ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ވިއްކުމަކީ މުޑުދާރު އަމަލެއް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
އަސްލަމް މިހެން ވިދާޅުވީ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އެމްޑީޕީ އަށް ނިސްބަތްކޮށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ދެއްކެވި ވާހަކަތަކަކާގުޅިގެންނެވެ.
އެގޮތުން ޝަރީފް ވަނީ އެމްޑީޕީގެ މެމްބަރުންނަކީ ގޮނޑި ވިއްކާ ވާހަކަ ދައްކަން ފުރުސަތު އޮތް ބައެއް ނޫން ކަމަށާއި ޕީޕީއެމްގައި ތިބި 12 މެމްބަރުން ފުރަތަމަގަތީ ވެސް އެމްޑީޕީން ކަމަށް ވިދާޅުވެފަ އެވެ.
މިކަމާއި ގުޅިގެން އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގޮނޑި ވިއްކާ އަދި ގޮނޑި ގަންނަ ވާހަކަ ދެއްކުމަކީ ލަދުވެތި ވާހަކައެއް ކަމަށާއިއެމަނިކުފާނަކީ ގޮނޑި ވިއްކާ އަދި ގޮނޑި ގަންނަން ދުވަހަކު ވެސް ތާއީދު ކުރައްވާނެ ބޭފުޅެއް ނޫން ކަމަށެވެ.
އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން އަމިއްލައަށް އިސްތިއުފާ ދޭންވާނެ ކަމަށް ބަޔާންކުރާއެންޓި–ޑިފެކްޝަން ބިލް ވެސް ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.