-Advertisement-

-Advertisement-

ފޯބިއާއާ ބެހޭގޮތުން އެނގެންޖެހޭ ކަންކަން!

ބިރުވެރިކަމަކީ އަޅުގަނޑުމެން އެންމެން ވެސް ތަޖުރިބާކުރާ އާންމު އިހުސާސެކެވެ. އަހަރެމެންގެ ތެރެއިން ބައެއް މީހުން ޖަނަވާރުތަކަށް ބިރުގަންނައިރު އަނެއް ބަޔަކު ބިރުގަންނަނީ ބައެއް ކަންކަން ކުރުމަށެވެ. އެގޮތުން ބައެއް މީހުންނަކީ އުސް ތަންތަނަށް އެރުމަށް ބިރުގަންނަ މީހުންނެވެ. މިގޮތަށް އެކި ކަންކަމަށް ބިރުވެރިކަން އިހުސާސްވުމަކީ އާންމު ކަމެކެވެ. އެހެންނަމަވެސް ބައެއް މީހުންނަށް ކޮންޓްރޯލް ނުކުރެވޭ ގޮތަށް ބިރުވެރިކަމުގެ އިހުސާސްތަކެއް ކުރެވެއެވެ. މި އިހުސާސްތަކަށް ކިޔަނީ ފޯބިއާއެވެ.

ފޯބިއާއަކީ ކޮބައި ހެއްޔެވެ؟
ފޯބިއާއަކީ ވަކި އެއްޗެހިތަކާއި ޙާލަތްތަކަށް ނުވަތަ ޙަޤީޤީ ނުރައްކަލެއް ކުރިމަތިނުވި ނަމަވެސް އެކަމަށް ވަރަށް ބޮޑަށް ބިރުގަތުން ނުވަތަ ނުރުހުމެވެ. އެ ބިރުވެރިކަމާއި ނުރައްކަލުގެ އިހުސާސްތައް މާބޮޑަށް ނުވަތަ ހަގީގަތާ ހިލާފު ކަމަށް ފެންނާތީ، ފޯބިއާތައް ގިނަ ފަހަރަށް ބޭރުކޮށްލަނީ ސިކުނޑި އަށް ޤަބޫލު ނުކުރެވޭ ބިރުވެރިކަމެއްގެ ގޮތުގައި ނުވަތަ ސީރިއަސް ނޫން ކަމެއްގެ ގޮތުގައެވެ. ހަގީގަތުގައި ފޯބިއާ އަކީ އެންޒައިޓީ ޑިސްއޯޑާގެ ބާވަތެކެވެ. އަދި މިކަމަކީ އޭގެ ސަބަބުން އާންމު ދިރިއުޅުމަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމެކެވެ. ފޯބިއާ ހުންނަ މީހުންނަކީ ބިރުވެރި އެއްޗެހި ނުވަތަ ހާލަތަކާއި ކުރިމަތިލާން ޖެހުމުން ވަރަށް ބޮޑަށް ކަންބޮޑުވާ މީހުންނެވެ.

ފޯބިއާ މެދުވެރިވަނީ ކިހިނެއް؟
ނަފްސާނީ ދުޅަހެޔޮކަމުގެ މާހިރުންނަށް ބިރުވެރިކަން ފޯބިއާއަށް ބަދަލުވަނީ ކީއްވެގެންކަން ސީދާ ދެނެގަނެވިފައި ނުވި ނަމަވެސް، ފޯބިއާ އުފެދުމަށް މަގުފަހިވާ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. ބައެއް މިސާލުތަކުގެ ތެރޭގައި:

