އެ މަނިކުފާނުގެ ސަރުކާރުން ގައުމު ހިންގާނީ ފައިސާ ޗާޕުނުކޮށް ލިބޭ އާމްދަނީއަކުން ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޕާކު ސަރަހައްދުގައި މިރޭ ބޭއްވެވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، މިދިޔަ ފަސް އަހަރުގައި ކަންކަން ކުރީ ފައިސާ ޗާޕުކޮށްގެން ކަމަށްވީ ނަމަވެސް، މި ސަރުކާރުން ކަންކުރާނީ އެގޮތަށް ނޫން ކަމަށާއި މިސަރުކާރުގެ އެންމެ މުހިންމު އިގުތިސޯދީ އެޖެންޑާއަކީ ފަައިސާ ޗާޕުކުރުން ހުއްޓާލުން ކަމަށާއި އެކަން ކުރައްވާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ތަރައްގީގެ މަޝްރޫއުތަކަށް މިދިޔަ އަހަރު 2.88 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މި އަހަރުގެ އެ މުއްދަތުގައި ހޭދަކޮށްފައިވަނީ 1.13 ބިލިއަން ރުފިޔާކަމަށް ބުނެ އިދިކޮޅުން ކިޔާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކަށް ކުރި ހޭދައިގެ ފަރަގަކީ ވެސް ވަރަށް ބޮޑުއޮޅުވާލުމެއް ކަމަށެވެ.
އަދި ހަމަ އެހެންމެ މިދިޔަ ސަރުކާރުން އެ މުއްދަތުގައި ހިންގާފައިވާ ތަރައްގީގެ މަޝްރޫއުތައް ހިންގާފައިވަނީ ދެ ބިލިއަން ރުފިޔާގެ ލޯނެއް ނަގައިގެން ކަމަށާއިހަގީގަތުގައި ހިންގިފައިވަނީ 900 ވަރަކަށް މިލިއަން ރުފިޔާގެ މަޝްރޫއު ކަމަށް ވިދާޅުވިއެވެ.