ކިތަންމެ ވަރަކަށް ފާޑުކިޔަސް ޖެހިލުން ނުވާ ކަމަށާއި މި ގައުމަށް ވަކި ފަރުދެއް މުހިންމު ނުވާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީންއަބްދުލްޤައްޔޫމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ނުސީދާރައްދެއް ދެއްވައިފިއެވެ.
އަދުރޭ މިހެން ވިދާޅުވީ މި ހިނގާ އެޕްރީލް 21 ވަނަ ދުވަހު ބޭއްވުމަށް ހަމަ ޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ފޮނަދޫދާއިރާއަށް ވާދަކުރައްވާ އަދުރޭގެ ކެމްޕޭން ހަރަކާތެއްގައި ވާހަކަ ފުޅު ދައްކަވަމުންނެވެ.
އޭނާ އެހެން ވިދާޅުވެފައި މިވަނީ، ޕީޕީއެމުން ވަކިވެވަޑައިގެން ރައީސް ޔާމީން ސަރުކާރަށް ފާޑުވިދާޅުވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.
މީގެ އިތުރުން އަދުރޭ ވިދާޅުވީ ޕީއެންސީގެ ކެންޑިޑޭޓުންނެއް ރައީސް މުއިއްޒުގެ ސަރުކާރަށް އުނދަގޫވާނެ އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި އެއީޔަގީންކަމެއް ކަމަށެވެ. އަދި ރައީސް މުއިއްޒާއެކީގައި ސާބިތުވެ ތިބީ ވަރަށް ކެރިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ރައީސް މުއިއްޒު ހުންނެވީ ވަރަށް ސާބިތުކަމާއެކީގައި ރައްޔިތުންނަށް ހިދުމަތްކޮށްދެއްވުމުގެ މާތް ނިޔަތުގައި ކަމަށާއި މި ގައުމުން ބަދަލުހިފުމުގެ ރޫހު ނައްތާލައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވާ ވާހަކަފުޅަކީ ވަރަށް ހިތްހަމަޖެހޭ ވާހަކަފުޅެއް ކަމަށެވެ.
އަދުރޭ އިތުރަށް ވިދާޅުވީ ރައީސް މުއިއްޒު އެ ހުންނެވީ ރައްޔިތުންނަށް ހައްގު ހޯއްދަވައިދެއްވައި، ރައްޔިތުން ބޭނުންވާ އުފާވެރި ގައުމު ބިނާކޮށްދެއްވުމަށްކަމަށާއި އެމަނިކުފާނަށް އެ ގައުމު ބިނާކުރުމުގެ ފުރުސަތު ހޯދައިދޭން ޖެހޭ ކަމަށެވެ.