-Advertisement-

-Advertisement-

ގަނާ(ބުލީ)ކުރެވެނީ ކީއްވޭ؟

ބޮޑެތިވަމުން އަންނަ ކުދިންގެ މެދިގައި އެކަކު އަނެކަކަށް ގަނާކުރުމަކީ ވަރަށް އާންމުވެފައިވާ ކަމެކެވެ. ގަނާ ކުރުމުގެ ސަބަބުން އެކަމުގެ ޝިކާރައަކަށްވާ ކުދިންނަށް އޭގެން އަރައި ނުގަނެވޭފަދަ ގެއްލުންތަކެއް ލިބެމުންދާއިރު، ގަނާ ކުރުމުގެ އާދަ ކުދިންނަށް ދަސްވެގެން އަންނަގޮތްތަކާއި، ކުދިން ގަނާކުރުމާއި ދުރުކުރެވޭނެ ގޮތްތައް ހޯދުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ކުޑަކުދިން އެހެން ކުދިންނަށް ގަނާ ކޮށްފާނެ ސަބަބުތަކެއް އެބަހުއްޓެވެ. ބައެއް ކުދިން ގަނާ ކުރަނީ އެކުދިންގެ އަމިއްލަ އިންސެކިޔުރިޓީސް ފޮރުވުމަށެވެ. އަދި އަނެއްބައި ކުދިން ގަނާ ކުރަނީ ތިމާއަށްވުރެ ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުން ބަލިކަށި މީހެއްގެ މައްޗަށް ބާރުފޯރުވޭ ކަމުގެ އިޙްސާސާއިއެކު ތިމާއަކީ ވަރަށް މުހިއްމު މީހެއް ކަމަށް ކުއްޖާއަށް ހީވާތީއެވެ. ބައެއް ހާލަތުތަކުގައި ކުދިން ގަނާ ކުރަނީ، އެއީ ކޮށްގެން ނުވާނެކަމެއްކަން ނޭނގިއެވެ.

ބައެއްކުދިން ގަނާކުރަނީ އެކުދިންގެ ގައިގައި ހަރުލާފައިވާ އެހެން ސިފަތަކާއި އާދަތަކުގެ ސަބަބުންނެވެ. އެގޮތުން، އަމިއްލަ އިޙްސާސްތައް ކޮންޓްރޯލް ކުރަން ނޭނގޭ ކުދިން، ޙާއްސަކޮށް މާއަވަހަށް ރުޅިއަންނަ ކުދިންގެ ފަރާތުން ގަނާ ކުރުމުގެ ސިފަތައް ފެނުމަކީ އާންމުކަމެކެވެ. މިފަދަ ކުދިންނަށް އެކުދިންގެ ޖަޒުބާތުތައް މެނޭޖްކުރުމަށް ޅައުމުރުގައި ދަސްކޮށްދޭންޖެހެއެވެ. އެގޮތުން ތެރަޕީއާއި އެކު މިފަދަ ކުދިންގެ އާދަތައް ކުރިއަރައި އަމިއްލަ އިޙްސާސްތަކާއި ކުރިމަތިލުމުގެ ޤާބިލުކަން ލިބި އިޖްތިމާއީ ހުނަރު އެކުދިންގެ ގައިގައި އަށަގެނުވެއެވެ.

ގޭތެރޭގެ މާހައުލުގައި އައިލާގެ މެމްބަރުން އެކަކު އަނެކަކަށް ގަނާކުރުމުގެ ސަޤާފަތް އޮތުމަކީ އެކަމުގެ ސަބަބުން ވަރަށް ގިނަ ކުދިން ގަނާކުރާ މައިގަނޑި ސަބަބެކެވެ. ގޭތެރޭގެ މާހައުލުން ފެންނަ މިފަދަ ޢަމަލުތަކުގެ ސަބަބުން އެހެންމީހުންނާއިމެދު އެގޮތަށް ޢަމަލުކުރުމަށް ކުދިން ދަންކޮރެއެވެ. އަދި މިފަ ކުދިން އެކުދިންނަށް ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފައި އެހެންކުދިންގެ މައްޗަށް ބާރުފޯރުވުމަށް ގަނާކުރެއެވެ.

ގަނާކުރުމާއި ކުދިން ދުރުހެލިކުރުވުމަށް އެހީތެރިވެދޭނީ ކިހިނެއް؟

ގަނާކުރުމުގެ އާދައަކީ ގޯސް އާދައެއްކަމާއި އެއީ ކޮށްގެން ނުވާނެ ކަމެއްކަމަށް އެއްމެ ކުޑައިރުއްސުރެ ކުދިންނަށް ކިޔައިދިނުމަކީ ކުދިން ގަނާކުރުމާއި ދުރުކުރުވުމަށް އެޅިގެންދާނެ ރަނގަޅު ބިންގަލަކަށް ވެގެންދާނެއެވެ. އަދި މީގެ އިތުރުރުން ގަނާކުރުމަކީ އަދަބު ލިބޭފަދަ ގޯސް ކަމެއްކަން ކުދިންނަށް ކިޔައިދެވުމުން މިކަމުގެ މުހިއްމުކަން ކުދިންނަށް ވިސްނޭނެއެވެ. ކުދިން ގަނާކުރުމާއި ދުރުކުރުމަށް ތިރިގައި މިވާ ކަންކަން ކުރެވިދާނެއެވެ.

  1. ގަނާކުރުމަކީ ވަރަށް ސީރިއަސްކަމެއްގެ ގޮތުގައި ދެއްކުން. އަދި ތިމާގެ ޢަމަލުން ކުއްޖާއަށް އެކަން ދެއްކުން.
  2. އެހެން މީހުންނާއި މުއާމަލާތް ކުރުމުގައި މަޑުމަތިތިވުމަށާއި އޯގާތެރިވުމަށް ކުދިންނަށް ބުނެދިނުން.
  3. ކުދިންގެ ރަހްމަތްތެރިންނާއި ގާތްމީހުންނާއި ގުޅުން ބާއްވައި، ކުދިންގެ އުޅުމަށް އަންނަބަދަލުތަކުގެ ސަބަބު ދެނެގަތުން.
  4. ކުދިން ކުރާ ރަނގަޅު ކަންތައްތަކަށާއި، އެކުދިންގެ ރަނގަޅު އާދަތަކަށް ހިތްވަރުދިނުން.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-