-Advertisement-

-Advertisement-

ފަސޭހަކަމާއިއެކު ގޭތެރޭގައި ހައްދާލެވޭ 5 ގަހެއް

ގޭތެރޭގައި ގަސް ހެއްދުމަކީ އަހަރުމެންގެ ތެރެއިން ވަރަށް ގިނަ މީހުން ކުރާ ހިތްވާ ނުވަތަ ކުރަން ބޭނުންވާ ކަމެކެވެ. ގޭތެރެ ޒީނަތްތެރި ކުރުމަށާއި ގޭތެރޭގެ ހިތްގައިމުކަން ދެމެހެއްޓުމުގެ އިތުރުން ބައެއް ގަސްގަހަކީ އޭގެން އިތުރު ވަރަށް ގިނަ ފައިދާތަކެއްވެސް ކުރާ އެއްޗެކެވެ. ނަމަވެސް، އަހަރުމެންގެ ތެރެއިން ބައެއް މީހުންނަކީ ކިތަންމެ މަސައްކަތެއް ކުރި ކަމުގައި ވިޔަސް ގަސް ހެއްދުމަށް ފެއިލްވާ ބައެކެވެ. “ޕްލާންޓް ކިލަރ” އެއްގެ ގޮތުގައި މަޝްހޫރުކަން ލިބި، ފޭކް ފެހިކަމުގެ ދިރިއުޅުމަކަށް އަމިއްލައަށް އިޙްތިޔާރުކޮށްގެން ތިބި މީހުންވެސް މަދެއްނޫނެވެ. މިލިޔުމުގައި މިބަލާލަނީ މިފަދަ ފަރާތްތަކަށާއި ގަސް ހެއްދުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް ފަސޭހަކަމާއިއެކު ގޭތެރޭގައި ހައްދާލެވޭ ގަސްތަކަށެވެ.

1. ޕީސް ލިލީ

ލިލީއަކީ އޭގެ ވަރަށް ގިނަ ވައްތަރުތަކާއި ކުލަތައް ހިމެނޭ އެއްޗަކަށް ވާއިރު، އެގެތެރެއިން ޕީސް ލިލީ އެންމެ މަޝްހޫރުވެފައިވަނީ ގޭތެރޭގައި ހައްދަން އެންމެ ރަނގަޅު އެއް ގަހުގެ ގޮތުގައެވެ. ޕީސް ލިލީއަކީ އެހާ ގިނައިން އިރުގެ އަލި ބޭނުންނުވާ، ވަރަށް ހިތްގައިމު މަލެއް އަޅާ ގަހެކެވެ. ޕީސް ލިލީ އަށް ފެން ބޭނުންވާނީ ގާތްގަނޑަކަށް ހަފްތާއަކު 1 ދުވަހުއެވެ. އެހެންކަމުން މި ގަހަކީ، އަޅާލުމަށްޓަކައި މާގިނަ މަސައްކަތެއް ކުރަން ނުޖެހޭ ގަހެކެވެ.

2. ޕޮތޯސް

އެންމެ ފަސޭހައިން ހައްދާލެވޭ އެއް ހައުސްޕްލާންޓް ކަމަށްވާ މާބްލް ކުއީން ޕޮތޯސް އަކީ ހިތުގެ ބައްޓަމަށް ރީތި ފަތްތަކާއިއެކު އަންނަ ވިނަގަހެކެވެ. ޕޮތޯސް އަކީ ވަރަށް އަވަހަށް ބޮޑުވާ، ޝެލްފްތައް ވަރަށް އަވަހަށް ރީތިކަމުން ފުރާލާނެ ގަހެކެވެ. އަލިކަން ކުޑަ މާހައުލެއްގައި ވެސް ފަސޭހަކަމާއިއެކު ހައްދާލެވޭ އަދި އާދަޔާ ހިލާފަށް ފެން ބޭނުންނުވާ މި ބާވަތަކީ އަލަށް ގަސް ހައްދަން ފަށާ މީހުންނަށާއި ގަސް ބެލެހެއްޓުމަށް ބުރަމަސައްކަތް ކުރަން ބޭނުންނުވާ ފަރާތްތަކުން އެންމެ ކަމުދާނެ އެއް ގަހެވެ.

