ބޯގަންވިލާއަކީ ވަރަށް އަވަހަށް ހެދޭ އަދި ރީތި މާއަޅާ ވެލެކެވެ. ބޯގަންވިލާ ގަހަކީ ގޭގެ ބެލްކަނީ ވިޔަސް ނުވަތަ ގޭގެ ދޮރޯޝި ވިޔަސް ފަޅުފިލުވާލަދޭ ބިޔަކޮށް ހެދޭ ރީތި ވެލެކެވެ. މި ގަހުގައި އަޅާ މަލަކީ ވަރަށް ދުރަށް ފެންނަން ހުންނަ ކުލަގަދަ ރީތި މަލެކެވެ. ބޯގަންވިލާ ގަހުގެ މަލަކީ ހަގީގަތުގައި ވަރަށް ކުޑަ ހުދު ކުލައިގެ މަލެކެވެ. މިގަހުގެ ހަގީގީ ބަތަލާއަކީ މި ގަހުގެ މަލާ ގުޅިފައިވާ ފަތްތަކެވެ. މިފަތްތަށް މަލާއެކު ފޮޅޭއިރު ކުލައާދެއެވެ. މިގަސް ހައްދާ ވަރަށް ގިނަ ފަރާތްތަކެއްގެ ސުވާލަކަށް ހަމަ ގައިމުވެސް ވާނެ މި ގަހުގެ މާ ގިނަ ކުރާނީ ކިހިނެއްބާއޭ؟ މައްޝޫރު ދަނޑުވެރިއެއް ކަމުގައިވާ ޕްރަތިޝްކާ ބޯގަންވިލާ ގަހުގެ މާ ގިނަކުރަން ކުރެވޭ 5 ކަމެއް ވަނީ އޭނާގެ ބްލޮގްގައި ކިޔުންތެރިންނާއި ހިއްސާ ކޮށްފައެވެ.
1. އިރުގެ އަލި
އެންމެ މަދުވެގެން 6 ގަޑިއިރުގެ ގަދަ އަވި ބޯގަންވިލާ ގަހަށް ބޭނުންވެއެވެ. ވީމާ ގަހުގައި މާ ނާޅާނަމަ ގަސް އަވިއަރާ ތާކަށް ބަދަލުކޮށްލާށެވެ. ނުވަތަ އަވި އަރާގޮތަށް އުސްކޮށްލާށެވެ.
2. ފެން
މި ގަހަކީ އެހާ ފެން ބޭނުންވާ ގަހެއް ނޫނެވެ. މިގަހަށް ފެންދޭނީ ގަހުގެ ވެލީގެ މަތީ ބައި ގާތް ގަޑަކަށް ދެ އިންޗި ވަރަށް ހިކުނީމައެވެ. ދަނޑިކޮޅަކުން ނުވަތަ އަތުން ފަސްގަނޑު ހިކިފައިތޯ ބަލާލުމަށްފަހު ފެންދޭށެވެ. މާގިނައިން ފެން ދިނުމުގެ ސަބަބުން ގަހުގެ މޫތައް ކުނިވާނެ ކަން ދަންނާށެވެ.
3. ގަސް ކޮށުން
ގަސް ކޮށުމަކީ ކޮންމެ ގަހެއްވެސް ރީތިކޮށް ހެދި ބޮޑު ވުމަށް އެހީވެދޭކަމެކެވެ. އެގޮތުން ބޯގަންވިލާގަސް ވެސް ކޮށުމުން އެގަހުގެ ހަކަތަ އެގަހުގެ މާފޮޅުމާއި ރީތިކޮށް ބޮޑުވުމަށް މިސްރާބު ޖަހައެވެ. މިގޮތަށް ގަސް ކޮށާއިރު ބޮޑެތި ވެފައިވާ ފަތްތަށް ކޮށާށެވެ. ގަހުގެ މައި ބަދައިން ނިކުމެފައި ހުންނަ އަރިތަށް ކޮށާށެވެ. އޭރުން އޮފިން ފަތް ފަޅާ މާ ނިކުންނާނެއެވެ. މިގޮތަށް ކޮށާއިރު މާގަނޑާއި އެކު 3 ވަރަކަށް އިންޗިއަށް ކޮށާލާށެވެ.
4. ގަސްކާނާ
ގަސްކާނާގެ ބާވަތް ތަކުގައި ނައިޓްރޮޖަން ހިމެނޭ ކާނާ މި ގަހަށް އެޅުމުން ތަރުކާރީއަށް އެހީވެދޭ ގޮތަށް ގަހުގެ ފަތްތައް އިތުރުކޮށްދެއެވެ. ނަމަވެސް ޕޮޓޭސިއަމް އަދި ފޮސްފަރަސް ގިނަ ކާނާ އެޅުމުން ގަހުގެ މާގަނޑު އިތުރުވެ ބޮޑުވެގެން ދާނެއެވެ. ގަސް ވިއްކާ ތަންތަނުގައި ޕޮޓޭސިއަމް ހިމެނޭ ފޮސްފަރަސް އޮއް ލިބެން ހުންނާނެއެވެ. ފަސްގަނޑު މަތިމަތިން ކޮނެލުމަށްފަހު މި އޮއް ގަހުގެ ފަސްގަޑުގެ މައްޗަށް ބުރުވާލާފައި އެއްކޮށްލާށެވެ.އެއަށްފަހު ގަހަށް ފެންދޭށެވެ. މި އޮށުން އެކި އެކި ސޫފިތަކުންވެސް ރައްކާތެރި ކޮށްދޭނެއެވެ.
5. ޕޮޓުގެ ސައިޒު
ބޯގަންވިލާއަކީ ބިޔަކޮށްހެދޭ ވެލަކަސް މި ގަސް ބޯކޮށް ހެއްދުމަށްޓަކައި ކުޑަ ޕޮޓެއް ބޭނުން ކުރަންޖެހެއެވެ. މިގަހުގެ ޒާތުން އޭގެ މޫތަށް ވީހާވެސް ކައިރީގައި ހެދުމުގެ ސަބަބުން ގަހުގައި މާނިކުތުން ކައިރިއެވެ.
އެހެންކަމުން މި ކިޔާދިން 5 ކަންތައްކަށް ސަމާލުކަން ދީގެން ބޯގަންވިލާގަހަށް ބަދަލު އަންނާނެ ކަމަށް ހީކުރަމެވެ.