-Advertisement-

-Advertisement-

ކަދުރުގެ ބާވަތްތަކާއި ފައިދާ

ފޮޓޯ: މައިޒެން ޓީވީ

ކަދުރަކީ މެދުއިރުމައްޗާއި އުތުރު އެފްރިކާއަށް ނިސްބަތްވާ ގަހެއް ކަމަށްވާ ކަދުރު ރުކުން އުފައްދާ މޭވާއެކެވެ. ކަދުރަކީ އޭގައި  ގުދުރަތީ ފޮނިކަމަކާއި މުއްސަނދި ރަހައެއް ހުންނަ އެއްޗެކެވެ.ކަދުރު ރުކުގެ ސީދާ އަސްލު އައިސްފައިވަނި ކޮންގޮތަކަށްކަން ޔަގީން ނުވިނަމަވެސް،ތާރީޙު ދައްކާ ގޮތުން އެންމެ ފުރަތަމަ ކަދުރު ރުކެއް އިންދާފައިވަނީ މިސްރާއި، މިސަޕޮޓޭމިއާ އާއި ދެމެދުގައިވާ ‘ފާރޓައިލް ކްރެސެންޓް’ ނަމަކަށް ކިޔާ ބިމެއްގައި މީލާދީން 4000 ގެ ކުރީކޮޅުގައެވެ. ކަދުރަކީ އިރާގާއި، އީރާނާއި، އަރަބިއްޔާ އަދި އުތުރު އެފްރިކާގެ ހުޅަނގުން މޮރޯކޯއަށް މުހިންމު ބާވަތެއްގެ ގޮތުގައި ފާހަނގަ ކުރެވޭ މޭވާއެކެވެ.

ކަދުރުގެ ބާވަތްތައް
މެޑްޖޫލް ކަދުރު


މިއީ ރަހައާއި ސައިޒުގެ ގޮތުން ކަދުރުގެ ތެރެއިން އެންމެ މަގުބޫލު ކަދުރުގޮތުގައި ފާހަނގަ ކުރެވޭ އެއްބާވަތެވެ.

މިއީ މޮރޮކޯއަށް ނިސްބަތްވާ ބާވަތެއް ނަމަވެސް މިޒަމާނުގައި، އެމެރިކާ، މެދުއިރުމަތި، ދެކުނު އޭޝިއާ، އަދި އެފްރިކާ ފަދަ ދުނިޔޭގެ އެހެން ގިނަ ސަރަހައްދުތަކުގައި މި ކަދުރުގެ ބާވަތް އުފައްދައެވެ.

ގިނަ ފަހަރަށް ހިކިކޮށް ވިއްކާ މެޑްޖޫލް ކަދުރަކީ އެހެން ކަދުރުގެ ވައްތަރުތަކަށް ވުރެ މަޑު އަދި ތަތް އެއްޗަކަށް ވާތީ،ކެއްކުމުގައިވެސް ވަކި ރެސިޕީތަކެއްގައި ބޭނުން ކުރަން ފަސޭހަ އެއްޗެކެވެ.

ޑެގްލެޓް ނޫރް ކަދުރު

ޑެގްލެޓް ނޫރަކީ ފަހަރުގައި އެންމެ މަޝްހޫރު ކަދުރުގެ ވައްތަރު ކަމުގައި ވެދާނެއެވެ. ސަބަބަކީ އޭގެ ޓެކްސްޗާގެ ސަބަބުން މެޑްޖޫލް ކަދުރަށް ވުރެ ކެއްކުމުގައި ބޭނުން ކުރަން ފަސޭހަ ވެގެންދާތީ އެވެ.

މި ކަދުރަކީ ތަފާތު ގިނަ ގޮތްގޮތުން ބޭނުންކުރެވޭ ކަދުރެކެވެ. ފައިން ޑައިނިންގ ޑިޝްތަކުން ފެށިގެން އާދައިގެ ބެކަރީ ޕްރޮޑަކްޓްސް ނުވަތަ ސަގާފީ ކެއުންތަކާ ހަމައަށް ގިނަ ރެސިޕީތަކެއްގައި ބޭނުން ކުރެވޭނެ ކަދުރެކެވެ. ޑެގްލެޓް ނޫރު ކަދުރަކީ ހަކުރު ޝިރަޕް ނުވަތަ ބޭކިން ޕޭސްޓް ހެދުމަށް ރަނގަޅު އެއްޗެކެވެ.

އަޖުވާ ކަދުރު


އަޖުވާ ކަދުރަކީ މެދުއިރުމަތީގައި ޚާއްޞަކޮށް ސައުދީ އަރަބިއްޔާގައި ވަރަށް މަގުބޫލު ކަދުރެކެވެ. އަޖްވާ ކަދުރު ހުންނަނީ މެޑްޖޫލް ކަދުރު ނުވަތަ ޑެގްލެޓް ނޫރު ކަދުރަށް ވުރެ ކަޅު ކުލައެއްގައެވެ. އަޖުވާ ކަދުރަކީ ގިނަ އަދަދަކަށް ޕޮޓޭސިއަމް އާއި ފައިބަރު އެކުލެވޭ އެއްޗެކެވެ. މީގެ އިތުރުން ފޮލޭޓް އަދި ރައިބޯފްލެވިން އެކުލެވިގެންވާ މި ބާވަތްތައް ހަކުރުބަލީގެ މީހުންނަށް އާދައިގެ މިންވަރަކަށް ބޭނުންކުރެވިދާނެ އެވެ.

