-Advertisement-

-Advertisement-

ދަރިންގެ ސިއްރުތައް މައިންބަފައިންނާ ޙިއްސާ ނުކުރަނީ ކީއްވޭ؟

ފުރާވަރުގެ ކުދިން ބުނާ ކަހަލައެވެ! އަހަންނަށް ދިމާވާ އެންމެ ހިތްނޭދޭ އެއްކަމަކީ އަހަރެންގެ އަމިއްލަ ކަންކަމުގައި މައިންބަފައިންނާއި ބެލެނިވެރިން ގޮތްނިންމާތީއެވެ. ނަމަވެސް އެމީހުންނަކަށް އަހަންނަށް ދިމާވާ ދަތިތަކާއި އުނދަގޫތައް ނޭނގެއެވެ. އަހަރެން ކަޑައްތު ކުރަންޖެހޭ ހަރުފަތްތަކާއި އަހަރެންގެ ނަޒަރިއްޔާއެއްވެސް ނުވިސްނެއެވެ. އެމީހުންގެ ވިސްނުން ވަރަށްވެސް ތަފާތެވެ. ޒަމާނާއި ހާލަތާއި ނުގުޅެއެވެ. އަދި އެ ވިސްނުމުން އަހަންނަކަށް ފައިދާއެއް ވެސް ނުކުރެއެވެ. ދިރިއުޅުމުގައި ދިމާވާ ދަތިތައް ހާލަތާއި ބީރައްޓެހި މަންމައާއި ޙިއްސާކުރުމަކީ ވަރަށް އުނދަގޫކަމެކެވެ. އެއަށްވުރެ ރަޙްމަތްތެރިންނާއި ޙިއްސާ ކުރުން ރަނގަޅު ނުވާންވީ ކީއްވެ ހެއްޔެވެ؟ ޙަޔާތުގެ ދަތުރުގައި އޭނަ ވެސް ހުރީ އަހަންނާއި އެއް ހިސާބެއްގައެވެ. ދިރިއުޅުމުގައި ހުރި ދަތިތަކާއި، ކިޔެވުމުގައި ހުރި އުނދަގީތަކާއި، އަހަރެންގެ އުޅުން ގުޅުމާއި، މުސްތަޤްބަލަށް އަހަރެންދެކޭ ހުވަފެންތަކާއި، އެދޭ އެދުންތަކާއި، ހަށިގަނޑަށް އަންނަމުންދާ ބަދަލުތައް އެމީހުންވެސް އެބަ ތަޙައްމަލުކުރެއެވެ. މިކަންކަން އަހަރެންނަށްވުރެ އެތައް އަހަރެއް ކުރީގައި ތިބި ބެލެނިވެރިންނަށް ވިސްނޭނީ ކިހިނެއް ހެއްޔެވެ؟

ބުނެލަންއޮތީ ދަރިންގެ މިނަޒަރިއްޔާއިން އެމީހުންގެ އިހްސާސްތައްވެސް ގޯހެކޭ ބުނެވެން ނެތްވާހަކައެވެ. މިއީ އިންސާނާގެ ތަބީޢަތްވެސްމެއެވެ. އެކަމަކު މިކަމުން ދަރިންނަށް ލިބިދާނެ ގެއްލުމަކަށް ބެލެނިވެރިން ފާރަވެރިވާންޖެހެއެވެ. ދަރިންގެ މިވިސްނުމުގެ ސަބަބުން ހިލޭ މީހަކަށް އެދަރިފުޅު ކުރާ އިތުބާރެވެ. ދިރިއުޅުމުގައި ހުރި އުނދަގޫތަކާއި ކުރިމަތިލުމަށް ދަރިން ހިމާޔަތައް މިއެދެނީ ކާކުކައިރީގައިކަން ދެނެގަނެވޭނީ ކިހިނެއް ހެއްޔެވެ؟