3. ޒީޒީ ޕްލާންޓް

ޒީޒީ ޕްލާންޓްގެ ނަމުން މަޝްހޫރު ވެފައިވާ ޒަމިއޯކަލްކަސް ޒަމިއިފޯލިއާ އަކީ އަލަށް ގަސް ހައްދަން ފަށާ މީހުންނަށް އިތުބާރާއިއެކު ގޭތެރޭގައި ހައްދާލެވޭނެ ގަހެކެވެ. ޒީޒީ ޕްލާންޓަކީ ހެއްދުމަށް ފަސޭހަ އަދި އެކި ހާލަތްތަކުގައި ވެސް ހެއްދިދާނެ ވަރުގަދަ ގަހެކެވެ. އެގޮތުން ހިރަފުހާއި ފްލޮރޮސެންޓް ލައިޓްގައި ވެސް ހައްދާލެވޭ މިގަހަކީ އޮފީހުގައިވެސް ފަސޭހަކަމާއިއެކު ހައްދާލެވޭނެ ގަހެކެވެ. ވީމާ ކުދި އެޕާޓްމެންޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށްވެސް ފަސޭހަކަމާއިއެކު ހައްދާލެވޭ ގަހަކަށް މިގަސް ވާނެއެވެ.

4. ސްޕައިޑަރ ޕްލާންޓް

ސްޕައިޑަރ ޕްލާންޓަކީ ވަރަށް ކުޑަ މަސައްކަތެއް ކުރަންޖެހޭ ވަރަށް އަވަހަށް ހެދޭ ރީތި ގަހެކެވެ. ސްޕައިޑާ ގަސްތަކަކީ ހައްދަން ފަސޭހަ، ހުރިހާ މިންވަރެއްގެ އައްޔަށް ކެތްކުރާ، އަދި ހަފުތާއަކު ފެން އެޅުން މިސްވިޔަސް ވަރުގަދަކޮށް ހެދޭ ގަސްތަކެކެވެ. ޖާގަ ކުޑަ ތަންތަނުގައި ހެއްދުމަށް ވެސް ސްޕައިޑަރ ޕްލާންޓަކީ ރަނގަޅު ގަހެކެވެ. އެއީ ކޮންޓެއިނަރުތަކުގައި ނުވަތަ ހޭންގިން ބާސްކެޓްތަކުގައި ވެސް ރަނގަޅަށް މިގަސް ހެދޭތީއެވެ.

5. ސްނޭކް ޕްލާންޓް

ސްނޭކް ޕްލާންޓަކީ ދިގުފަތްތައް ހުންނަ މަގުބޫލު ހައުސްޕްލާންޓެކެވެ. ސްނޭކް ޕްލާންޓަކީ ގޭގައި ހައްދަން ވަރަށް ފަސޭހަ އަދި ކުޑަ ސަމާލުކަމެއް ބޭނުންވާ ގަހެކެވެ. މިގަހަކީ ވަރަށް މަދުން ފެން ބޭނުންވާ ގަހަކަށް ވާއިރު، އެންމެ ރަނގަޅީ ގަސް އިންދާފައިވާ ޕޮޓްގައިވާ ވެލިން އެއްކޮށް ފެނުގެ އަސަރި ކެނޑި ހިކުމުން ފެން އެޅުމެވެ.

ގެތެރޭގައި ގަސް ހެއްދުމަކީ ގުދުރަތާ ގުޅި ތިމާގެ ދުޅަހެޔޮކަން އިތުރުވެގެންދާ ކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފެހި ތަންތަނުގައި ބޭރުގައި ހޭދަކުރާ ވަގުތުތަކުގެ ސަބަބުން ނަފްސާނީ ވަރުބަލިކަން ކުޑަވެ، ހިތްހަމަޖެހުން އިތުރުވެ، ވިސްނުން ވެސް ރަނގަޅުކޮށްދެއެވެ. ގޭތެރޭގައި ހައްދާ ގަސްތަކުގެ ސަބަބުން މުޅި ގޭތެރޭގެ ސިފަ އަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނުވައެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ގޭތެރޭގައި ގަސް ހެއްދުމަކީ މީހާގެ މޫޑް ރަނގަޅުވެ، އުފެއްދުންތެރިކަން އިތުރުކޮށް، ސްޓްރެސް ކުޑަކޮށް، ވައި ތަޣައްޔަރުވާ މާއްދާތައް ނައްތާލާ ރަނގަޅު އާދައެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-