މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް “ޓިކްޓޮކް” އެމެރިކާގައި ބޭނުން ކުރުން އެއްކޮށް މަނާކުރެވިދާނެ ފަދަ ބިލެއް އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްއިން ފާސްކޮށްފިއެވެ.
މިދިޔަ ބުދަ ދުވަހު ފާސްކުރި “ޕްރޮޓެކްޓިން އެމެރިކަންސް ފްރޮމް ފޮރިން އެޑްވަސަރީ ކޮންޓްރޯލް އެޕްލިކޭޝަންސް އެކްޓް” ގެ ނަމުން ނަން ދީފައިވާ މި ބިލް ހައުސް އިން ފާސްކޮށްފައިވަނީ ބޮޑު އަޣުލަބިއްޔަކުންނެވެ. އަދި މިހާރު ސެނެޓަށް ވެސް ވަނީ އެ ބިލް ފޮނުވާފައެވެ.
މި ބިލް ގާނޫނަކަށް ވެއްޖެ ނަމަ ޓިކްޓޮކްގެ ޗައިނާގެ ބެލެނިވެރި ކުންފުނި ބައިޓްޑާންސަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްގެ އެމެރިކާގެ އޮޕަރޭޝަންތަކުގެ މިލްކުވެރިކަން ހަ މަސް ދުވަސް ތެރޭގައި ވިއްކާލުމަށް މަޖުބޫރުވާނެއެވެ.
އެ ބިލްގެ ސަބަބުން ވީޑިއޯ ޝެއާކުރުމުގެ ހިދުމަތަށް ބަރޯސާވާ އެމެރިކާގެ އެތައް މިލިއަން ވިޔަފާރިތަކަށާއި އުފެއްދުންތެރިންނަށް ގެއްލުން ވެދާނެ ކަމުގެ އިންޒާރު ވެސް ޓިކްޓޮކުން ވަނީ ދީފައެވެ.
އެހެން ނަމަވެސް މި ބިލަށް ތާއީދުކުރާ ފަރާތްތަކުން ބުނަނީ ޓިކްޓޮކަކީ އެމެރިކާގެ ޔޫޒާ ޑޭޓާއަށް ވަނުމުގެ ފުރުސަތު ޗައިނާ ސަރުކާރަށް ލިބޭ އެޕެއް ކަމަށެވެ. އަދި ދޮގު މައުލޫމާތާއި ޕްރޮޕެގެންޑާއަށް ބާރުއެޅުމުގެ ފުރުސަތު އެ އެޕުން ލިބޭ ކަމަށް ވެސް ބުންޏެވެ.
ހައުސްގެ ވޯޓަކީ ޓިކްޓޮކަށް ފާޑުކިޔާ ފަރާތްތަކަށް ވަރަށް ބޮޑު ކާމިޔާބީއެއް ލިބުނު ވޯޓަކަށް ވާއިރު، ސެނެޓުގައި މި ބިލަށް ކުރިމަތިވެފައި ވަނީ ޔަގީން ނުވާ މަގެކެވެ. ބައެއް މެމްބަރުން އެ ބިލާ އިދިކޮޅު ހަދާނެ ކަމުގެ އިޝާރާތެއް ދެއްވާފައި ވާއިރު، ސެނެޓަރު ރޭންޑް ޕޯލް ވަނީ އެ ބިލު ފާސްކުރުމަށް ހުރަސް އަޅާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.