-Advertisement-

-Advertisement-

އެމެރިކާގައި ޓިކްޓޮކް މަނާކުރުމުގެ ބިލު ބައިޑަން ތަސްދީގު ކުރައްވައިފި

އެމެރިކާގެ ރައީސް ޖޯ ބައިޑެން. ފޮޓޯ: ސީއެންއެން

ޗައިނާގެ ބައިޓްޑާންސް ކުންފުނިން ޓިކްޓޮކްގެ މިލްކުވެރިކަން ވިއްކާނުލައިފި ނަމަ، އެ އެޕްލިކޭޝަން މުޅި އެމެރިކާގައި މަނާކުރެވޭނެ ބިލެއް ރައީސް ޖޯ ބައިޑަން ތަސްދީގު ކުރައްވައިފިއެވެ.

“ޕްރޮޓެކްޓިން އެމެރިކަންސް ފްރޮމް ފޮރިން އެޑްވަސަރީ ކޮންޓްރޯލް އެޕްލިކޭޝަންސް އެކްޓް”ގެ ނަމުގައި މިދިޔަ ހަފުތާގައި ކޮންގްރެސްއިން ފާސްކުރި މި ބިލަކީ ޚާރިޖީ ސިޔާސަތުގެ ފިޔަވަޅުތަކުގެ ބޮޑު ޕެކޭޖެއްގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހު ބައިޑަން ތަސްދީގު ކުރެއްވި ބިލެކެވެ.

އާ ގާނޫނުގައި ވާގޮތުން ބައިޓްޑާންސަށް ޓިކްޓޮކްގެ ހިއްސާ އެމެރިކާގެ ކުންފުންޏަކަށް ވިއްކާލުމަށް އެއް އަހަރު ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

އެމެރިކާގެ 150 މިލިއަނަށްވުރެ ގިނަ މީހުން ބޭނުންކުރާ މި އެޕްލިކޭޝަންގެ ޑޭޓާ ހަވާލުކުރުމަށް ޗައިނާ ސަރުކާރުން ބައިޓްޑާންސަށް މަޖުބޫރުކޮށްފާނެކަމުގެ ކަންބޮޑުވުން އެމެރިކާގެ އެކި އޮފިޝަލުން ފާޅުކުރަމުންދާއިރު، ޓިކްޓޮކްގެ ކޮންޓެންޓް ރެކޮމެންޑޭޝަން އަލްގޯރިދަމްތައް އޮޅުވާލައިގެން ބައެއް ވާހަކަތައް ފަތުރަން މަގުފަހިކުރާ ކަމުގެ އިންޒާރު ވެސް އެބޭފުޅުން ދީފަައިވެއެވެ.

ޓިކްޓޮކުން ވަނީ މި އާ ގާނޫނަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވާއިރު، ސީއީއޯ ޝޯ ޗޫގެ ވީޑިއޯ މެސެޖެއްގައި އޭނާ ވަނީ މިއީ އެމެރިކާއިން އެގައުމުގެ ރައްޔިތުންގެ އަޑު ކަނޑުވާލުން ކަމަށް ސިފަކޮށްފައެވެ.

އެ ކުންފުނިން ވަނީ އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް ވެސް ބުނެފައެވެ.

ޓިކްޓޮކްގެ ތަރުޖަމާނު ވިދާޅުވީ އެ އެޕަށް ފިޔަވަޅު އެޅުމުން 170 މިލިއަން މީހުންގެ ޚިޔާލު ފާޅުކުރުމުގެ ހައްގަށް އަރައިގަނެވި ހަތް މިލިއަން ވިޔަފާރިއަށް ގެއްލުންވެގެންދާނެ ކަމަށެވެ.

ޗައިނާއާއި އެމެރިކާއާ ދެމެދު އޮތް ގުޅުމާ މެދު ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައި، ކޮންގްރެސްގައި މި ބިލަށް ވަނީ ބޮޑު ތާއީދެއް ލިބިފައެވެ. މީގެ ކުރިން ޓްރަމްޕާއި ބައިޑަންގެ ސަރުކާރުން ވެސް ޓިކްޓޮކް އެމެރިކާގެ ކުންފުންޏަކަށް ވިއްކާލަން ބައިޓްޑާންސަށް މަޖުބޫރު ކުރުމަށް ކުރި މަސައްކަތްތަކަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.

އެމެރިކާގައި ޓިކްޓޮކްގެ މައްސަލަ ބޮޑުވެފައިވާއިރު، އެގައުމުގެ ދައުލަތުގެ ގިނަ އިދާރާތަކުގައި ބޭނުންކުރާ ސަރުކާރުގެ ޑިވައިސްތަކުގައި ޓިކްޓޮކް ބޭނުންކުރުން ވަނީ މަނާކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-