  • ހަޔާތުގައި ހިތާމަވެރި ހާލަތެއް ތަޖުރިބާ ކުރުމަކީ އަދި ވަކި ހާދިސާއަކާ ގުޅޭ ގޮތުން އެކަމާ މެދު އިހުސާސްކުރެވޭ ގޮތްތަކަށް ދާއިމީ އަސަރެއް ކުރުމަކީ ވަރަށް ގާތް ކަމެކެވެ. މިފަދަ ހާދިސާތަކުން ޓްރޯމާ އާއި ގުޅިގެން އުފެދޭ ފޯބިއާ އަށް މެދުވެރިވެދާނެއެވެ.
  • ބައެއް ފޯބިއާ ތަކަކީ ޖެނެޓިކްސް އާއި ގުޅުންހުރި ފޯބިއާއެވެ. އަދި ބައެއް ފޯބިއާތައް އަންނަނީ އެންމެ ގާތުގައިވާ މީހުންގެ ފަރާތުންނެވެ. މިސާލަކަށް ބިރުވެރިކަންކަމާއި ކުރިމަތިލުމަށް މީހާ ދަސްކުރަނީ އެންމެ ގާތުގައި ތިބޭ މީހުންގެ ފަރާތުން ކަމަށްވެފައި، އެގޮތަށް ދަސްކުރުމުގައި ފޯބިއާގެ އަލާމާތްތައް ނަކަލު ކުރެވުމަކީ ވެސް ވެދާނެ ކަމެކެވެ.
  • ނެގެޓިވް ރިއެކްޝަންތަކާ ކުރިމަތިލާން ޖެހުމުނު ކުރިންވެސް އެކަން ދިމާވުމުން ކުރެވުނު ބިރުވެރިކަމުގެ އިހުސާސްކުރެވި އެ އެކަމާ ދެރަވެ، އަނެއްކާ ވެސް އެފަދަ ކަމެއް ހިނގައިދާނެ ކަމުގެ ބިރަށް އިތުރު ކަންބޮޑުވުމެއް އުފެދިދާނެއެވެ. މިއީ އެކަމަކަށް މީހާގެ ހިތުގައިވާ ބިރުގެ ރިއެކްޝަންގެ ސަބަބުން ދިމާވާ ފޯބިއާއެވެ.

ސްޕެސިފިކް ފޯބިއާތަކާއި ކޮމްޕްލެކްސް ފޯބިއާގެ ތަފާތު
ސްޕެސިފިކް ފޯބިއާއެއް ނުވަތަ ސިމްޕަލް ފޯބިއާއަކީ ވަކި އެއްޗެއް، ހާލަތެއް ނުވަތަ ހަރަކާތަކަށް ބިރުގަތުމެވެ. ބައެއް މީހުންނަށް މިފަދަ ކަންކަން ދިމާވަނީ ކުޑައިރުއެވެ. އަދި މި ފޯބިއާތައް އުމުރުން ދުވަސްވާ ވަރަކަށް ކުޑަވެދާނެއެވެ. ކޮމްޕްލެކްސް ފޯބިއާތައް ގިނަ ފަހަރަށް ގުޅިފައި އޮންނަނީ ވަކި ހާލަތެއް ނުވަތަ ހާލަތަކާ މެދު އުފެދިފައިވާ ބިރުވެރިކަމެއް ނުވަތަ ކަންބޮޑުވުމަކާއެވެ.

އާންމުގޮތެއްގައި ފޯބިއާ ހުންނަ މީހުންނަށް އެމީހުންގެ އިހްސާސްތަކަކީ ފޯބިއާގެ ސަބަބުން ދިމާވާ ކަމެއްކަން އެނގެއެވެ. އެހެންނަމަވެސް އެކަމަށް ޙައްލު ހޯދުމުގެ ބަދަލުގައި އެމީހުންގެ އެންޒައިޓީ ނުވަތަ ބިރުވެރިކަމުގެ އަސްލަކުން ސަލާމަތްވުމަށް އެމީހުންގެ ފޯބިއާއާއެކު ދިރިއުޅެން ޚިޔާރުކުރެއެވެ. އަދި މި ރިއެކްޝަނަކީ ޢާންމު ކަމެއް ކަމުގައިވީނަމަވެސް، މިފަދަ މައްސަލަތަކަށް ހައްލު ނުހޯދައި ގިނަދުވަސްވުމުން މިކަންތައް އިތުރަށް ގޯސްވުމުގެ ނުރައްކާ އޮތް ކަމެކެވެ.

ވީމާ، ފޯބިއާގެ ސަބަބުން ދިރިއުޅުމަށް ނޭދެވޭ އަސަރުކުރާ ކަމަށް ގަބޫލުކުރެވޭ ނަމަ އެހީތެރިކަން ހޯދުމަކީ މުހިއްމު ކަމެކެވެ. ފޯބިއާތަކަށް ފަރުވާ ދެވޭނީ ޕްރޮފެޝަނަލެއްގެ އެހީގައެވެ. ފޯބިއާގެ ސަބަބު ދެނެގަތުމަށް ސެލްފް އެކްސްޕޯޒާ ތެރަޕީއަކީ ގިނަ ފޯބިއާތަކަށް ފަރުވާ ދިނުމަށް އެހީތެރިވެދޭނެ ކަމެކެވެ. ނަމަވެސް ކޮމްޕްލެކްސް ފޯބިއާތަކަށް ފަރުވާ ދިނުމަށް އިތުރު ވަގުތާއި މަސައްކަތާއި ތެރަޕީ ބޭނުންވާނެ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-