-Advertisement-

-Advertisement-

ކަސްރަތު ކުރުމުގެ ކުރިން ކާންވީ ކޯއްޗެއް؟

ބައެއް މީހުންނަށް ހެނދުނުގެ ނާސްތާއަކީ ދުވާލުގެ އެންމެ މުހިންމު ކެއުމެވެ. ނަމަވެސް ޤަވާއިދުން ޖިމުގައި ވަގުތު ހޭދަކުރާ މީހުންގެ އާންމު ދިރިއުޅުމުގެ ރޫޓިން އަށް ކަސްރަތުގެ ކުރިއަށް ކެވޭ އެއްޗަކީ މިއަށްވުރެ ވެސް މުހިންމު ކެއުމަކަށް ވެދާނެއެވެ. ކަސްރަތު ކުރުމުގެ ކުރިން ކާނީ ކޯއްޗެއް ހެއްޔެވެ؟ ކެއުމުގައި އަބަދުވެސް މުހިންމީ ބެލެންސް ކުރުމެވެ. ކަސްރަތު ކުރުމުގެ ކުރިން ކެއުމަށް ތައްޔާރުކުރާ ނާސްތާގައި ކާބްސް، ފެޓް އަދި ޕްރޮޓީންގެ ރަނގަޅު ބެލެންސެއް ހުންނަންވާނެއެވެ.

1. އެވަކާޑޯ ޓޯސްޓާއި ބިސް
އެވޮކާޑޯ ޓޯސްޓަކީ ވަރަށް ގިނަބަޔަކަށް ކަމުދާ އެއްޗެކެވެ. އަދި ކެއުމުގައި ބަލައިގެން އުޅޭ ވަރަށް ގިނަ މީހުންވެސް އެވަކާޑޯ ޓޯސްޓް އާންމުކޮށް ކައިއުޅެއެވެ. އިތުރު ޕްރޮޓީން ލިބިގަތުމަށްޓަކައި އެވަކާޑޯ ޓޯސްޓް ތައްޔާރުކުރާއިރު ފެނުކެއްކި ބިސް ނުވަތަ ބިސްގަނޑެއް ލާށެވެ. ޖިމްގައި ކަސްރަތު ކުރާ ފަރާތްތަކަށާއި ފަތިހު ދުވަންދާ ފަރާތްތަކަށް ވެސް މި ކްލެސިކް ކޮމްބޯ އަކީ ރަނގަޅު ނާސްތާ އަކަށް ވެގެންދާނެއެވެ.

2. އޯޓްސް
އޯޓްސް އަކީ އާންމުކޮށް ހެނދުނުގެ ނާސްތާގައި ބޭނުންކުރާ އެއްޗެއް ނަމަވެސް ހެނދުނު ޖިމަށް ދިއުމުގެ ބަދަލުގައި މެންދުރުފަހު ނުވަތަ ރޭގަނޑު ޖިމަށް ދިއުމުގެ ކުރިން އޯޓްމީލް ތަށްޓެއް ކާލާށެވެ. އޯޓްމީލް އަކީ ތަފާތު ގިނަ ގޮތްގޮތަށް ތައްޔާރުކޮށްލެވޭ އެއްޗަކަށްވާއިރު، މިއީ ފަސެހަ ކަމާއިއެކު ތައްޔާރުކޮށްލެވޭ އަދި ކުޑަ ޕޯޝަންތަކަށް ވެސް ތައްޔާރުކޮށް އައިސްއަލަމާރީގައި ބަހައްޓާލެވޭނެ އެއްޗެކެވެ.

3. އޮރެންޖް ސްމޫތީ
ގިނައަދަދަކަށް ހަކުރު އަޅާފައި ހުންނަ ޖޫސް ޕެކެޓް ބުއިމުގެ ބަދަލުގައި އޮރެންޖް ސްމޫތީ އެއް އިޙްތިޔާރުކުރާށެވެ. މިބުއިމާއި އެކު ޕްރޮޓީން ޕައުޑަރ ވެސް ބޭނުންކުރެވިދާނެއެވެ. އަދި އިތުރަށް ކެލޮރީސް މަދުކުރަން ބޭނުންވާނަމަ ސްމޫތީ ތައްޔާރުކުރާއިރު ދޮންކެޔޮވަކެއް އެޅުމުގެ ބަދަލުގައި ދޮންކެޔޮ ވަކެއްގެ އެއްބައި ބޭނުންކުރެވިދާނެއެވެ.

4. ޕީނަޓްބަޓަރ ސޭންޑްވިޗް
ޖިމަށް ދިއުމުގެ ކުރިން ކުޑަގޮތެއް ހަދާލަން ބޭނުންވާ ފަރާތްތަކަށް މިއީވެސް ރަނަގަޅު ސްނެކް އަކަށް ވާނެއެވެ. ޕީނަޓްބަޓަރ ސޭންޑްވިޗް އަކީ ތައްޔާރުކުރަންވެސް އެހާ ފަސޭހަ އަދި ވަގުތު ސަލާމަތްކޮށްދޭނެ އެއްޗަކެވެ. ސޭންޑްވިޗްގެ ރަހަ އިތުރަށް ރަނގަޅު ކުރުމަށާއި އިތުރު ނިއުޓްރިޝަން އަށް ދޮންކެޔޮ އަދި ޗިއާ ސީޑް އެއްކޮށްލެވިދާނެއެވެ.

5. ކޮފީ ސްމޫތީ
އަހަރުމެންގެ ތެރެއިން ވަރަށް ގިނަ މީހުންނަކީ ކެފެއިން އާއި ނުލައި ކެއުމެއް ފުރިހަމަ ނުވާނެ މީހުންނެވެ. އެފަދަ ހުރިހާ ފަރާތްތަކަށް މި ސްމޫތީ އަކީ ވަރަށް ރަނގަޅު ބުއިމެކެވެ. ކޮފީ އާއިއެކު މި ސްމޫތީއަށް ޕްރޮޓީން ޕައުޑަރ ވެސް އެޅިދާނެއެވެ. މިއީ ހާއްސަކޮށް ހެނދުނުގެ ކަސްރަތުގެ ކުރިއަށް ބޯލަން ރަނގަޅު ބުއިމެކެވެ.

ޤަވާއިދުން ކަސްރަތު ކުރާ ފަރާތްތަކުން ކެއުމުގައި ވަކި އާދަތައް ގެންގުޅެއެވެ. އެކި މީހުން ކަސްރަތުކުރާނީ އެކި ސަބަބުތަކަށްޓަކައެވެ. ތަފާތު ލަނޑުދަނޑިތައް ހާސިލްކުރުމަށް އަހަރުމެން ކަސްރަތު ކުރާއިރު ކެއުމުގައި ބަލަންޖެހޭ ކަންތައްވެސް ތަފާތުވާނެއެވެ. އެހެންވީމާ އިސްކަން ދޭންވާނީ އަހަރުމެން ބޭނުންވާ ލަނޑުދަނޑިއަށް ވާސިލްވުމަށް ހަށިގަނޑަށް ބެނުންވާ މާއްދާތައް ހިމެނޭހެން ކެއުމުގެ އާދަތައް ބެހެއްޓުމެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-