ރޯދަމަހުގައި ވަރުބަލިކަމާއި، ބޮލުގައި ރިއްސުމާއި، ބޯއެނބުރުމާއި، ވަރިބަލިކަމާއި، ގޭސްވުމުން ސަލާމަތްވާން ބޭނުންނަމަ އަހަރުމެންގެ ހަށިގަނޑަށް ރޯދަ ވީއްލާގަޑިގައި އެތެރެވާ ތަކެއްޗަކީ ފައިދާހުރި ތަކެތި ކަމުގައި ވުން ވަރަށް މުހިއްމެވެ. އެގޮތުން މި ލިޔުމުގައި މި ބަލައިލަނީ ރޯދަ ވީއްލަން އެންމެ ނޭދެވޭ 5 ކާނާ އާއި މެދުއެވެ.
- ފޮނިކޮށް ކޮފީ ނުވަތަ ކަޅު ސައި
ކޮފީ ނުވަތަ ސައިން ރޯދަ ވިއްލުމުން ހަށިގަނޑުގެ ފެނުގެ މިންވަރު ދައްވުމަށް މަގުފަހިވެއެވެ. އަދި ހަމަ އެހެންމެ ކުއްލި އަކަށް ހަށިގަނޑަށް އެތެރެވާ ހަކުރުގެ ސަބަބުން ލޭގެ ހަކުރު ވަރަށް ބޮޑަށް މަތިވެގެން ދެއެވެ. މީގެ ސަބަބުން އިރުކޮޅަކުން ހަށިގަނޑު ވަރަށް ބޮޑަށް ލޮޑުވެ ރޭގަނޑުގެ ބޮޑު ބައެއްގައި ބަނޑުހައިހޫނުކަން ނުފިލާ ހުންނާނެއެވެ. މީގެ އިތުރުން، ފޮނިކޮށް އެކި ކަހަލަ ފަންޔާއި ދަޅުގެ ބުއިންތައް ބޭނުންކުރުން އެއްގޮތަކަށްވެސް އެދެވިގެން ނުވެއެވެ. އަދި ކޮފީ އާއި ސައި ނޫނަސް ހަށިގަނޑު ޑީހައިޑްރޭޓް ނުކޮށް، ކެފެއިންގެ އަސަރު ފޯރުކޮށްދޭ އިތުރު ބާވަތްތައް ހުރެއެވެ. މިސާލަކަށް ގްރީންޓީ، މާޗާޓީ، ކޮމްބޫޗާ އަކީ ކޮފީ އަދި ކަޅުސައިގެ ބަދަލުގައި ބޭނުންކުރެވޭ މައްޝޫރު ބުއިންތަކެވެ.
- ތެލުލި ތަކެތި
ރޯދަމަހު ހެދިކާއަކީ ސުފުރާމަތި ފަޅުފިލުވައިދޭ އެކުވެރިޔާއެވެ. އެހެންނަމަވެސް ޙަޤީގަތަކީ މިތަކެތި ކެއުމުން ހަށިގަނޑުގައި ގޭސް އިތުރުވެ، މޭއަންދައި ބަނޑު ފުއްޕަން ދިމާވުމެވެ. އޭގެ ސަބަބުން އަޅުކަންތައް ރަނގަޅަށް ނުކުރެވި ހަށިގަނޑަށް ލޮޑުކަން އިޙްސާސްކުރެވޭނެއެވެ.
- ހުދު ޕާން
އަހަރުމެން ރޯދަމަހު އާނމުކޮށް ގަންނަ ޕާނަކީ ހުދު ފުށުގެ ޕާނަށްވެފައި އޭގައި ހަކުރުވެސް ހިމެނިގެން ދެއެވެ. ޕާނުން ރޯދަ ވިއްލުމުގެ ސަބަބުން އޭގައި އެކުލެވޭ ހަކުރާއި، ހުދު ފުށުގެ ފައިދާ މަދުކަމުން ހަށިގަނޑަށް ހަޤީގީ ހަކަތަ ނުލިބި ލޭގެ ހަކުރުގެ މިންވަރު ކުއްލިއަކަށް ހަށިގަނޑުގައި މަތިކޮށްލައެވެ. ވީމާ ޕާން ބޭނުންކުރާނަމަ، އޭގައި ހަކުރު ނުހުންނަ އާޓާ ފުށުގައި ތައްޔާރު ކުރެވިފައިވާ ޕާން ޚިޔާރުކުރުން އެދެވިގެން ވެއެވެ.
- ކޯން ފްލޭކްސް ނުވަތަ އެހެނިހެން ސީރިއަލްގެ ބާވަތްތައް
މިއީ ރޯދަވިއްލަން ކާލަން އަވަސް އަދި ފަސޭހަ ބާވަތެކެވެ. ނަމަވެސް ހަޤީގަތަކީ މިފަދަ ތައްޔާރީ ތަކެތިން ރޯދަ ވިއްލުމުން އަނެއްކާވެސް ހަށިގަނޑުގެ ހަކުރު އިތުރުވެ، ދުވަހު ދެން އޮތް ބައި ތަކުގައި ވަރުބަލިކަން އިޙްސާސްވެ ބަނޑުހައިހޫނުކަންވެސް ނުފިލާ ހުންނާނެއެވެ.
- ތެލާއި ހަވާދުގައި ތައްޔާރުކޮށްފާހުންނަ ރިހަ
ރޮއްޓާ ރިހައަކީ ރޯދަވިއްލުމަށް ވަރަށް މީރު ކެއުމެކެވެ. އެހެން ނަމަވެސް ހަޤީގަތަކީ މިފަދަ ކާނާއަކީ ހައިބަނޑާ ހުރެފާ ކެއުމުން ހަށިގަނޑަށް ބަރުކަން އިޙްސާސްވެ ގޭހުގެ އުނދަގޫ ހަށިގަނޑަށް ގެނުވައިދޭ ކެއުމެއްކަމެވެ. މީގެ ސަބަބުން ގިނަގިނައިން ވައިލެވި، ހޮޑުލަވާގޮތްވެ ހަށިގަނޑަށް ވަރުބަލިކަމާއި ކަންނެތްކަން ގެނުވައިދެއެވެ.
މި ދަންނަވާލެވުނު ކާނާތަކަކީ އަހަރުމެންގެ ތެރޭގައި އާންމުކޮށް އަދި ޒަމާނުއްސުރެއްވެސް ފަހަރެއްގައި ބޭނުންކުރެވޭ ކާތަކެތި ކަމުގައި ވެދާނެއެވެ. އެހެން ނަމަވެސް މިތަކެތިން ރޯދަ ވިއްލުމުގައި ދުރުވެ ސިއްޙަތަށް ފައިދާހުރި ކާނާ ބޭނުން ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.