ރަށަށް ތަރައްގީ ނައިސްގެން ފ. ނިލަންދޫ ރައްޔިތުން މާޔޫސްވާކަން އެނގިވަޑައިގަންނަވާ ކަމަށާއި މި ސަރުކާރުން ރައްޔިތުން ބޭނުންވާ ވަރަށް ނިލަންދޫ ތަރައްގީ ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، އެޕްރީލް 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީސް އިންތިހާބުގެ ކެމްޕޭނަށް އިއްޔެ ނިލަންދުއަށް ވަޑައިގެން ރޭ އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ނިލަންދޫގެ ތަރައްގީއަށް ސަރުކާރުން ގިނަ ކަންތައްތަކެއް ރާވާފައިވާ ކަމަށާއި، އޭގެ ތެރެއިން ނިލަންދޫގައި ތަރައްގީކުރާ އެއާޕޯޓު ވެގެންދާނީ ރައްޔިތުން ބޭނުންވާ ކަހަލަ އެންމެ ޒަމާނީ އެއާޕޯޓަކަށް ކަމަށެވެ.
ރައީސް ރޭ ވަނީ ނިލަންދޫގެ ތަރައްގީއަށް ބޭނުންވެފައިވާ ހުރިހާ ކަމެއް ސަރުކާރުން ފުރިހަމަ ކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން ރަށުގެ ހޮސްޕިޓަލުގެ އާ އިމާރަތް ހެދުމާއި މަގުތައް ހެދުމުގެ އިތުރުން ނަރުދަމާގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ނިލަންދޫގައި އެއާޕޯޓެއް ހެދުމުގެ އިތުރުން ރަށުގެ ފަޅުގެ ތެރޭގައި ދެ ރިސޯޓާއި ސިޓީ ހޮޓަލެއްވެސް ސަރުކާރުން ތަރައްގީ ކޮށްދެއްވާނެ ކަމަށެވެ. ސަރުކާރުން ވިސްނާފައި ވަނީ 20 އަހަރު ދުވަހުގެ މާސްޓާ ޕްލޭނެއްގެ ދަށުން ރާއްޖެ ތަރައްގީ ކުރަން ކަމަށާއި އެ ޕްލޭން ހަގީގަތަކަށް ހަދައި ގާނޫނީ ބާރުވެރިކަން ހޯދުމަށް ސަރުކާރަށް އެއްބާރުލުން ދޭނެ މަޖިލީހެއް އޮތުން މުހިންމު ކަމަށްވެސް ވިދާޅުވިއެވެ.