ދަރިންގެ ކަންކަމުގައި އެހީތެރިކަމަށް އެދުމަށް ދަސްކޮށްދޭއިރު ކިޔައިދޭންވީ އިތުރު ވާހަކަތަކެއް ވެސް އެބަހުއްޓެވެ. ފުރަތަމަކަމަކީ މައިންބަފައިންގެ މައްޗަށް ދަރިން އިސްކުރާ ރަޙްމަތްތެރިޔާވެސް ހުރީ ހަމަ ދަރިފުޅާއިއެކު އެއް ހާލަތެއްގައިކަން ވިސްނައިދިނުމެވެ. އެމީހުންގެވެސް ހުރީ އެއް މައްސަލަތަކެއްކަމެވެ. އަދި އެ މައްސަލަތައް ހައްލުކުރުމަށް އެމީހުންވެސް ތިބީ އެހީތެރިކަން ބޭނުންވެފައިކަމެވެ. އަދި ދަރިފުޅުގެ މައްސަލަތައް ހައްލުކުރުމަށް އެރަހްމަތްތެރިޔާ ދޭ ނަސޭހަތަކީ އޭނާގެ ތަޖުރިބާއިން އޭނާ ކިޔައިދޭ ފިލާވަޅުތަކެއް ނޫންކަމެވެ. އަދި އެ މައުލޫމާތަކީ އިންޓަނެޓްގެ ޛަރީޔާއިން ނުވަތަ އެފަދަ އިތުބާރުނުކުރެވޭ ފަރާތަކުން އެރަޙްމަތްތެރިޔާ އަށް އެނގިފައިވާ ކަމަކަށްވުމުގެ ފުރުޞަތު ބޮޑުކަމެވެ.

މިއީ ދަރިންގެ ރަޙްމަތްތެރިންނާއި އޮންނަ ގުޅުމުގެ މުހިއްމުކަން ކުޑަކުރުމަށް ބުނެވޭ ވާހަކައެއް ކަމަށް ދަރިފުޅަށް ހީވިޔަ ނުދޭށެވެ. އަދި ދިރިއުޅުމުގައި ދިމާވާ އުނދަގޫތައް ހިއްސާކޮށް އެހެންމީހުންނަށް އެހީތެރިވުމަށާއި އެހީތެރިކަން ލިބިގަތުމުގެ މުހިންމުކަމެވެ. މިފަދަ ކަންކަން ރަހްމަތްތެރިންނާއި ހިއްސާކޮށް އެމީހުންގެ ހިތުގައިވާ އުދާސްތައް ލުއިކޮށްދިނުމުގައި އެކަކު އަނެކަކަށް ބަރޯސަވާން ޖެހޭނެ ކަމާއި ދަރިފުޅުގެ ފަރާތުން ރަހްމަތްތެރިންނަށް ރަނގަޅު ނަސޭހަތް ދިނުމުގެ މުހިންމުކަން ދަރިންނަށް ވިސްނަދޭށެވެ. ވިސްނުންތެރިކަމާއިއެކު ދަރިފުޅަށް ބުނެދޭންވީ ދަރިފުޅަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް އެހީތެރިކަމަށް އެދެންވީ ޙިކްމަތްތެރިކަމާއިއެކު އެކަމެއް ހައްލުކޮށްދިނުމަށް ޤާބިލުކަން ހުރި މީހެއްގެ ގާތުގައިކަމެވެ. އަދި މިފަދަ ކޮންމެ ދަނޑިވަޅެއްގައި ބެލެނިވެރިޔާ ދަރިފުޅާއި އެންމެ ގާތުގައި ހުންނާނެކަމެވެ.

ހަޤީޤަތަކީ ޒަމާނަކީ އިންޓަނެޓްގެ ޒަމާނެއްކަމެވެ. ހުރިހާކަމެއްވެސް ވަރަށް ފަސޭހައެވެ. ކޮންމެ ސުވާލެއްގެ ޖަވާބުވެސް އެންމެ ކްލިކް އަކުން ލިބިގެންދާ ކަމެވެ. ނަމަވެސް ހިތާމައަކީ، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ފުރާވަރުގެ ކުދިން އެކުދިންނަށް ދިމާވަމުންދާ މައްސަލަތައް ޙިއްސާކުރުމުން، އެއުމުރުގެ އެހެން ކުދިން ހުށަހަޅާފައިވާ ހައްލުތަކުން ހިތަށް ނުތަނަވަސްކަން ގެނުވައެވެ. ހިތަށްއަރައެވެ، މިކުދިންގެ ސިއްރުތައް މައިންބަފައިންނާއި ބެލެނިވެރިންނާއި ޙިއްސާ ނުކުރަނީ ކީއްވެ ހެއްޔެވެ؟ މައްސަލަތަކުގެ ހައްލު ހޯދުމަށް ނުދަންނަ މީހުންނަށް ބަރޯސާވާންޖެހެނީ ކީއްވެ ހެއްޔެވެ؟ ނަމަވެސް، އިތުރަށް ބިރުހީވަނީ މިފަދަ ޕްލެޓްފޯމްތަކުން ދަރިންނަށް ލިބޭ ނަސޭޙަތް އެކުދިން ޤަބޫލުކޮށް އެގޮތަށް ޢަމަލުކުރާނެ ކަމާއިމެދު ސުވާލުއުފެދޭތީއެވެ!

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-