-Advertisement-

-Advertisement-

ކުޑަކުދިންނާއެކު ދަތުރުކުރުމުގައި ބަލަންވީ ކަންކަން

މިހާރަކަށް އައިސް ވަރަށް ގިނަ މީހުން ކުޑަކުދިންނާއިއެކު ޗުއްޓީ ހޭދަކުރުމަށް ދަތުރުކުރާތަން ފެނެއެވެ. މިއީ އަހަރުމެންގެ ތެރޭގައި އާންމުކޮށް ފެންނަ ކަމަކަށް ނުވާއިރު، އަދިވެސް ވަރަށް ގިނަމީހުންނަށް މިއީ ނުކުރެވޭ ކަމެކެވެ. މުޅި އާއިލާ އެކުގައި އުފާވެރި ވަގުތުތަކެއް ހޭދަކޮށްލުމަކީ ވަރަށް މުހިންމު ކަމެކެވެ. ވީމާ ކުޑަކުދިން ގޮވައިގެން ދަތުރު ކުރަން ބޭނުންވާ ފަރާތްތަކަށް މިލިޔުމުން އެހީތެރިކަމެއް ލިބިގެން ދާނެއެވެ.

1. ދަތުރު ދިއުން ފަސްނުކުރުން
ދަރިން “ހަނދާން ހުންނާނެ ވަރަށް ބޮޑުވަންދެން” ދަތުރުކުރަން މަޑުނުކުރާށެވެ. ކުޑައިރުގެ ހުރިހާ ތަޖުރިބާއަކީވެސް މުހިއްމު އަދި ހާއްސަ ތަޖުރިބާއެވެ.  މިފަދަ ވިސްނުމެއް ގެންގުޅޭނަމަ ދަރިން ކުޑައިރު އެހާ ހާއްސަ އަދި ހަނދާނުގައި ބެހެއްޓޭފަދަ މާ ބޮޑު ކަމެއް ނުކުރެވޭނެއެވެ. ވީމާ ކުދިން އެންމެ ކުޑައިރުން ފެށިގެން، ދަތުރުކުރެވެން ފުރުސަތު ލިބޭ ކޮންމެ ފަހަރަކު، ވީހާވެސް ގިނައިން އެކުދިންނާއިއެކު ދަތުރުކުރާށެވެ.

2. ކުދިންނާއި އެކު ދަތުރު ކުރާއިރު ބޭނުންވާ ހުރިހާކަމެއް ހާސިލް ނުކުރެވޭނެކަން ޤަބޫލުކުރުން
ދަރިންނާއިއެކު ކުރެވޭ ހުރިހާ ތަޖްރިބާއަކީ ތަފާތު ކަމެކެވެ. ދަތުރުކުރުމުގައި ވެސް މި ތަފާތުތައް އަންނާނެއެވެ. މިކަން ވިސްނައި، ތިމާގެ އާ ދަތުރުފަތުރުގެ ބައިވެރިންނާއި އެމީހުންގެ ޝައުޤުވެރިކަމަށް އަހުލުވެރިވެ އެކަމަށް ތައްޔާރަށް ވާންޖެހޭ ކަމެކެވެ. ކުރިން އަމިއްލައަށް ނުވަތަ ދެމަފިރިންގެ ހައިސިއްޔަތުން ދަތުރުކުރި ފަދައިން ޢާއިލާއެއްގެ ހައިސިއްޔަތުން ދަތުރުކުރުމުގައި ވެސް އުފާވެރިކަން ލިބޭނެއެވެ.

