައުމަށް ނިންމެވީ ” ޕާޓީއާއި ޤައުމުގެ އެންމެ މަސްލަހަތު އޮތީ އެގޮތުގައި ކަމަށްވާތީވެ” ކަމަށެވެ.
ބައިޑެން މިފަދައިން އިޢުލާންކޮށްފައިވަނީ ރިޔާސީ އިންތިހާބުގައި އެމެރިކާގެ ރައްޔިތުން ވޯޓުލާން 4 މަހަށްވެފައި ވަނިކޮށެވެ.
ބައިޑެން އޭނާގެ ކެންޑިޑެންސީ ބާޠިލު ކުރުމާއި ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވައިޓް ހައުސްއަށް ވާދަކުރުމުގެ ވާދަވެރިކަން ވަނީ ބޮޑުތަނުން ބަދަލުވެފައެވެ.
ބައިޑެން މިފަދައިން ނިންމާފައިވަނީ ޖޫން މަހުގެ ފަހުކޮޅު ރިޕަބްލިކަން ޕާޓީގެ ޑޮނަލްޑް ޓްރަމްޕާއެކު ބޭއްވި ސިޔާސީ ބަހުސެއްގައި ބައިޑަންއަށް އެކަށީގެންވާ ވަރަށް ޖަވާބުދާރީވެވިފައި ނުވާކަމަށް ޑިމޮކްރެޓިކް ޕާޓީގެ އެހެން މެންބަރުން ބުނެ ފާޑުކިއުމަށްފަހުގައެވެ.
މިއަދު އެކްސްގައި ބައިޑެން ކެންޑިޑެންސީ އަނބުރާ ގެންނަކަން އިޢުލާން ކުރެއްވުމަށްފަހު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ނައިބު ރައީސް ކަމަލާ ހެރިސްއަށް އޭނާގެ ތާޢީދު ލިބިގެންވާކަމަށް ވިދާޅުވިއެވެ.
ބައިޑެން އިތުރަށް ވިދާޅުވީ އެމެރިކާގެ ރައީސްގެ މަގާމުގައި ޚިދުމަތްކުރުމަކީ އޭނާގެ ދިރިއުޅުމުގައި ލިބުނު އެންމެ ބޮޑު ޝަރަފު ކަމުގައެވެ.
“އަދި އަލުން ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަކީ އަހަރެންގެ ނިޔަތް ކަމުގައިވީ ނަމަވެސް، އަހަރެންގެ ޕާޓީއާއި ޤައުމުގެ އެންމެ މަސްލަހަތު ހުރި ގޮތަކީ އަހަރެން މި ރިޔާސީ އިންތިހާބުން ތަނާޒުލުވެ، ބާކީ އޮތް ދައުރުގައި ހަމައެކަނި ރައީސްކަމުގެ ވާޖިބުތައް އަދާކުރުމަށް އަމާޒު ހިފުން ކަމުގައި އަހަރެން ޤަބޫލުކުރަމެވެ،” ބައިޑެން އެކްސްގައި ހިއްސާކުރި ސިޓީއެއްގައި ބަޔާންކޮށްފައިވެއެވެ.