އީރާނުގެ މަދަދު ލިބޭ ޔަމަންގެ ހޫޘީ ޖަމާއަތުން އަޑަށްވުރެ ބާރަށް ދަތުރުކުރާ ދުރުރާސްތާގެ ސުޕަސޮނިކް މިސައިލެއް ތަޖުރިބާ ކުރި ޚަބަރު ލިބިފައިވަނިކޮށް އިސްރާއީލުގެ އާގު ބޯޓުތަކަށް ސްވޭސް ކެނެލްގެ ބަދަލުގައި އިންޑިއާ ކަނޑުން ދަތުރުކޮށް ދެކުނު އެފްރިކާގެ ކޭޕްއޮފް ގުޑްހޯޕް ވަށާލައިވެސް ދަތުރު ނުކުރެވޭނެކަމުގެ އިންޒާރު އެޖަމާއަތުން ދީފިއެވެ.
މި އިންޒާރު ދީފައިވަނީ ޔަމަންގެ ޓީވީ މެދުވެރިކޮށް ހޫޘީ ޖަމާއަތުގެ ވެރިޔާ އަބްދުލްމަލިކު އަލްހޫޘީއެވެ.
އޭނާ ބުނީ މިހާތަނަށް ހަމަލާދެމުން ގެންދިޔައީ ޔަމަންގެ ބާބުލްމަންދަބު ކަނޑުއޮޅި ހުރަސްކޮށް ސްވޭސް ކެނެލްއަށް ދާ އިސްރާއީލުގެ އާގު ބޯޓުތަކަށް ކަމަށާއި ނަމަވެސް އިންޑިއާ ކަނޑުން ދެކުނު އެފްރިކާގެ ކޭޕްއޮފް ގުޑްހޯޕް ވަށާލައި ދަތުރުކުރާ އިސްރާއީލުގެ އާގު ބޯޓުތަކަށްވެސް ދެން ހަމަލާ ދޭނެކަމަށާއި ، މިކަމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އަބްދުލްމަލިކު އަލްހޫޘީ ބުނީ އިސްރާއީލަށް ޣައްޒާއަށް ހަމަލާ ދެވޭނަމަ ޔަމަނަށްވެސް އިސްރާއީލުގެ ބޯޓުތަކަށް ހަމަލާ ދެވޭނެ ކަމަށެވެ.
އަބްދުލްމަލިކު އަލްހޫޘީ ބުނެފައިވަނީ އިސްރާއީލުގެ ދިފާއުގައި އެމެރިކާއާއި އިނގިރޭސިވިލާތުން ޔަމަނަށް ކިތަންމެ ހަމަލާތަކެއް ދިންނަމަވެސް ހޫޘީން އިސްރާއީލުގެ އާގު ބޯޓުތަކަށް ދޭ ހަމަލާތައް ނުހުއްޓުވޭނެއެވެ.
ހޫޘީ ޖަމާއަތުން އިސްރާއީލުގެ އާގު ބޯޓުތަކަށް ހަމަލާދޭންފަށާފައިވަނީ އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ގަތުލުއާންމުތައް ހިންގައި ޣައްޒާގެ އާންމުންގެ ނަސްލު ނައްތާލުމުގެ ޖަރީމާތައް ހިންގަންފެށުމުން އެކަމާދެކޮޅަށް އިސްރާއީލަށް އަދަބު ދިނުމުގެ ގޮތުންނެވެ.
ހޫޘީންގެ ހަމަލާތައް ހުއްޓުވުމަށްޓަކައި އިސްރާއީލުގެ ދިފާއުގައި ކަނޑުގެ ބާރެއް އެކުލަވާލަން އެމެރިކާ ކުރި މަސައްކަތަށް ދުނިޔޭގެ ގައުމުތަކުގެ އެއްބާރުލުން ނުލިބުމުން އެ ބާރުގައި ބައިވެރިވެފައިވަނީ އެމެރިކާގެ ވަށައިގެން އެނބުރޭ ނޭޓޯގެ ގައުމުތަކުގެ ތެރެއިންވެސް މަދު ގައުމުތަކެކެވެ. އަދި އިސްރާއީލުގެ ދިފާއުގައި ހޫޘީންނަށް ރައްދު ހަމަލާ ދެމުންގެންދަނީ އެބާރުގައި ހިމެނޭ ދެގައުމު ކަމަށްވާ އެމެރިކާއާއި އިނގިރޭސިވިލާތުން އެކަންޏެވެ.
އެދެގައުމުން ހޫޘީންގެ އަމާޒުތަކަށް ގިނަ ހަމަލާތަކެއް ދިން ނަމަވެސް ހޫޘީންގެ ހަމަލާތައް ހުއްޓުވުމުގައި އެދެގައުމުވަނީ މުޅިން ނާކާމިޔާބުވެފައެވެ.
