ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ލާމު އަތޮޅުން ލިބުނު ތާއީދާއެކު އެކަމުގެ އުފާ ފާޅު ކުރުމުގެ ގޮތުން ލ. އަތޮޅުގެ 8 ރަށެއްގައި ހަވާ އަރުވާނެކަމަށް ޓުއަރިޒަމް މިނިސްޓަރ އިބްެރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
އާދީއްތަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ލ.އަތޮޅުގެ ހަތަރު ދާއިރާގެ ތެރެއިން ތިން ދާއިރާއެއް ސަރުކާރުގެ މައި ޕާޓީ ޕީއެންސީން ވަނީ ކާމިޔާބުކޮށްފައެވެ. އެއީ އިސްދޫ, ގަން އަދި ފޮނަދޫ ދާއިރާއެވެ. މާވަށު ދާއިރާގެ ގޮނޑި ކާމިޔާބު ކުރީ އެމްޑީޕީއިންނެވެ.
ފައިސަލް ވިދާޅުވީ އިންތިޚާބުުން ލިބުނު ނަތީޖާއަކީ ސަރުކާރަށް ރައްޔިތުން ކުރާ ތާއީދު ހާމަވެގެން ގޮސްފައިވާ ކަމަށާއި، ޕީއެންސީއަށް ރައްޔިތުން ކުރެއްވި ތާއީދަށް ޝުކުރު ދަންނަވާކަމަށެވެ.
މީގެ އިތުރުން ފައިސަލް ވިދާޅުވީ ލާމު އަތޮޅުން މަޖިލިސް ގޮނޑި ކާމިޔާބުކުރެވުނު 3 ދާއިރާގެ ހުރިހާ ރަށެއްގައި އުފާ ފާޅު ކުރުމުގެ ގޮތުން ހަވާ އަރުވާނެކަމަށެވެ. އެއީ އިސްދޫ، ކަލައިދޫ، ދަނބިދޫ، މާބައިދޫ، މުނޑޫ، ގަން، ފޮނަދޫ އަދި މާމެންދުއެވެ.