ޕިއާރޮމް ކަދުރު

ޕިއާރޮމް ކަދުރު އުފައްދާ ކަދުރު ރުއް ހެދެނީ ހަމައެކަނި ފަރުބަދަމަތީ ސަރަހައްދުތަކުގައި ކަމަށްވާތީ، އެ ގަސް އިންދައިލެވޭނެ ސަރަހައްދުތައް މަދުކަމުން ޕިއާރޮމް ކަދުރައަކީ ކަދުރުގެ ބާވަތްތަކުގެ ތެރެއިން އެންމެ އަގުބޮޑު އެއް ކަދުރުގެ ވައްތަރެވެ.

މި ކަދުރު އާންމުކޮށް ހެދެނީ އޮކްޓޯބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. ރިޕޯރޓްތައް ދައްކާ ގޮތުގައި ޕިއާރޮމް ކަދުރުގައި އެހެން ކަދުރުގެ ވައްތަރުތަކަށްވުރެ ކެލޮރީ މަދުކަމުން ހަކުރުބަލި ހުންނަ މީހުންނަށް މިއީ ރަނގަޅު މޭވާއެކެވެ.

ފައިދާތައް
ސިކުނޑީގެ މަސައްކަތް ރަނގަޅުކޮށްދޭ

އިންޓަރލިއުކިން ފަދަ އިންފްލެމެޓަރީ ސައިޓޮކިންސް އަކީ ސިކުނޑިއަށް އިންތިހާއަށް ނުރައްކާތެރި އެއްޗެކެވެ

ގަވާއިދުން ކަދުރު ބޭނުންކުރުމަކީ އައިއެލް-6 ގެ މިންވަރު ދަށްކުރުމުގައި ފައިދާހުރި ކަމެއް ކަމަށާއި އެކަމުގެ ސަބަބުން އަލްޒައިމާ ފަދަ ސިކުނޑީގެ ޑިޖެނެރޭޓިވް ހާލަތްތައް ޖެހުމުގެ ނުރައްކާ ކުޑަކުރުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ވެސް ދިރާސާގައި ދައްކައެވެ.

މީގެ ކުރިން ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ކާނާގައި ކަދުރު ހިމެނުމުން އެމިލޮއިޑް ބީޓާ ޕްރޮޓީން އެކްޓިވިޓީ ދަށްވެ ސިކުނޑިއަށް ގެއްލުންވާ ޕްލެކްސް އުފެއްދުން މަދުވެ އެވެ. ޕްލެކްސް އަކީ ވަރަށް ނުރައްކާތެރި އެއްޗަކަށް ވާތީ ސެލް މަރުވެ އަލްޒައިމާ ފަދަ ސީރިއަސް ހާލަތްތައް ކުރިމަތިވެދާނެ އެވެ.

ކެންސަރުގެ ނުރައްކާ ކުޑަ ކޮށްދޭ

ކަދުރާއި ބެހޭ ދިރާސާތަކުން ދައްކާ ގޮތުގައި ކަދުރުގައި ބީޓާ ޑީ-ގްލޫކަން ކިޔާ ކޮމްޕައުންޑެއް ހުރެއެވެ. މި ކޮމްޕައުންޑު  ހަށިގަނޑުގެ ތެރޭގައި އެންޓި ޓިއުމަރ އެކްޓިވިޓީއެއް ކުރިއެރުވުމުގައި ވަރަށް ބޮޑަށް އެހީވެދެއެވެ. އަދި ކަދުރުގައި އެންޓިއޮކްސިޑެންޓް ގިނައިން ހުރުމަކީ ފްރީ ރެޑިކަލްސް (ކެންސަރަށް މަގުފަހިވާ މާއްދާތައް) ގެ ހަރަކާތްތައް މަދުކޮށްދީ، އެކަމުގެ ސަބަބުން ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ އެއްޗެކެވެ. ކެއުމުގައި ކޮންމެ ދުވަހަކު ކަދުރު ބޭނުންކުރުމަކީ ސިއްޙީ ގޮތުން އެތައް ފައިދާތަކެއް ލިއްބައިދޭނެ ކަމެކެވެ.

ކަދުރަކީ، އޭގައި ގިނަ އަދަދަކަށް ނިއުޓްރިއެންޓްސް، ފައިބާރ އަދި އެއްޓިއޮކްސިޑެންޓް ހުންނަ އެއްޗަކަށްވާއިރު، ހަޖަމު ކުރުމުގެ ނިޒާމު ރަނގަޅުވުމުގެ އިތުރަށް ތަފާތު އެކި އެކި ބަލި ޖެހުމުގެ ނުރައްކާ ކުޑަކޮށްދޭ އެއްޗެއް ކަމަށް އެކި ދިރާސާތަކުން ދައްކައެވެ. ކަދުރަކީ ކެއުމުގައި ތަފާތު ގޮތްގޮތަށް ބޭނުން ކުރެވިދާނެ އެއްޗެކެވެ. ހާއްސަކޮށް ތައްޔާރީ ފޮނި ކާނާގެ ބަދަލުގައި ކަދުރު ބޭނުން ކުރުމަކީ ހަށިގަނޑަށްވެސް މާ ފައިދާ ބޮޑުކަމެކެވެ. އެހެންނަމަވެސް އެހެންމޭވާތަކަށްވުރެ ކަދުރަކީ ފޮނި އެއްޗަކަށް ވުމުން ކެއުމުގައި މެދުމިނަކަށް ބޭނުން ކުރުމަކީ މުހިންމުކަމެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-