ކުރިއަށް އޮތްތަނުގައި ވެސް ދެމިހުންނަނީ ފަސް ވަގުތު ނަމާދުކުރާ މީހުން ސިޔާސީ މައިދާނަށް ނެރުމުގެ މަތީގައި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
އިމްރާނާ އެކު އަދާލަތު ޕާޓީގެ ހަތަރު ކެންޑިޑޭޓުން މި ފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރިއެވެ. އޭގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކަށް ގޮނޑި ކާމިޔާބެއް ނުކުރެވުނެވެ.
މަޖިލިސް އިންތިހާބުގެ ނަތީޖާއަށް ފަހު އެކްސްގައި ފުރަތަމަ ކުރެއްވި ޕޯސްޓްގައި އިމްރާން ވިދާޅުވީ އޭނާ މިހާތަނަށް ކުރަމުން އައި އަދި އެކަމެއްގެ މަތީގައި ހަޔާތުގެ ބާކީ އޮތް ބައިގައި މާތް ﷲގެ ވާގިފުޅާ އެކު ދެމި ހުންނާނީ ފަސް ވަގުތު ނަމާދުކުރާ މީހުން ސިޔާސީ މަސައްކަތުގެ އިސް ސަފަށް ނެރެ ބާރުވެރި ކުރުމަށް ކަމަށެވެ.
އަޅުގަޑު މިހާތަނަށް ކުރަމުން އައި ، އަދި އެކަމެއް ކުރުމުގެ މަތީގައި ހަޔާތުގެ ބާކީ އޮތް ބައިގައި އިންޝާ الله،ދެމި ހުންނާނެ މަސައްކަތަކީ ފަސްވަގުތު ނަމާދުކުރާ މީހުން ސިޔާސީ މަސައްކަތުގެ އިސް ސަފަށް ނެރެ ބާރުވެރި ކުރުމެވެ.
— Imran Abdulla (@ShimranAb) April 23, 2024
ވެރިކަން ހޯދާ ގިނަ ކޯލިޝަންތަކުގައި އަދާލަތު ޕާޓީން މީގެ ކުރިން ބައިވެރިވެ، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ގިނަ ސިޔާސީ މަގާމުތަކެއް މީގެ ކުރިން ފުރުއްވާފައިވެއެވެ.
އަދާލަތު ޕާޓީ އުފެއްދިއިރު އެ ޕާޓީއަކީ ގިނަ ޝެއިހުންތަކެއް މަސައްކަތްކުރި އަދި އާއްމުންގެ މެދުގައި މަގުބޫލު ޕާޓީއެކެވެ. ނަމަވެސް ފަހުން ވަރަށް ބޮޑަށް ޕާޓީގެ މަގުބޫލުކަން ގެއްލިގެންދިޔައެވެ.