އެމެރިކާއާއި އިނގިރޭސީންގެ ހަމަލާތަކުގެ ރައްދުގައި ހޫޘީން މިހާރު ގެންދަނީ އިސްރާއީލުގެ އާގު ބޯޓުތަކުގެ އިތުރުން އެމެރިކާއާއި އިނގިރޭސިވިލާތުގެ އާގުބޯޓުތަކަށްވެސް ހަމަލާތައް އަމާޒު ކުރަމުންނެވެ.
މިފަހުން ހޫޘީންވަނީ ރަތްކަނޑުން ދަތުރުކުރި އިނގިރޭސިވިލާތުގެ އާގު ބޯޓަކަށް ހަމަލާދީ އެބޯޓު ކަނޑަށް ފައްތާލާފައެވެ. އަދި މިދިޔަ ހަފުތާގައި ހޫޘީންވަނީ އެމެރިކާގެ އާގު ބޯޓަކަށް ހަމަލާދީ އެބޯޓުގެ ތިން ފަޅުވެރިން މަރާލައި އެބޯޓަށް ބޮޑެތި ގެއްލުންތަކެއްވެސް ދީފައެވެ.
އިންޑިއާ ކަނޑުން ހުރަސްކޮށް ދެކުނު އެފްރިކާގެ ކޭޕްއޮފް ގުޑްހޯޕް ވަށާލައި ދަތުރުކުރާ އިސްރާއީލުގެ އާގު ބޯޓުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު ހޫޘީން ދީފައިމިވަނީ އަޑަށްވުރެ ބާރަށް ދަތުރުކުރާ ސުޕަސޮނިކް މިސައިލް ޙޫޘީ ޖަމާއަތުގެ އަތުގައި ހުރިކަމަށް ރަޝިއާގެ “ނޮވެސްޓީ” ނޫސް އެޖެންސީ ބުނެފައިވަނިކޮށެވެ.
އިސްރާއީލާ ދެކޮޅަށް މިބާވަތުގެ މިސައިލް ބޭނުންކުރާނެކަން ނުވަތަ ނޫންކަން ހޫޘީން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އިސްރާއީލުގެ ކޮންމެ ތަނަކަށް ހަމަލާދެވޭވަރުގެ މިސައިލް ހޫޘީންގެ އަތުގައި ހުރިކަމަށް އެޖަމާއަތުގެ އަސްކަރީ މަސްދަރާ ހަވާލާދީ ރަޝިއާ ގެ “ނޮވެސްޓީ” ބުނެއެވެ. ހޫޘީންގެ އަތުގައިވަނީ އީރާނުގެ ސުޕަސޮނިކް ޓެކްނޮލޮޖީކަން ނުވަތަ ނޫންކަން އެނގިފައެއް ނުވެއެވެ.
އެމެރިކާގެ ޒަމާނީ ހަތިޔާރު ބޭނުންކޮށްގެން ސައޫދީއާއި ޔޫއޭއީ ހަތް އަހަރުވަންދެން ހޫޘީންނާ ދެކޮޅަށް ހަނގުރާމަކުރިއިރުވެސް އެދެގައުމަށް އެޖަމާއަތް ބަލިނުކުރެވުނެވެ. އަދި އެމެރިކާއާއި އިނގިރޭސިވިލާތުން ދެމުންގެންދާ ހަމަލާތަކުންވެސް ހޫޘީން އާގު ބޯޓުތަކަށް ދޭ ހަމަލާތައް ހުއްޓުވިފައެއް ނުވެއެވެ.
ހޫޘީންނަކީ ވައިގެ މަގުން ހަމަލާދޭ ޑްރޯންއާއި ކަނޑުއަޑިން ހަމަލާދޭ ޑްރޯންއާއި އެންޓި ޝިޕް މިސައިލްވެސް ގިނަ އަދަދަކަށް ހުރި ޖަމާއަތެއްކަމަށް ރިޕޯޓްތައް ބުނާއިރު، އިސްރާއީލާއި އެމެރިކާއާއި އިނގިރޭސި އާގު ބޯޓުތަކަށް ހަމަލާދިނުމުގައި މިހުރިހާ ހަތިޔާރުތަކެއްވެސް ހޫޘީން ބޭނުންކުރެއެވެ.
އިނގިރޭސިވިލާތުގެ ނޫހެއްކަމަށްވާ “ފައިނޭންޝަލް ޓައިމްސް” ބުނާގޮތުން ދާދިފަހުން އެމެރިކާވަނީ ހޫޘީންގެ ހަމަލާތައް ހުއްޓުވައި ދިނުމަށް އެދި ޔޫރަޕްގެ ގައުމެއް މެދުވެރިކޮށް އީރާނާއެކު ސިއްރު ވާހަކަތަކެއް ދެއްކި ނަމަވެސް އީރާންވަނީ އިސްރާއީލުން ޣައްޒާގެ އާންމުންނަށް ދޭ ހަމަލާތައް އެމެރިކާ ނުހުއްޓުވާނަމަ ހޫޘީންގެ ހަމަލާތައް ހުއްޓުވަން އީރާން މަސައްކަތް ނުކުރާނެކަން އެމެރިކާއަށް އަންގާފައި ކަމަށް އެނޫސް ބުނެއެވެ.