ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ގާއިމްކުރުމަށްޓަކައި އުފެއްދި ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ލޯގޯ ތަޢާރުފުކޮށްފިއެވެ.
ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ހުޅުވުމަކީ ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ހަފްތާ 14 ގައި ހިމެނޭ ކަމެކެވެ.
މި އަހަރު ތެރޭގައި ޑިވެލޮޕްމަންޓް ބޭންކެއް އެޅި، ހިދުމަތްދޭން ފެށޭނެކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު މީގެ ކުރިން ވިދާޅުވެފައިވެއެވެ. މިކަމާ ގުޅިގެން ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ މަނިކުފާނު ހާމަކުރެއްވީ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ލޯގޯ ތަޢާރުފު ކުރެއްވުމަކީ ލިބިވަޑައިގެންނެވި އުފަލެއްކަމަށެވެ.
އެގޮތުން މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި ބޭންކް ވުޖޫދަށް ގެންނަން ބޭނުންވާ ގަވާއިދުތައް އެކުލަވައިލުމުގެ މަސައްކަތްތައް މިހާރު ކުރިއަށް އެބަ ދެއެވެ. މި ބޭންކުން ރާއްޖޭގެ ވިޔަފާރިވެރިންނަށާއި އިންވެސްޓަރުންނާއި ބޭރުގެ އިންވެސްޓަރުންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށާއި މީގެ ސަބަބުން މަޝްރޫޢުތައް ހިންގަން ބޭނުންވާ ފަންޑް ކުޑަ އިންޓްރެސްޓް ރޭޓެއްގައި އިންވެސްޓަރުންނަށް ދޫކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.