3. ދަތުރަށް ކުދިން ތައްޔާރުކުރުން
ކުޑަކުދިންނާއެކު ދަތުރުކުރާއިރު، ކުރިން ދަތުރަށް ކުދިން ތައްޔާރުކުރަން ފަށާށެވެ. ވަރަށް މަޖާ ދަތުރަކަށް ދާވާހަކަ ބުނެދީ، އެތަނުން ފެންނާނެ ކަންކަން ކިޔައިދީ، މަންޒިލާ މެދު އެމީހުން ޝައުގުވެރިވާނެގޮތަށް އެކުދިންނާއި ދަތުރުކުރާ މަންޒިލްގެ ވާހަކަ ހިއްސާކުރާށެވެ. ބޭރު ޤައުމަކަށް ދަތުރު ކުރާނަމަ، އުމުރަށް އެކަށޭނެ ފޮތްތަކެއް ހޯދުން ނުވަތަ މަންޒިލްގެ ބައެއް ފޮޓޯތައް ދައްކާލުމަކީ މިކަމަށް ވަރަށް ބޮޑަށް އެހީތެރިވެދޭނެ ކަންކަމެވެ.

4. ދަތުރުގެ ކަންކަން ކުރިން ރޭވުން
މުޅި އާއިލާ އަށް އަރާމު އަދި މަޖާ ދަތުރެއް ބޭނުންނަމަ ކުރިޔާލައި ދަތުރަށް ތައްޔާރުކުރާށެވެ. މިސާލަކަށް ދަތުރުފަތުރުގެ ތާރީޚް ނިންމައި، ފްލައިޓްތަކާއި އެކޮމޮޑޭޝަންތައް ބުކްކޮށް، އެއްގަމާއި ކަނޑުގެ ދަތުރުފަތުރުގެ ކަންކަން ވެސް ނިންމާލާށެވެ.

5. ޕެކް ކުރުމުގައި ސްމާޓް އުކުޅުތައް ބޭނުންކުރުން
ދަރިން ގޮވައިގެން އަދި ހާއްސަކޮށް ކުޑަކުދިން ގޮވައިގެން ދަތުރު ކުރާއިރު ވަރަށް ގިނަ ތަކެތި އާންމުކޮށް ގެންދަންޖެހެއެވެ. މީގެތެރެއިން ވަރަށް ގިނަ ތަކެއްޗަކީ އާންމުކޮށް ކަމެއް ދިމާވެދާނެ ކަމަށްޓަކައި އަހަރުމެން ފޮށްޓަށް އަޅާ ސާމާނެވެ. ނަމަވެސް، މިގޮތަށް ކަންތައް ކުރުމުން ލަގެޖް އުފުލުމުގަ އާއި އެއްޗެއް ހޯދަން ވެސް ވަރަށް އުނދަގޫވެގެންދެއެވެ. އަދި އެއްޗެހި ގިނަވުމުން އެއްޗެއް ގެއްލުމުގެ ފުރުޞަތު އަބަދުވެސް ބޮޑެވެ. އެހެންވީމާ، ބޭނުންވާ އެއްޗެހި ފާހަގަކޮށް އެތަކެތި އެކަނި ގެންދިއުމަށް ސަމާލުކަންދޭށެވެ.

ކުޑަކުދިންނާއެކު ދަތުރުކުރުމަކީ ކުދިންނަށާއި މުޅި އާއިލާ އަށް ވެސް މުހިއްމު ކަމެކެވެ. ކުޑައިރު މިފަދަ ތަޖްރިބާ ތަކުން ކުދިންގެ ތަރައްޤީ އަށް ބާރުއަޅައި، އެމީހުންނަށް ލިބިގެންދާ ތަޖްރިބާ އިން އެހެން މީހުންނާއި އެހެން ތަންތަނުގެ ހާލަތު އިހްސާސްކުރެވި މިފަދަ ތަފާތުތައް ދެނެގަނެ އެކަންކަން ދަސްކުރުމަށް ފަސޭހަވެގެންދެއެވެ. އަދި ތަފާތު ތަންތަނުގެ ސަގާފަތްތަކަށް އެކުދިން ހޭލުންތެރިވެގެންދެއެވެ. މިފަދަ ތަޖްރިބާތަކުން އެކުދިންނަށް ކެތްތެރިކަމާއި، މައްސަލަ ޙައްލުކުރުމާއި މީހުންނާ ގުޅުން ބަދަހިކުރުމަށް ދަސްވެގެންދެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-